30 Mar 2017, 14:10
އަންނަ މަހުން ފެށިގެން ވިންޑޯސް ބައެއް ފޯނުތަކުގައި ފޭސްބުކް އަދި މެސެންޖާ އެޕް މަސައްކަތް ނުކުރާނެ ކަމަށް ފޭސްބުކުން ބުނެފި އެވެ.
ފޭސްބުކުން ބުނި ގޮތުގައި ވިންޑޯސް 8.1 އޮޕަރޭޓިން ސިސްޓަމް ނުވަތަ އޭގެ ކުރިން ނެރުނު އޯއެސް ބޭނުން ކުރާ ފޯނުތަކުގައި ދެން މެސެންޖާ އެޕް ބޭނުން ނުކުރެވޭނެ އެވެ. ފޭސްބުކުން ވަނީ އެބަދަލުގެ ސަބަބުން މެސެންޖާ ބޭނުން ނުކުރެވޭނެ ފަރާތްތަކަށް އީމެއިލް މެދުވެރިކޮށް އެކަން އަންގައިފަ އެވެ.
ވިންޑޯސް ފޯނުތަކުގެ އިތުރުން ފޭސްބުކާއި މެސެންޖާގެ ކުރީގެ ބައެއް ވާޝަންތައް ބޭނުން ކުރާ އެޕަލް އަދި އެންޑްރޮއިޑް ފޯނުތަކުގައި ވެސް އަންނަ މަހުން ފެށިގެން ފޭސްބުކް އަދި މެސެންޖާ އެޕް މަސައްކަތް ނުކުރާނެ އެވެ.
އެގޮތުން އެންޑްރޮއިޑް ފޯނުތަކުގައި ފޭސްބުކުގެ ވާޝަން 55 އާއި މެސެންޖާގެ ވާޝަން 10 ބޭނުން ކުރާ ފަރާތްތަކާއި އައިޕެޑުގައި ފޭސްބުކުގެ ވާޝަން 26 ބޭނުން ކުރާ ފަރާތްތަކާއި 2011 ވަނަ އަހަރު އައިއޯސްއަށް ނެރުނު ފޭސްބުކް އެޕް ބޭނުން ކުރާ ފަރާތްތަކަށް އަންނަ މަހުން ފެށިގެން އެއެޕްތައް ބޭނުން ނުކުރެވޭނެ ކަމަށް ފޭސްބުކުން ބުނެ އެވެ.
ފޭސްބުކް ނުވަތަ މެސެންޖާ އެޕް މަސައްކަތް ނުކުރާ ނަމަ އެކުންފުނިން ލަފާ ދެނީ ފޯނުގެ އޯއެސް އާއި ފޭސްބުކް އަދި މެސެންޖާ އެޕް އަޕްޑޭޓް ކުރުމަށެވެ.