(23 މާރޗްގެ އަދަދާ ގުޅޭ)

އެއްދުވަހަކު މޭބިސްކަދުރު ފަރިއްކުޅުއްވާ ހިތްޕުޅުން އަނބިކަނބަލުންނާ ސުވާލުކުރެއްވިއެވެ. "ކަމަނާގެ އަތްޕުޅުގައި އެންމެ ދިރުހަމެއް އެބައޮތްތޯއެވެ؟ އަޅުގަނޑު މޭބިސްކަދުރު ކާހިތްވެއްޖެއެވެ."

އަނބިކަނބަލުން ހިތްޕުޅާހަމަނުކުރައްވައި ވިދާޅުވިއެވެ. “އަމީރުލްމުއުމިނީންގެ މަޤާމުގައި ހުންނަވައި އެންމެ ދިރުހަމެއްގެވެސް ފޯރުންތެރިކަމެއްނެތީތޯއެވެ؟" ޢުމަރު ވިދާޅުވިއެެވެ. "ނަރަކައިގެ ހިލިހިލާތަކަށްވުރެ ތިޔަކަން އަޅުގަނޑަށް ފަސޭހައެވެ."

އެއް އަހަރަކު ފިޠުރު ޢީދު ކައިރިވާން ފެށުމުން އަނބިކަނބަލުން ވިދާޅުވިއެވެ. "ޢީދު އައިސްޖެހެނީއެވެ. ޢީދު ދުވަހު އެހެންމީހުންގެ ދަރީން ތިބޭނީ މޮޅު، ރީތި ހެދުންލައި ނަލަހެދިގެންނެވެ. އަޅުގަނޑުމެންގެ ކުދީންގެ އަތުގައި ހުރީ ވަރަށް ދެރަ ބާހެދުމެވެ. އަމީރުލްމުއުމިނީންގެ ބޭފުޅުން ޢީދު ދުވަސްދުވަހުވެސް މިހާ ނިކަމެތިކޮށްތިބޭތީ އަޅުގަނޑު ވަރަށް ލަދުގަނެއެވެ."

އަމީރުލްމުއުމިނީން އެވާހަކަފުޅު އަޑުއައްސަވައިފައި ބައިތުލްމާލުގެ ވެރިޔާއަށް ސިޓީއެއް ލިޔުއްވިއެވެ. "އަޅުގަނޑުގެ އެއްމަސްދުވަހުގެ މުސާރަ ކުރިޔަށް ފޮނުއްވައިދެއްވާށެވެ."

ބައިތުލްމާލުގެވެރިޔާ އެސިޓީފުޅުގެ ނުފުށުގައި ލިޔުއްވައިފައި ފޮނުއްވިއެވެ. "އެއްމަސް ދުވަސްވަންދެން މަނިކުފާނު ދުނިޔޭގައި ހުންނަވާނެކަމުގެ ކަށަވަރުކަމަކީ ކޮބައިތޯއެވެ؟"

އެޢިބާރާތް ވިދާޅުވެފައި ލޯފުޅުން ކަރުނަފޮދު އަތުވެއްޖެއެވެ. ވިދާޅުވިއެވެ. "އިރާދަކުރެއްވިއްޔާ އަހަރެންގެ ކުދީންނަށް ސުވަރުގެއިން ރީތި މޮޅު ހެދުން ލިބޭނެއެވެ. އެހެންކަމުން މިދުނިޔެމަތީން ރީތި މޮޅުހެދުން ހޯދާކަށެއް ބޭނުމެއްނޫނެވެ."

