04 Jul 2011, 23:16
ބެންގކޮކް: ތައިލެންޑްގެ ޢާންމު އިންތިޚާބުގެ ނަތީޖާ ޤަބޫލުކުރާނެކަން އެޤައުމުގެ ނުފޫޒުގަދަ ސިފައިންގެ މުއައްސަސާއިން ހާމަކޮށްފިއެވެ. ތައި ދިފާޢީ ވަޒީރު ޖެނެރަލް ބްރަވީތް ވިންޖެސްވާން ވިދާޅުވީ އިންތިޚާބުގައި އިދިކޮޅު "ބޮޔާ ތައި" ޕާޓީ ހޯދި ކާމިޔާބީ އަށް ސިފައިން އިޙްތިރާމްކުރާ ކަމަށާ އިދިކޮޅު ޕާޓީން އާ ސަރުކާރު އެކުލާވާލައި ޤައުމުގެ ވެރިކަމާ ޙަވާލުވުމާ ދެކޮޅަށް ސިފައިން ޙަރަކާތްތެރި ނުވާނެ ކަމުގައެވެ.
އަދި ތައިލެންޑްގެ ވެރިކަމުގެ ތެރެއަށް ދެން ސިފައިން ނުވަންނާނެ ކަމަށާ ވެރިކަންކުރާނީ ރައްޔިތުން އިންތިޚާބުކުރާ ސިޔާސީ ލީޑަރުން ކަން ސިފައިން ޤަބޫލުކުރާ ކަމަށްވެސް ޖެނެރަލް ބްރަވީތް ވިންޖެސްވާން ވިދާޅުވިއެވެ.
މިދިޔަ އާދީއްތަ ދުވަހު ތައިލެންޑްގައި ބޭއްވި ޢާންމު އިންތިޚާބުގައި އެޤައުމުގެ ކުރީގެ ބޮޑުވަޒީރު ތަކްސިން ޝިނަވަޓްރާގެ ބޮޔާ ތައި ޕާޓީއަށް ޕާލަމެންޓްގެ 500 ގޮނޑީގެ ތެރެއިން 264 ގޮނޑި ލިބިފައިވާއިރު މިހާރުގެ ބޮޑުވަޒީރު އަބިސިތް ވިޖޭޖީވާގެ ޕާޓީއަށް ލިބިފައިވަނީ 160 ގޮނޑިއެވެ. މިއީ ތައިލެންޑްގެ މިހާރުގެ ސަރުކާރާއި އެޤައުމުގެ ނުފޫޒުގަދަ ސިފައިންގެ މުއައްސަސާއަށް ސިހުން ލިބިގެންދިޔަ ނަތީޖާއެއް ކަމަށް މުރާސިލުން ސިފަކުރެއެވެ.
ބޮޑުވަޒީރު ކަމުގައި ހުންނަވަނިކޮށް 2006 ވަނައަހަރު ތަކްސިން މަޤާމުން ދުރުކޮށްފައިވަނީ ތައި ސިފައިން ގެނައި ޢަސްކަރީ އިންޤިލާބަކުންނެވެ. މިއިންޤިލާބުގައި މިހާރުގެ ދިފާޢީ ވަޒީރު ޖެނެރަލް ބްރަވީތް ވިންޖެސްވާން ބައިވެރިވެ ވަޑައިގެންފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.
އިންޤިލާބު ގެނަސްފައިވަނީ ތަކްސިން ޤައުމުން ބޭރުގައި ހުންނަވަނިކޮށެވެ. އެއަށްފަހު ތަކްސިން އެނބުރި ޤައުމަށް ވަޑައިގެންފައެއް ނުވެއެވެ. ތަކްސިން އުޅުއްވަމުން ގެންދަވަނީ ޔުނައިޓެޑް އަރަބް އިމަރޭޓްސްގެ ދުބާއގައެވެ. ކޮރަޕްޝަންގެ މައްސަލާގައި ދެއަހަރު ދުވަހަށް ޖަލަށް ލުމުގެ ޙުކުމެއް އޭނާގެ މައްޗަށް ކޮށްފައިވެއެވެ.
ައުމުން ބޭރުގައި މިހާރު ހުންނެވި ތަކްސިންގެ ޕާޓީގެ މިހާރުގެ ލީޑަރަކީ އޭނާގެ އަންހެން ކޮށްކޮ އުމުރުން 44 އަހަރުގެ ޔަންޖަލިކް ޝިނަވަޓްރާއެވެ. ތައިލެންޑްގެ އާބޮޑުވަޒީރަކަށް ވެވަޑައިގަންނަވާ ޔަންޖަލިކްއަކީ ހަމައޭނާގެ ކޮޕީއެއްކަމަށް ތަކްސިން ވިދާޅުވުމުން ސިފައިންގެ މުއައްސަސާއާއި މިހާރުގެ ބޮޑުވަޒީރު އަބިސިތް އާއި ތަކްިސންއާ އިދިކޮޅު ފަރާތްތައް އިތުރަށް މާޔޫސްވެފައިވާ ކަމަށް ޚަބަރުތައް ބުނެއެވެ. ޔަންޖަލިކް ގެންދަވަނީ އާ ސަރުކާރެއް އެކުލަވާލުމަށްޓަކައި ބުޔާ ތައި ޕާޓީއަށް ތާއީދުކުރާ ބައެއް ކުދި ޕާޓީތަކާއެކު މަޝްވަރާ ކުރައްވަމުންނެވެ.
އާންމު އިންތިޚާބުގައި ބަލިވުމުގެ ޒިންމާ އުފުއްލަވާ ކަމަށް ވިދާޅުވެ ތައި ބޮޑުވަޒީރު އަބިސިތް މިއަދުވަނީ އޭނާގެ ޑިމޮކްރެޓިކް ޕާޓީގެ ލީޑަރުކަމުން އިސްތިއުފާ ދެއްވާފައެވެ. -- ރޮއިޓާސް