އަންނަ ޖުލައި މަހު ބާއްވާ ހައިރައިޒްގެ ދެ ވަނަ ވެކޭޝަންސް އެކްސްޕޯގައި،36 އަހަރުގެ ތަޖުރިބާއާ އެކު ވޮޔޭޖެސް މޯލްޑިވްސް އިން ބައިވެރިވެއްޖެ އެވެ.

ވޮޔޭޖެސް މޯލްޑިވްސްއަކީ 1980 ވަނަ އަހަރު އުފެއްދި ޓްރެވަލް ކުންފުންޏެކެވެ. ސަފާރީ އޮޕަރޭޝަންސްގެ އިތުރުން، ޓުއާ އޮޕަރޭޓަރުންނަށް ގްރައުންޑް ހެންޑްލިންގް ޚިދުމަތްތަކާއި އަދި އެއާލައިންތަކުގެ ރެޕްރެޒެންޓޭޓިވްކަން ވޮޔޭޖެސް މޯލްޑިވްސް އިން ކުރެ އެވެ. މީގެ އިތުރުން އިންބައުންޑް އަދި އައުޓްބައުންޑް ޓުއާތަކުގެ ޚިދުމަތް ވެސް އެކުންފުނިން ފޯރުކޮށްދެ އެވެ.

ވޮޔޭޖެސް މޯލްޑިވްސްއަކީ ރާއްޖޭގައި ބްރިޓިޝް އެއާވޭސް، ލުފްތަންސާ އަދި ބެއިޖިންގް ކެޕިޓަލް އެއާލައިންސްގެ ޖެނެރަލް ސޭލްސް އޭޖެންޓެވެ. އަދި އިއްތިހާދު އެއާވޭސް، ގަތަރު އެއާވޭސް، މެގަ މޯލްޑިވްސް އަދި ބެންގްކޮކް އެއާވޭސް ފަދަ އެއާލައިންތަކުގެ ޕެސެންޖާ ސޭލްސް އޭޖެންޓްކަން ކުރާ ކުންފުންޏެއް ވެސް މެ އެވެ.

މިދިޔަ އަހަރު ބޭއްވި ފުރަތަމަ ވެކޭޝަންސް އެކްސްޕޯގައި ވެސް ބައިވެރިވި ވޮޔޭޖެސް މޯލްޑިވްސްއިން "ސަން"އަށް މައުލޫމާތު ދެއްވަމުން ބުނި ގޮތުގައި، މިދިޔަ އަހަރުގެ އެކްސްޕޯގައި އެކުންފުންޏާއި އެކުންފުނީގެ ޚިދުމަތްތަކަށް ވަނީ ވަރަށް ބޮޑު އެކްސްޕޯޝާއެއް ލިބިފަ އެވެ.

"މިފަހަރު ވެސް އަޅުގަނޑުމެން މި ބައިވެރިވަކީ އަޅުގަނޑުމެންގެ އައުޓްބައުންޑް ޕެކޭޖުތަކާއި އެއާލައިން ޚިދުމަތްތައް ޕްރޮމޯޓުކުރުމަށް. އެކްސްޕޯއަށް އަޅުގަނޑުމެން އަންނާނީ ދިވެހީންނާއި ބޭރު މީހުންނަށް ޚާއްސަކޮށް ތައްޔާރުކޮށްފައިވާ ޓެއިލާ-މޭޑް ހޮލިޑޭ އޮޕްޝަންސްތަކާ އެކު،" ވޮޔޭޖެސް މޯލްޑިވްސްއިން ބުންޏެވެ.

މި އަހަރުގެ ވެކޭޝަންސް އެކްސްޕޯ އޮންނާނީ ޖުލައި މަހުގެ ހައެއް، ހަތެއް އަދި އަށްވަނަ ދުވަހު އެވެ. މި އެކްސްޕޯގައި، ދަތުރުފަތުރުގެ ދާއިރާގައި ޝާމިލުވެ އުޅޭ ގިނަ ކުންފުނިތަކަކުން ވަނީ ބައިވެރިވެފަ އެވެ.