ޚަލީފާކަން ލިބިވަޑައިގަތުމަށްފަހު ފަރިއްކޮޅަށްވެސް ވަރަށްބޮޑަށް ބަދަލުގެންނެވިއެވެ. މީރު، މޮޅު އެއްޗެހި ފަރީއްކުޅުއްވުން މުޅީން ހުއްޓައިލެެއްވިއެވެ. އާދަވެގެން ބޭނުންކުރައްވާ ދެރަ ފަރިއްކޮޅުވެސް ބަނޑުފުޅުފުރޭ ވަރަކަށް ފަރީއެއްނުކުޅައްވައެވެ. ޢުމަރު ބުނު ޢަބްދުލްޢަޒީޒު ރަޙިމަހުﷲގެ އަނބިކަނބަލުންގެ އަރިހުގައި އެއްދުވަހަކު ގަނޑުވަރުގެ ނޯކަރެއް ޝަކުވާކުރިއެވެ. ކޮންމެ ދުވަހަކު މުގު ކައިކައި ފޫހިވެއްްޖެއެވެ. އަނބިކަނބަލުން ޖަވާބު ދެއްވިއެވެ. "ކަލޭގެ ސާހިބާ އަމީރުލްމުއުމިނީންވެސް ކޮންމެ ދުވަހަކު ފަރީއްކުޅުއްވަނީ މުގެއް ނޫންހެއްޔެވެ؟"

އެއްދުވަހަކު ފަތިހު ގަނޑުވަރުން ނިކުމެވަޑައިގެންނެވުން އާދަޔާޚިލާފަށް ލަސްކުރެއްވިއެވެ. މީހަކު އެކަމާ ސުވާލުކުރުމުން ވިދާޅުވިއެވެ. "ރޭގައި ކެއީ މަސޫރު (މަގު ބޭނުންކުރާގޮތަށް ބޭނުންކުރާ ގޮވާމެއް) އާއި، މުގެވެ. އެތަކެތި ކެއުމުން ބަނޑުގައި ރިއްސާތީ މަޑުކޮށްލީއެވެ." އެތަނުން މީހަކު ދެންނެވިއެވެ. "އަމީރުލްމުއުމިނީން އެވެ. އަރަހުށި މާތްﷲ ވަޙީކުރައްވައިފައިވަނީ ތިމަންރަސްކަލާނގެ ތިޔަބައިމީހުންނަށް ދެއްވި ރަނގަޅު ތަކެތީން ތިޔަބައިމީހުން ކައިބޮއި އުޅޭށެވެ. މިފަދައިން ނޫންތޯއެވެ.؟" އަމީރުލްމުއުމިނީން ވިދާޅުވިއެވެ. "ކަލޭގެ ތިޔަ ނަގަނީ ރަނގަޅު މާނައެއް ނޫނެވެ. އެބަސްފުޅުގެ މުރާދަކީ ޙަލާލު ވަސީލަތްތަކުން ހޯދާ މުދަލުގެ ވާހަކައެވެ. މީރު ކާއެއްޗެހީގެ ވާހަކައެއް ނޫނެވެ." ފަރީއްކުޅުއްވާ ސުފުރާކޮޅުމަތީގައި ބައެއްފަހަރަށް ހިކިރޮއްޓާއި ޒައިތޫނިތެޔޮ ނޫން އެހެން އެއްޗެއްނުހުރެއެވެ. އަނބިކަނބަލުންނާއި ބޭފުޅުންވެސް ފަރީއްކުޅުއްވައި އުޅުއްވީ އެއާދައިގެ ފަރީއްކޮޅެވެ.

އަމީރުލްމުއުމިނީން އެއްރެޔަކު އިޝާނަމާދަށްފަހު އެކަލޭގެފާނުގެ ދަރިދަރިކަނބަލުން އުޅުއްވާ ކޮޓަރިކޮޅަށް ވެދެވަޑައިގެންނެވިއެވެ. ކޮންމެ ބޭފުޅަކުވެސް ބައްޕާފުޅުގެ އަރިހަށް ވަޑައިގެންނެވީ އަނގަފުޅުމަތީގައި އަތްޕުޅު އަޅުއްވައިގެންނެވެ. އެއީ ކީއްވެގެން ހައްދަވާގޮތެއްތޯ ސުވާލުކުރެއްވުމުން އެބޭފުޅުން ޖަވާބު އެރުއްވިއެވެ. "މިރޭ ކާންހުރީ މަސޫރާއި ފިޔައެވެ. ބައްޕާފުޅަށް ފިޔާވަސް ދުވާނެތީ އަޅުގަނޑުމެން އަނގަމަތީގައި އަތްއަޅަނީއެވެ. އެއަޑުފުޅު އިވިވަޑައިގެންނެވުމުން ކީރިތި ކުރެއްވިއްޖެއެވެ. ވިދާޅުވިއެވެ. "ތިޔަކުދީންނަށް މީރު އެއްޗެހި ކާންދީފައި ބައްޕަ ނަރަކައިގެ ދަރުގަނޑަކަށްވާން ތިޔަކުދީން ޤަބޫލުހެއްޔެވެ.؟" އަމީރުލްމުއުމިނީން އެހެން ވިދާޅުވުމުން ބޭފުޅުންވެސް ކީރިތިކުރައްވާން ފައްޓަވައިފިއެވެ.

