30 Mar 2017, 10:12
ގދ. ގައްދޫގައި ނަފްސާނީ މައްސަލައެއް ހުންނަ ތިން ކުދިންގެ މަންމައެއް އަމިއްލަ ނަފްސަށް ގެއްލުންތަކެއް ދެމުންދާ އިރު އޭނާ ބަލާނެ ބަޔަކު ނެތް މައްސަލަ ފެންމަތިވެއްޖެ އެވެ.
އުފެދުމުގައި ވެސް ސިކުނޑީގެ އުނިކަމެއް ހުންނަ އެ އަންހެން މީހާއަކީ ފިޓްޖެހުން ފަދަ މައްސަލަތައް ދިމާވާ މީހެކެވެ. އަދި ދޭތެރެދޭތެރެއިން ނަފްސާނީ މައްސަލަ ބޮޑުވެ، އަމިއްލަ ނަފްސަށް ގެއްލުންދީހަދަ އެވެ.
ސަން އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މިދިޔަ އަންގާރަ ދުވަހު އެ އަންހެން މީހާ ފެނިފައި ވަނީ ގައްދޫ ހިއްކި ސަރަހައްދުގައި ފުޅިތޮށި ގަނޑަކުން އަމިއްލަ ގައިގައި އަޅަމުން ދަނިކޮށެވެ.
"ފެން ޕްލާންޓް މުވައްޒަފުންތަކަކަށް ފެނުނީ. ފެނުނުއިރު މުޅި ގައިގައި އަޅާފައި، ގައިގައި ހުސްލޭ، ދެން ފުލުހުންނަށް ގުޅީމާ ފުލުހުން އައިސް އޭނާ ގެންދިޔައީ ސިއްހީ މަރުކަޒަށް،" އެ ރަށުން ސަން އަށް މައުލޫމާތު ދިން މީހާ ބުންޏެވެ.
އެ ދުވަހު އޭނާ އެ ރަށު މަރުޒަކަށް ގެންގޮސް އެޑްމިޓްކޮށް ފަރުވާން ދޭން ފެށި އެވެ. އެ ރަށުން ސަން އަށް މައުލޫމާތު ދިން ފަރާތުން ބުނީ އޭނާ މަރުކަޒުގައި ވެސް އޮތީ އަޅާލާނެ މީހަކު ނެތި އެކަނި ކަމަށެވެ. އިއްޔެ އަމިއްލައިން މަރުކަޒުން އޭނާ ނުކުމެގެން ދިޔައީ ކަމަށް ވެސް މައުލޫމާތު ދިން މީހާ ބުންޏެވެ.
"އަމިއްލައިން އައިވީ އެއްލާލާފައި އޭނާ ގޮސް ވަނީ ސަހަރާއަށް، ސަހަރާއަށް ވަދެ މަހާނަ ކޮށްނަން އޮއްވައި އަނެއްކާ ފުލުހުން ގޮސް އޭނާ ގެނައީ،" އެރަށުން ވާހަކަ ދެއްކި މީހާ ބުންޏެވެ.
އެރަށު ސިއްހީ މަރުކަޒު ހިންގުމާ ހަވާލުވެ ހުންނެވި އަހުމަދު ސައީދު ވިދާޅުވި ގޮތުގައި ފިޓް ޖެހިގެން އޭނާ އަށް ވަރަށް ގިނައިން ފަރުވާ ދެ އެވެ. ނަމަވެސް އޭނާގެ ސިކުނޑީގެ ނުކުޅެދުންތެރިކަމަށް އެ ރަށުން ދެވޭނެ ފަރުވާއެއް ނެތް ކަމަށް އޭނާ ވިދާޅުވި އެވެ.
އަޅާލާނެ މީހަކު ނެތިގެން އުޅެނިކޮށް އިއްޔެ ވަނީ ގައްދޫ ބަނދަރު މަތިން ވަޅިއެއް ހިފައިގެން އަމިއްލަ އަތުގައި އަޅަމުން ދަނިކޮށް އަނެއްކާ އެ އަންހެން މީހާ ފެނިފަ އެވެ.
ގައްދޫ ކައުންސިލްގެ ނައިބް ރައީސް މުހައްމަދު ސުޖާއު ސަން އަށް ވިދާޅުވީ އެ އަންހެން މީހާގެ މައިންބަފައިންނަކީ ދުވަސްވީ ބަޔަކަށްވާ އިރު އެއަންހެން މީހާއާއި އޭނާގެ އާއިލާ މެމްބަރުންނާ ގުޅުން ކުޑަ ކަމަށެވެ. ދައުލަތުގެ ކަމާ ބެހޭ ފަރާތްތަކުގެ ބެލުމުގެ ދަށަށް އޭނާ ގެންދިއުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ސުޖާއު ވިދާޅުވި އެވެ.
ސަން އަށް އެނގިފައިވާ ގޮތުގައި ފުލުހުންގެ އިދާރާއަށް އޭނާގެ އާއިލާ މެމްބަރުން ހާޒިރުކޮށް ފުލުހުން އިއްޔެ ވަނީ އޭނާ އާ ހަވާލުވުމަށް އަންގައިފަ އެވެ.
ކުރިން ކައިވެންޏެއް ވެސް ކޮށްފައިވާ އެއަންހެން މީހާގެ ތިން ކުދިންގެ ތެރެއިން އެއް ކުއްޖަކު ހުންނަނީ ކުއްޖާ ބައްޕަ ކައިރީ އެހެން ރަށެއްގަ އެވެ. ދެން ތިބި ދެ ކުދިން ބަލަނީ އެ އަންހެން މީހާގެ މަންމަ އެވެ.