އެއްގަމުގައި ދުއްވާ އުޅަނދުފަހަރުގައި ޖަހާ ޑޮމެއިން ނަމްބަރު ވިއްކާއިރު ބީލަމަކާ ނުލައި ވިއްކާ ގޮތަށް ޓްރާންސްޕޯޓް އޮތޯރިޓީން ނިންމައިފި އެވެ.

އެއްގަމު އުޅަނދުގައި ޑޮމެއިން ބޭނުން ކުރުމުގެ ގަވާއިދުގެ ހަތް ވަނަ މާއްދާގެ އަކުރުތަކަށް އިސްލާހު ގެނެސް ގެޒެޓުކޮށްފައިވާ އާ ގަވާއިދުގައި އެ މާއްދާގެ (ހ)ގައި ވަނީ ޑޮމެއިން ވިއްކަން ވާނީ ޑޮމެއިން ގަތުމަށް އެދި އެ އޮތޯރީޓީ އަށް ހުށަހެޅުމުން ކަމަށެވެ.

ނަމަވެސް އެ ގަވާއިދުގެ (ހ)ގައި މީގެ ކުރިން އޮތީ، ޑޮމެއިން ވިއްކަން ވާނީ އެ ޑޮމެއިން ވިއްކުމުގައި މަދުވެގެން ހަތް ދުވަސް ކުރިން އާންމުކޮށް އިޢުލާންކޮށް އެކަމަށް ކުރިމަތިލީ ފަރާތްތަކުގެ ތެރެއިން އެންމެ މަތީ އަގެއް ހުށަހެޅި ފަރާތަކަށެވެ. ނުވަތަ ބީލަން ހުށަހަޅައިގެންނެވެ.

އަލަށް އެކުލަވާލި ގަވާއިދުގައި، ގަވާއިދުގެ ހަތް ވަނަ މާއްދާގެ (ނ)ގައި ބުނެފައި ވަނީ ސައިކަލުގެ ޑޮމެއިން ނަންބަރެއް 80،000 ރުފިޔާ އަށް އަދި ކާރާއި ވޭނުގެ ޑޮމެއިން ނަންބަރެއް އެއް ލައްކަ ރުފިޔާ އަށް ވިއްކާނެ ކަމަށް އެ އިސްލާހުގައި ބުނެފައިވެ އެވެ. ޑޮމެއިން ނަމްބަރު ވިއްކާނީ ސައިކަލާއި ކާރު އަދި ވޭނަށް އެކަންޏެވެ.

އަލަށް ގެނައި އިސްލާހާ އެކު އެ މާއްދާގެ (ށ) ވަނީ އުނިކޮށްފަ އެވެ. މީގެ ކުރިން އޮތް އެ އަކުރުގައި ބުނެފައި އޮތީ މި ގަވާއިދުގައި ބަޔާންކޮށްފައިވާ ޑޮމެއިން ވިއްކާނީ ނީލަން ނުވަތަ ބީލަމުގެ އުސޫލުން ކަމަށެވެ.