ޢުމަރު ބުނު ޢަބްދުލްޢަޒީޒު ރަޙިމަހުﷲގެ ކުރީން އުމަވީ ދައުލަތުން ވެރިކަން ކުރެއްވި ވެރީން ވަނީ ވެރިންނާއި ރައްޔިތުންގެ މެދުގައި ދަރަޖައިގެގޮތުން ވަރަށް ބޮޑު ތަފާތުތަކެއް އުފައްދަވައިފައެވެ. ސާހިބުންނާއި، ޚާދިމުންނަކީ އަރާއަރަފޯދޭ ބައެއް ނޫންކަމުގައި ހައްދަވައިފައެވެ. އަމީރުލްމުއުމިނީން ޢުމަރު ބުނު ޢަބްދުލްޢަޒީޒުރަޙިމަހުﷲ އެހުރިހާ އިމްތިޔާޒުތަކެއް އުވާލެއްވިއެވެ. އޭގެ ބައެއް މިސާލުތައް އިސްވެދިޔަތާނގައި ވަނީ ބަޔާންކޮށްފައެވެ. ޚިލާފަތުގެ ގަނޑުވަރުގެ އަގުބޮޑު ހުރިހާ ދޮރުފޮތިތަކަކާއި، ދޫލަތަކާއި، އެނޫންވެސް ދެއްކުންތެރިކަމުގެ ހުރިހާ ސާމާނުތަކެއް ވިއްކައިލައްވައި އެތަކެތީގެ އަގު ބައިތުލްމާލަށް ޖަމާކުރެއްވިއެވެ.

ގަނޑުވަރުގެ ހުރިހާ ޚާދިމުންނަށްވެސް އެކަލޭގެފާނަށް އިޙްތިރާމްކުރުމުގެ ގޮތުން ތެދުވެ އަދަބު އަދާކުރުން މަނާކުރެއްވިއެވެ. ޚުދު އަމީރުލްމުއުމިނީން ނޯކަރުންނާ އެއްހަމައެއްގައި އިށީނދެވަޑައިގެން އުޅުއްވަންފެއްޓެވިއެވެ. އެކި ބޭނުންތަކުގައި އަރިހަށް އަންނަމީހުންނަށްވެސް ކޮޅަށްތިބެ ވާހަކަތައް ދަންނަވައި މައްސަލަތައް ހުށަހަޅައިހެދުން މަނާކުރެއްވިއެވެ. ވިދާޅުވެއެވެ. ތިޔަބައިމީހުންވެސް އިށީނދެތިބެ ވާހަކަ ދައްކާށެވެ. އެހެންނޫނީ އަހަރެންވެސް ހުންނާނީ ކޮޅަށެވެ. މިގޮތުން އިމްތިޔާޒުތައް ނިމުމަކަށް އައިސް ނަބަވީ ދައުރާއި، އަލްޚުލަފާއުއްރާޝިދޫންގެ ޒަމާނުގައި މުސްލިމުންގެ މެދުގައި އޮތް ހަމަހަމަކަން އަލުން އިޢާދަވިއެވެ.

