30 Mar 2017, 11:02
ގައުމެއްގެ ތަރައްގީގައި ޒުވާނުންނަކީ މުހިންމު ދައުރެއް އަދާކުރާ ބައެކެވެ. ޒުވާނުން ކުރިއެރުވުމަށް ތަފާތު މަސައްކަތްތަކެއް ކުރަމުންދާ މިދުވަސްވަރު ދިވެހި ޒުވާނުންތަކެއް މިވަނީ ފުޅާ ދާއިރާއެއްގައި އެކަންކަމާ މަޝްވަރާކޮށް އެޅިދާނޭ ބައެއް ފިޔަވަޅުތައް ވެސް ދަސްކޮށްފައެވެ.
ރަފީ އެންޖީއޯ އިން ވަނީ މެލޭޝިއާގެ މެލަކާގައި ކުރިއަށްގެންދިޔަ އޭޝިއާ އާބަން ޔޫތު އެސެމްބްލީ (އައުޔާ)ގައި ދިވެހި 10 ޒުވާނަކު ބައިވެރިކޮށްފައެވެ. އައުޔާ އަކީ ޔޫއެންގެ ދެމެހެއްޓެނިވި ތަރައްގީގެ ލަނޑުދަނޑިތަކުގައި ހިމެނޭ ޒުވާނުންނާ ގުޅުންހުރި މައްސަލަތަކާ ބެހޭގޮތުން މަޝްވަރާކުރުމަށް ފުރުސަތުދޭ ބައިނަލްއަގްވާމީ ބައްދަލުވުމެކެވެ.

އޭޝިއާ އާބަން ޔޫތް އެސެމްބްލީ (އައުޔާ) ގެ ބައިވެރިން މެލޭޝިއާއަށް ކަނޑައަޅުއްވާފައި ހުންނަވާ ރާއްޖޭގެ ސަފީރާ އެކު ---- ފޮޓޯ/ އަހުމަދު ޖަނާހު
މިދިޔަ ހޮނިހިރު ދުވަހުން ފެށިގެން އަންގާރަ ދުވަހާ ހަމައަށް ކުރިއަށް ގެންދިޔަ އެ އެސެމްބްލީގައި މަޝްވަރާކޮށްފައިވަނީ ޒުވާނުންގެ ބޭނުންތަކާ ގުޅޭގޮތުންނެވެ. އޭޝިއާގެ 20 ގައުމަކުން 600 ޑެލިގޭޓުން ބައިވެރިވި އެ އެސެމްބަލީގައި ވަނީ މެލޭޝިއާފަދަ ގައުމުތަކުގައި ސިޓީއެއް ތަރައްގީ ކުރާއިރު ޒުވާނުންނަށް ދޭ ފުރުސަތުތަކާއި ވިސްނަންޖެހޭ ކަންކަން ބުނެދީފައެވެ.
މޫސުމީ ގޮތުން ބޮޑެތި އަސަރުތައް ކޮށްފައިވާ ސޯމާލިއާފަދަ ގައުމުތަކުގެ މަޖިލިސް މެމްބަރުން ވަނީ ތިމާވެށި ރައްކާތެރި ކުރުމަށް އެގައުމުތަކުން މަސައްކަތް ކުރާގޮތުގެ ތަފްސީލީ މައުލޫމާތު ވެސް ހިއްސާކޮށްފައެވެ.
އެ އެސެމްބަލީގައި ރާއްޖެއިން ބައިވެރިވި އިފްހާމް ވަލީދު ސަން އަށް ބުނީ، ތަފާތު އެކިއެކި ގައުމުތަކާއި ޔުނިވާސިޓީ ތަކުންނާއި ސިޓީ ޕްލޭނަރުން ތަފާތު މައުލޫމާތުތައް ހިއްސާކޮށްފައިވާއިރު އެއީ ލިބިގެންދިޔަ މުހިންމު މައުލޫމާތުތަކެއް ކަމަށެވެ.

އޭޝިއާ އާބަން ޔޫތް އެސެމްބްލީ(އައުޔާ) އަށް މެލޭޝިއާ އަށް ދިއުމަށް ރާއްޖޭގެ ބައިވެރިން ތައްޔާރުވެފައި ---- ފޮޓޯ/ ރަފީ އެންޖީއޯ
"ޒުވާނުންނަށް ބޯހިޔާވަހިކަން ހޯދައިދިނުމަށް ގައުމުތަކުން ކުރާ ކަންކަން އެނގިގެންދިޔަ. މިލިބުނު މައުލޫމާތު އެކިއެކި ޕްރޮޖެކްޓްތަކުގައި ބޭނުންކުރެވޭނެ،" އިފްހާމް ވިދާޅުވިއެވެ.
މިއެސެމްބަލީގައި ބައިވެރިވުމަށް މެލޭޝިއާއަށް ދިޔަ ދިވެހި ކުދިން ވަނީ މެލޭޝިއާގެ ފުލުހުންގެ އިދާރާއަށްވެސް ޒިޔާރަތެއްކޮށްފައެވެ. އެ ޒިޔާރަތުގައި މެލޭޝިއާ ފުލުހުން ވަނީ ޒުވާނުންނަށް އިތުރު ފުރުސަތު ދިނުމަށާއި ޒުވާނުން އަނބުރާ މުޖުތަމައުއަށް ގެނެވޭނެ ގޮތްތައް ބުނެދީފައެވެ.