04 Jul 2011, 23:23
ތޫނިސް : ރައްޔިތުންގެ އުތުރިއެރުމެއްގައި މަޤާމުން ދުރުކުރެވިފައިވާ ތޫނިސްގެ ކުރީގެ ރައީސް ޒައިނުލްޢާބިދީން ބިންޢަލީ 15 އަހަރާއި 6 މަސްދުވަހުގެ މުއްދަތަށް ޖަލަށް ލުމަށް ތޫނިސްގެ ކޯޓަކުން ޙުކުމް ކޮށްފިއެވެ.
ބިންޢަލީގެ މައްޗަށް ޙުކުމް އިއްވަމުން ފަނޑިޔާރު ތުހާމީ ޙުފްޔާން ވިދާޅުވީ މަސްތުވާތަކެތި ގެންގުޅުމާއި އެއިން ވިޔަފާރި ކުރުމަށް ރާވާފައިވުމާއި ނަހަމަގޮތުގައ ހަތިޔާރު ގެންގުޅުމުގެ ކުށް ބިންޢަލީގެ މައްޗަށް ސާބިތުވާ ކަމުގައެވެ.
ބިންޢަލީ 15 އަހަރާއި 6 މަސްދުވަހުގެ މުއްދަތަށް ޖަލަށް ލުމުގެ އިތުރުން 108 ހާސް ދީނާރުން ޖޫރިމަނާ ކުރުންވެސް އޭނާގެ މައްޗަށް އިއްވި ޙުކުމްގައިވެއެވެ. މިއީ ވޭތުވެދިޔަ ދެހަފްތާގެ ތެރޭގައި ބިންއަލީގެ މައްޗަށް އިއްވި ދެވަނަ ޙުކުމެވެ.
ބިން ޢަލީ އާއި އޭނާގެ އަނބިކަނބަލުން ދައުލަތުގެ މުދަލާއި ފައިސާއަށް ޚިޔާނާތްތެރިވެ ވެފައިވާކަން ސާބިތުވާކަމަށްބުނެ އެދެބޭފުޅުން 35 އަހަރަށް ޖަލަށް ލުމަށް މިދިޔަ ޖޫންމަހުގެ 20 ވަނަ ދުވަހު ތޫނިސްގެ ކޯޓަކުން ޙުކުމް ކޮށްފައިވެއެވެ.
ރައްޔިތުންގެ އުތުރިއެރުމަކާ ގުޅިގެން ބިންޢަލީއާއި އޭނާގެ އަނބިކަނބަލުން ލައިލާ އައްތަރާބްލްސީ ތޫނިސް ދޫކުރައްވައި ސަޢުދީ އަރަބިޔާއަށް ވަޑައިގެންފައިވަނީ މިދިޔަ ޖަނަވަރީ މަހުގައެވެ. -- ރޮއިޓާސް