އަމީރުލްމުއުމިނީން މިސްކިތުގެ ޙަލްޤާއަކުން އަނެއް ޙަލްޤާއަކަށް ނުވަތަ އާއްމު ދަރުބާރުތަކުގެ އެއްމަޖްލީހަކުން އަނެއް މަޖްލިހަކަށްް ބަދަލުވެވަޑައިގެންނެވުމުން ބޭރުން އަންނަ މީހުންނަށް އަމީރުލްމުއުމިނީން ވަކިކުރަން ނޭނގޭ ވަރަށް ހަމަހަމަކަން އާއްމުވީއެވެ. އެންމެން އެއްވަރުވިއެވެ. ޙަކަމް ބުނު ޢަމްރު އައްރަޣީނީ ވިދާޅުވެފައިވެއެވެ. އަމީރުލްމުއުމިނީންގެ މަޖްލިސްތަކުގެ ހަމަހަމަކަމާއި ސާދާކަމުން ބޭރުން އަންނަމީހުންނަކަށް އެކަލޭގެފާނު ވަކިކުރާކަށެއް ނޭނގެއެވެ. އެެހެންކަމުން އެފަދަމީހުންނަށް ޖެހެނީ އިޝާރާތުން އަމީރުލްމުއުމިނީން ދައްކައިދޭށެވެ.

ގަނޑުވަރުގެ ނޯކަރުންނާއި، ބާނދީންނާމެދުވެސް މުޢާމަލާކުރައްވައި އުޅުއްވީ ވަރަށް އޯގާވެރިކޮށެވެ. އެހައިމެ ހިތްޕުޅުހެޔޮކޮށެވެ. ހަމަހަމަކޮށެވެ. އެމީހުންނަކީ ޚުދު އަމީރުލްމުއުމިނީނަށްވުރެ ދެރަ ބައެއްކަމަށް ނުބައްލަވައެވެ. އެއްފަހަރަކު އަމީރުލްމުއުމިނީންނަށް ފަންކާކޮށްދޭން ހުރި ބާނދީއަކު ލޮލުފިޔަޖެހުމުން ޚުދު އަމީރުލްމުއުމިނީން ފަންކާ ނަންގަވައި އެކަނބުލޭގެއަށް ވިހެދެއްވަން ފެއްޓެވިއެވެ. އެކަނބުލޭގެއަށް ހޭލެވުމުން ލިބުނު ކުއްލި ސިހުމުގައި ހަޅޭއްލަވައިގަނެވުނެވެ. އެވަގުުތު ވިދާޅުވިއެވެ. "ކަނބުލޭގެއަކީވެސް އަހަރެންފަދަ އާދަމުގެ ދަރިޔަކީމުއެވެ. ކަނބުލޭގެ އަށްވެސް ހޫނުވާނެއެވެ. އެހެންވެ ކަނބުލޭގެ އަހަންނަށް ފަންކާކޮށްދިން ފަދައިން އަހަރެންވެސް ކަނބުލޭގެއަށް ފަންކާކޮށްލަދިނީއެވެ."

އެއްރެޔަކު ރަޖާއު ބުނު ޙަޔަވާތު ރަޙިމަހުﷲ އާ ވާހަކަ ދައްކަވަން ވަރަށް ގިނައިރު އިންނެވިއެވެ. އަރިހުގައި ދިއްލައިފައިހުރި ބައްތީން ތެޔޮހުސްވެ ހުޅުގަނޑު ފިޔަޖަހާންފެށިއެވެ. އޭރު އެތާނކައިރީގައި ޚާދިމެއް ނިދައިފައި އޮތެވެ. ރަޖާއު އޭނާއަށް ވިދާޅުވާން އުޅުއްވަމުން ޢުމަރު ވިދާޅުވިއެވެ. "އޭނާ އަރާމުކޮށްލަން ބާއްވަވާށެވެ." ރަޖާއު ބައްތިޔަށް ތެޔޮއަޅުއްވަން ތެދުވެވަޑައިގަންނަވާން އުޅުއްވުމުން އެކަންވެސް މަނާކުރެއްވިއެވެ. ވިދާޅުވިއެވެ. "މެހްމާނުން ލައްވައި މަސައްކަތްކުރުވުމަކީ މުރުއްވަތާ ޚިލާފުކަމެކެވެ." އެހެންވިދާޅުވެފައި ތެދުވެވަޑަައިގެން ބައްތިޔަށް ތެޔޮއަޅުއްވައި ބައްތި ރަނގަޅު ކުރެއްވިއެވެ. އެކަންތައް ނިންމަވައިފައި ވިދާޅުވިއެވެ. "ބައްތިޔަށް ތެޔޮއަޅަން ދިޔައިރުވެސް އަޅުގަނޑަކީ ޢުމަރު ބުނު ޢަބްދުލްއަޒީޒެވެ. އެނބުރި އައިއިރުވެސް ހަމަ ޢުމަރު ބުނު ޢަބްދުލްޢަޒީޒެވެ."

