30 Mar 2017, 18:41
ސިޔާސީ ޕާޓީތަކުގެ މަޝްވަރާއަށް ސަރުކާރުން އަނެއްކާވެސް ގޮވާލީ އިދިކޮޅު ހަރަކާތްތައް ހުއްޓުވުމަށް ކަމަށް ޖުމްހޫރީ ޕާޓީގެ ނައިބު ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ ކިނބިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒު ވިދާޅުވެއްޖެ އެވެ.
އިދިކޮޅު ފަރާތްތަކުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރިޔާޒު ވިދާޅުވީ ސިޔާސީ ޕާޓީތަކުގެ މަޝްވަރާއަށް ސަރުކާރުން ގޮވާލީ ބޭރުގެ ޕްރެޝަރުން ސަލާމަތްވުމަށް ކަމަށް ވެސް ބެލެވޭ ކަމަށެވެ.
"އަޅުގަނޑު ދެކޭ ގޮތުގައި އޯލް ޕާޓީ ޓޯކްސްގެ ވާހަކަ ސަރުކާރުން މިވަގުތަށް ނެގައި އެއް ސަބަބަކީ ދެންމެ އެ ފާހަގަކުރެއްވިހެން އަޅުގަނޑުމެން މިކުރާމުންދާ މަސައްކަތް ހުއްޓުވާލުމާއި އަނެއްކާވެސް ދަޅައެއް ދައްކައިގެން އަދި އިންޓަނޭޝަނަލް ޕްރެޝަރު ވެސް ސަރުކާރަށް އޮތީމަ އެ ޕްރެޝަރުން ރެކެންވެގެން ދައްކާ ވާހަކައެއް،" ރިޔާޒު ވިދާޅުވިއެވެ.
ރިޔާޒު ވިދާޅުވީ މި ސަރުކާރަށް ވެސް އަދި ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމަށް ވެސް އިތުބާރެއް ނެތް ކަމަށާއި އެހެންކަމުން ވަގުތު ބޭކާރުކޮށްލެވެން ނެތް ކަމަށެވެ.
އޭނާ ވިދާޅުވީ ސިޔާސީ ގޮތުން އެންމެ ފުންނާބު އުސް ލީޑަރުން ތިބީ އިދިކޮޅު ފަރާތްތަކާ އެކުގައި ކަމަށާއި ސަރުކާރުގައި ތިބީ ސިޔާސީ ތަޖުރިބާ ނެތް ބައެއް ކަމަށެވެ.
އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އިބްރާހީމް މުހައްމަދު ސޯލިހު (އިބޫ) ވިދާޅުވީ ސިޔާސީ ޕާޓީތަކުގެ މަޝްވަރާއެއް ބާއްވާނަމަ ޕީޕީއެމްގެ ފަރާތުން އެ މަޝްވަރާގައި ބައިވެރިވާނެ މަންދޫބުން ކަނޑައެޅުމުގެ ބާރު ރައީސް މައުމޫން އަބްދުލް ގައްޔޫމަށް ލިބިވަޑައިގަންނަވަންޖެހޭނެ ކަމަށެވެ. ސަބަބަކީ ރައީސް މައުމޫން ހިމެނިވަޑައިގަންނަވާގޮތަށް އިދިކޮޅު ހަތަރު ލީޑަރުންގެ ވިސްނުމާއި ޚިޔާލު ނުހިމެނޭ ގޮތަކަށް ރާއްޖެއަށް ރަނގަޅު ހެޔޮ ބަދަލެއް ނާންނާނެތީ ކަމަށް އޭނާ ވިދާޅުވިއެވެ.
އިދިކޮޅު ފަރާތްތަކުން ކުރާ މަސައްކަތަކީ ސަރުކާރުން ހިންގާ ކޮރަޕްޝަނާއި ފަސާދައިގެ އަމަލުތައް ހުއްޓުވައި ހިފަހައްޓަމުންދާ ހައްގުތައް އަނބުރާ ރައްޔިތުންނަށް ހޯދައި ދިނުމަށް ކަމަށާއި އެ މަސައްކަތް ހުއްޓާނުލާނެ ކަމަށް އިބޫ ވިދާޅުވިއެވެ.
މިއަދު ނޫސްވެރިންނާ ބައްދަލުކުރައްވައި ފިޝަރީޒް މިނިސްޓަރު ޑރ. މުހައްމަދު ޝައިނީ ވިދާޅުވީ މަޝްވަރާގެ މޭޒަށް އައުމަށް އިދިކޮޅު ފަރާތްތަކަށް ގޮވާލާ ކަމަށެވެ. އަދި ސަރުކާރުން އޮތީ މަޝްވަރާކުރަން ފުރިހަމައަށް ތައްޔާރަށް ކަމަށް ޝައިނީ ވަނީ ވިދާޅުވެފައެވެ.