ޑެންގީ ހުމާ ދެކޮޅަށް ގައުމީ ފެންވަރުގައި ފެށި "ހަނގުރާމަ"އާއެކު ޑެންގީ ހުން ޖެހޭ މިންވަރު ދަށްވެފައިވާ ވާކަމަށާއި ދެ ހަފުތާއެއްގެ ތެރޭގައި ޑެންގީ ކޮންޓްރޯލް ކުރެވޭނެ ކަމަށް ސްޕެޝަލް ޓާސްކް ފޯހުން ބުނެފި އެވެ.

އާދަޔާ ހިލާފު ބާރުމިނެއްގައި ޑެންގީ ހުން ރާއްޖޭގައި އެކި ހިސާބުތަކަށް ފެތުރި މީހުންގެ ފުރާނައަށް ނުރައްވި ހިސާބުން ރައީސް އުފެއްދެވި ޓާސްކުފޯހުގެ މައިމަރުކަޒު، މާލެ ސޯޝަލް ސެންޓަރުގައި ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ޓާސްކްފޯހުގެ އޮފިޝަލު ޑރ. އަބްދުﷲ ނަޒީރު ވިދާޅުވީ ޑެންގީއާ ދެކޮޅަށް މަސައްކަތް ފެށި ފުރަތަމަ ދުވަހު ވެސް 18 ކޭސް ރިޕޯޓް ކުރި ކަމަށާއި ދެ ވަނަ ދުވަހު 16 ކޭސް ރިޕޯޓްކޮށް އަދި މިއަދު އެ އަދަދު 11 ކޭހަށް ދަށްވެފައިވާ ކަމަށެވެ.

"މިއަދަދުތަކަށް ބަލައިލުމުން އަޅުގަނޑުމެންނަށް އެބައެނގޭ މިބަލި ޖެހޭ މީހުންގެ އަދަދު މަދުވަމުން އަންނަކަން. އެބަލި ކޮންޓްރޯލްވަމުން އަންނަކަން،" ޑރ. ނަޒީރު ވިދާޅުވި އެވެ.

ޓާސްކްފޯހުގެ އޮފިޝަލު ޑރ. އަލީ ލަތީފު ވިދާޅުވީ ކުރިއަށް އޮތް ދެ ހަފްތާއެއްހާ ދުވަހުގެތޭގައި ޑެންގީ ކޮންޓްރޯލް ކުރެވޭނެ ކަމަށެވެ. އަދި ވިދާޅުވީ ހިސާބުތަކުން ދައްކާގޮތުން ޑެންގީ ހުން ޖެހިގެން މިހާތަނަށް މުޅި ރާއްޖެއިން 75 މީހަކު އެޑްމިޓް ކޮށްފައިވާ ކަމަށާއި ސަރުކާރުގެ މައި ހޮސްޕިޓަލް، އައިޖީއެމްއެޗްގައި 35 މީހަކު ބާއްވަން ޖެހިފައިވާ ކަމަށެވެ. އޭގެތެރޭގައި ޑެންގީ ހުމުގެ ސީރިއަސް ދަރަޖައިގެ ހަތަރު މީހަކު އުޅޭކަމަށް ވެސް ޑރ. ލަތީފު ވިދާޅުވި އެވެ.

"އަޅުގަނޑުމެން އެމީހުންނާމެދު ހާއްސަ ސަމާލުކަމެއް ދީގެން އެބަ ބަލަން. އޭގެ މާނައަކީ އެމީހުންނަކީ ފުރާނައަށް ނުރައްކާ ވަރުގެ ސީރިއަސް ހާލަތުގައި ތިބި ބަޔެކޭއެއް ނޫން،" ޑރ. ލަތީފު ވިދާޅުވި އެވެ.

ޑެންގީ ހުމުގައި ރޭ ވެސް ފުވައްމުލަކު ކުއްޖަކު މަރުވެފައިވާއިރު ޓާސްކްފޯހުން މިއަދު ބުނީ ޑެންގީއަށް ހާއްސަ ހަތަރު ކުލިނިކެއް މިހާރުވެސް އައިޖީއެމްއެޗްގައި ހިންގަމުން އަންނަ ކަމަށެވެ. އަދި އިތުރު ދެ ކުލިނިކް ގާއިމް ކުރުމުގެ މަސައްކަތް ކުރިއަށް ދާކަމަށް ވެސް ވަނީ ބުނެފަ އެވެ.
"މިހާރުވެސް ލޮބީ އޭރިއާގައި ހާއްސަ ކްލިނިކެއް ހިންގަމުން އެބަގެންދަން. ވަރަށް އަވަހަށް އޮބްޒަވޭޝަން އޭރިއާގަ އާއި ފިޒިއޮތެރެޕީ އޭރިއާގައި ވެސް އެކަމަށް ހާއްސަ ކްލިނިކެއް ހެދޭނެ،" ޑރ. ލަތީފު ވިދާޅުވި އެވެ.

އައިޖީއެމްއެޗުން މިހާރުވަނީ ފިޒިއޮތެރަޕީގެ ހިދުމަތާއި އިމަޖެންސީ ހާލަތުގައި ކުރަންޖެހޭ ސާޖަރީތައް ފިޔަވައި އެހެން ސާޖަރީތަކުގެ ހިދުމަތް މެދުކަނަޑާލައިފަ އެވެ.

ޑެންގީހުން ބާރުމިނުގައި ފެތުރި، މިދިޔަ ހަފުތާގައި 48 ގަޑިއިރުގެ ތެރޭގައި ހަތަރު ކުއްޖަކު ރާއްޖެއިން މަރުވި އެވެ. އަދި ރޭ މަރުވި ކުއްޖާއާއެކު މިއަހަރު ޑެންގީ ހުން ޖެހިގެން ހަތް ކުއްޖަކު ވަނީ މަރުވެފަ އެވެ.