ކޯފާ މަޑުކަން

ޢުމަރުގެ ޠަބީޢަތުގައި ނިއަނެތިކަމާއި، ހިތްޕުޅުތިރިކަމާއި، މަޑުމޮޅިކަމުގެ އިތުރަށް ކޯފާމަޑުކަމާއި، ކެތްތެރިކަން ވެސް ވަރަށް ބޮޑަށް ހުރެއެވެ. އެއްފަހަރަކު މީހަކު އެކަލޭގެފާނާ ވަރަށް ހުތުރުބަހުން ވާހަކަ ދައްކައި ބޭއަދަބީ ކަންތައްތަކެއް ކުރުމުން ވަރަށް ހަމަޖެހިވަޑައިގެން ވިދާޅުވިއެވެ. "ކަލޭގެ ބޭނުންވަނީ ސަރުކާރު ލަގަންއޮތް މީހެއްގެ ޙައިޘިއްޔަތުން އަހަރެން ލައްވައި ކަލެޔާމެދު ކަންތައްތަކެއް ކުރުވަންހެއްޔެވެ؟ ޤިޔާމަތްދުވަހުން ބަދަލު ލިބިގަތުމުގެ ފުރުޞަތު ހޯދަންހެއްޔެވެ؟" އެހެން ވިދާޅުވެފައި އޭނާއަށް މާފުދެއްވިއެވެ.

އެއްފަހަރަކު މިންބަރުގައި ޚުޠުބާއެއް ވިދާޅުވާން ހުންނަވަނިކޮށް މީހަކު ތެދުވެ އެކަލޭގެފާނާ މުޚާޠަބުކޮށް ބުންޏެވެ. "އަހަރެން ހެކިވަމެވެ. ކަލެޔަކީ ފާސިޤަކީމުއެވެ." އެމީހާ އެހެން ދެންނެވީ ހަމައެކަނި ނުލަފާކަން ދެއްކުމަށްޓަކައެވެ. އަމީރުލްމުއުމިނީން ބޭނުންފުޅު ނަމަ އެމީހާއަށް ވަރަށް ހަރުކަށި އަދަބެއް ދެއްެވިއްޖައީހެވެ. ނަމަވެސް ވިދާޅުވީ އެންމެ ޖުމުލައެކެވެ. ވަރަށް މަޑުމައިތިރިކަމާއެކުގައެވެ. އާދެ، އަމީރުލްމުއުމިނީން ވިދާޅުވިއެވެ. "ކަލެޔަކީ ދޮގުހެކިދޭ މީހަކީމުއެވެ. އަހަރެން ކަލޭގެ ހެކިބަސް ޤަބޫލެއް ނުކުރަމެވެ."

އެއްރެޔަކު އަނދިރީގެ ތެރޭގައި މިސްކިތަށް ވެދެވަޑައިގަންނަވަނިކޮށް މިސްކިތުގައި އޮށޯވެ އޮތްމީހެއްގެ ގައިގައި ފައިންޕުޅުން ޖެހުނެވެ. އެމީހާ ރުޅިއައިސްގެން ހަޅޭއްލަވައިގަތެވެ. " ކަލޭތިޔަހަރީ މޮޔަވެފައި ހެއްޔެވެ؟" އޭނާ ބުންޏެވެ. ޢުމަރު ބުނު ޢަބްދުލްޢަަޒީޒު ރަޙިމަހުﷲ ވަރަށް މައިތިރިކަމާއެކު ނޫނެކޭ ވިދާޅުވިއެވެ. އެވަގުތު އަރިހުގައި ހުރި ޚާދިމު އެމީހާއަށް އަދަބުދޭން އުޅުނެވެ. ޢުމަރު ބުނު ޢަބްދުލްޢަޒީޒު އެކަން މަނާކުރައްވައިފައި ވިދާޅުވިއެވެ. "އޭނާ އަހަރެން މިހިރީ މޮޔަވެފައިތޯ އަހައިލީއެވެ. އަހަރެން ނޫނެކޭ ބުނެފީމެވެ. މިއަށްވުރެ މައްޗަށް ގެންދިޔުމުގެ ބޭނުމެއްނެތެވެ."

އެއްދުވަހަކު މީހަކު ކަރުދާސް ބޮނޑިވަރެއް ހިފައިގެން އައިސް ޢުމަރު ބުނު ޢަބްދުލްޢަޒީޒުގެ މޫނުފުޅާދިމާޔަށް ހޫރައިލިއެވެ. އެއިން ޖެހިފައި ކޯތާފަތްޕުޅުގައި ކޫރުމެއް އެޅި ލޭފޮދު ނީރާލިއެވެ. ނަމަވެސް ޢުމަރު ބުނު ޢަބްދުލްޢަޒީޒު އޭނާ ގެނައި ސިޓީ ނުހަނު ބަރުދާސްކުރެއްވުމާއެކު ވިދާޅުވެ އޭނާ އެދުނު މުހުތާދުތައް ފުއްދަވައިދެއްވިއެވެ. އެއްދުވަހަކު އަރިހަށް އައިމީހެއް ނުހަނު ބަދުބަހުން އެކަލޭގެފާނާ ދިމާޔަށް މޮށެ ހަޅޭއްލެވިއެވެ. ނަމަވެސް އުމަރު ބުނު ޢަބްދުލްޢަޒީޒު އެއްވެސް ޖަވާބެއް ނުދެއްވިއެވެ. އެކަލޭގެފާނު އެއްވެސް ޖަވާބެއް ނުދެއްވައިގެން މީހުން ސުވާލުކުރުމުން ވިދާޅުވިއެވެ. "މާތްﷲގެ ރަސްކަންފުޅުދެކެ ގަންނަބިރު އަހަރެންގެ ބަސްހުއްޓުވީއެވެ."

އެއްފަހަރަކު ސަވާރުވެވަޑައިގެން ތަނަކަށް ވަޑައިގަންނަވަނިކޮށް ފައިމަގުގައި ހިނގައިފައިދިޔަ މީހެއްގެ ގައިގައި އެކަލޭގެފާނުގެ ސަވާރީން ޖެހުނެވެ. އެމީހާ ވަރަށް ހަޅޭއްލަވައި އެއްޗެހިގޮވިއެވެ. ހަމައެނޭވާގައި ބުންނެވެ. " އެމީހެއްގެ ސަވާރީގެ ފަހަތަށް އަހަރެން ސަވާރު ކޮށްގެން ގެންގޮސްދޭނެ މީހަކު އެބަހުރިހެއްޔެވެ؟" އުމަރު ބުނު ޢަބްދުލްޢަޒީޒު އެކަލޭގެފާނުގެ ޚާދިމަށް އަންގަވައިގެން އެކަލޭގެ ދެންނެވި ފެންގަނޑަކާ ހަމައަށް އޭނާ ފޮނުއްވައިދެއްވިއެވެ.

އެއްފަހަރަކު ކޮންމެވެސް ކުއްޖެއް އެކަލޭގެފާނުގެ ބޭފުޅެއްގެ ގައިކޮޅުގައި ތަޅައިގަތެވެ. މީހުން އެކުއްޖާ އަތުލައިގަނެގެން ޢުމަރު ބުނު ޢަބްދުލްޢަޒީޒުގެ އަނބިކަނބަލުންގެ އަރިހަށް ގެންދިޔައެވެ. އަމީރުލްމުއުމިނީން އެކަލޭގެފާނުގެ ކޮޓަރިކޮޅުގައި އުޅުއްވަނިކޮށް ބޭރުން އަޑުގަދަވާތީ ނިކުމެވަޑައިގެންނެވިތަނާ އަންހެނަކު އަތުވެއްޖެއެވެ. އޭނާ ދެންނެވިއެވެ. މިއީ އަޅުގަނޑުގެ ކުއްޖެކެވެ. ޔަތީމުކުއްޖެކެވެ. ޢުމަރު ބުނު ޢަބްދުލްޢަޒީޒު ވިދާޅުވިއެވެ. މީނާއަށް ސަރުކާރުގެ ޕެންޝަން ލިބޭ ހެއްޔެވެ؟ އެ އަންހެންމީހާ ނޫނެކޭ ދެންނެވުމުން ހަމައެވަގުތު އެކުއްޖާއަށް ޕެންޝަން ހަމަޖައްސައިދޭން އަމުރުކުރެއްވިއެވެ.

މީހުންގެ ބޭނުންތައް ފުުއްދަވައިދެއްވުން

މީހުންގެ މުހުތާދުތައް ފުއްދަވައިދެއްވުމަކީ ޢުމަރު ބުނު ޢަބްދުލްޢަޒީޒު ރަޙިމަހުﷲ ޚާއްޞަ ބާރެއް އެޅުއްވިކަމެކެވެ. ޚަލީފާކަމުގެ މަޤާމާ ޙަވާލުވެވަޑައިގެންނެވުމަށްފަހު ވަރަށް ގިނައިން ވިދާޅުވެ އުޅުއްވިއެވެ. "އަހަންނަކީ މިއުންމަތުގެ މީހުންގެ ކުދިބޮޑު ހުރިހާ ބޭނުންތަކެއް ފުއްދައިދޭންޖެހޭމީހާއެވެ. އެހެންކަމުން ނިކަމެތީންނާއި، ފަޤީރުންނާއި، އެކިއެކި މުހުތާދުތައް ޖެހިފައިތިބޭ މީހުންނާއި، ގެއްލިފައިވާ މީހުންނާއި، ޤައިދީންނާއި މިބާވަތުގެ އެންމެންނާ މެދުވެސް އަހަރެން ޚިޔާލުކުރަމެވެ. އެކަހަލަ މީހުންތައް އުންމަތުގެ ސަރާސަރު ސަރަހައްދުގައިވަނީ ފެތުރިފައެވެ. އެއެންމެންގެ ޒިންމާ އެޅޭނީ އަހަރެންގެ ކޮނޑުގައެވެ. އަހަރެން ވިސްނަމެވެ. އަރަހުށި ހުސްޠާހިރުވަންތަ މާތްﷲ ޤިޔާމަތް ދުވަހުން އެފަދަމީހުންނާ ބެހޭގޮތުން އަހަންނާ ސުވާލުކުރެއްވުމުން ދަންނަވާނީ ކީކޭބާވަައެވެ؟ ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމަ އެފަދަ މީހުންގެ މައްސަލަތަކުގައި އަހަރެންގެ މައްޗަށް ދަޢުވާކުރައްވައިފިނަމަ ދިފާއުގައި ދެންނެވޭެނީ ކީކޭބާވައެވެ؟ މާތްﷲގެ ޙަޟުރަތުގައި މަޤްބޫލު ޢުޒުރެއް ނުދެއްކިއްޖެނަމަ، ނުވަތަ މަޙްޝަރުގެ ޝާފިޢުގެ ދަޢުވާއަށް ފުރިހަމަޔަށް ޖަވާބުދާރީ ނުވެވިއްޖެނަމަ އަހަރެންގެ ނިމުމަކަށްވާނީ ކޮންކަމެއްބާވަައެވެ؟"

އަމީރުލްމުއުމިނީން ޢުމަރު ބުނު ޢަބްދުލްޢަޒީޒު ރަޙިމަހުﷲގެ ހިތްޕުޅުގައި އޮންނަ މިވަރުގަދަ މަސްއޫލިއްޔަތުގެ އިހްސާސުގެ ސަބަބުން އެކަލޭގެފާނުގެ ހުރިހާ އޮފިސަރުންނަށާއި އަރިސް ބޭފުޅުންނަށް ލާޒިމުކުރައްވާ އެއް ޝަރުޠަކީ އެކަލޭގެފާނުގެ އަރިހަށް ނާދެވޭ ފަދަ މީހުންގެ ބޭނުންތައް އެކަލޭގެފާނުގެ އަރިހަށް ހުށަހަޅުއްވަމުން ގެންދެވުމެވެ.

އެއްފަހަރަކު ޢައުރާބިންގެ މީހެއް އެކަލޭގެފާނުގެ އަރިހަށް ގޮސް އޭނާގެ ބޭނުންތަކުގެ ވާހަކަ ދެންނެވިއެވެ. އޭނާ އެވާހަކަތައް ހުށަހެޅީ ވަރަށް އަސަރުގަދަ ބަސްތަކަކުންނެވެ. އޭނާގެ ވާހަކަ އަޑުއައްސަވައިފައި ޢުމަރު ބުނު ޢަބްދުލްޢަޒީޒު ރަޙިމަހުﷲ އިސްދަށަށް ޖައްސަވައިލައްވައި ކީރިތިކުރެއްވިއެވެ. އިރުކޮޅަކުން އިސްއުފުލައިލައްވައި ސުވާލުކުރެއްވިއެވެ. ކަލޭގެ ބެލުމުގެ ދަށުގައިތިބީ ކިތައް މީހުން ހެއްޔެވެ؟ އޭނާ ދެންނެވިއެވެ. "ނުވައެކެވެ. އޭގެތެރެއިން އެކަކީ އަޅުގަނޑެވެ. ދެންތިބީ އަށް އަންހެންދަރީންނެވެ." ހަމައެވަގުތު ޖީބުފުޅުން ސަތޭކަ ދިރުހަމަ ނަންގަވައިފައި އަޢުރާބީއަށް ދެއްވިއެވެ. އެއަށްފަހު އެއެންމެންނަށް ބައިތުލްމާލުން ޕެންޝަން ހަމަޖައްސަވައިދެއްވިއެވެ.

އަމީރުލްމުއުމިނީން އުމަރު ބުނު ޢަބްދުލް އަޒީޒު ރަޙިމަހުﷲ ނުކުޅެދޭމީހުންނަށްވެސް ވަރަށް ބޮޑު ޢިނާޔަތްތެރިކަމެއް ބެހެއްޓެވިއެވެ. އެފަދަމީހުންނަށް އެކިގޮތްގޮތުން އެހީތެރިވެ ވަޑައިގެންދެވިއެވެ. އެގޮތުން ޣަނީމާ މުދަލުގެ ތެރޭގައި އަޅުން ގެނެވިއްޖެނަމަ ލޯފަންމީހުންނަށާއި، ހިނގައިބިނގައި އުޅޭން އުނދަގޫ މީހުންނަށް އެހީތެރިވުމަށް ޚާދިމުން ދެއްވައެވެ.

އެއްފަހަރަކު ވައްކަންކުރި މީހަކު ހައްޔަރުކޮށްގެން އަރިހަށްގެނެވުނެވެ. އޭނާ ވައްކަންކުރީ ކީއްވެގެންެތޯ ސުވާލުކުރެއްވުމުން ދެންނެވިއެވެ. އަޅުގަނޑަކީ ވަރަށް ބޮޑު ފަޤީރަކީމެވެ. ބަނޑުހައިކަމުގެ މައްޗަށް ބަނޑުހައިކަމުގައި ހުންނާންޖެހުމުން ހަށިގަނޑާއި ފުރާނައިގެ ގުޅުން ދެމެހެއްޓުމަށްޓަކައި މިހުތުރު ޢަމަލުކުރަން މަޖުބޫރުވީއެވެ. އަމީރުލްމުއުމިނީން އެމައްސަލަ ބެއްލެވުމަށްފަހު އޭނާގެ އުޒުރު ޤަބޫލުކުރައްވައި ދޫކޮށްލެއްވިއެވެ. ބައިތުލްމާލުން އޭނާއަށް ދިހަދިރުހަމްވެސް ދެއްވިއެވެ.

(ނުނިމޭ)