19:00


ސަރުކާރުގެ ސިޔާސަތު މިހާރު ހުރި ގޮތުން، ހެޔޮވެރިކަމެއް ހޯދައިދިނުމަށް ބަދަލު ގެނައި މަގުސަދު ހާސިލްނުވާނެ ކަމަށް އިކޮނޮމިކް މިނިސްޓަރުކަމުން ވަކި ކުރައްވާފައިވާ މުހައްމަދު ރަޝީދު ވިދާޅުވެއްޖެ އެވެ.


މިނިސްޓަރުކަމުން ވަކިކުރެއްވި ފަހުން ފުރަތަމަ ފަހަރަށް މީޑިޔާގެ ކުރިމައްޗަށް ނުކުމެވަޑައިގެން، ގައުމީ އިއްތިހާދު ޕާޓީގެ މެމްބަރު މުހައްމަދު ރަޝީދު މިއަދު ވިދާޅުވީ، އޭނާގެ ޕާޓީން އެމްޑީޕީއާއެކު ވެފައިވާ ގާނޫނީ އެއްބަސްވުމުގެ ދަށުން އެ ޕާޓީއަށް ތިން މިނިސްޓްރީއެއް ލިބެންޖެހޭ ކަމަށެވެ. އަދި ކޮންމެ ބޭފުޅަކު ވިދާޅުވި ނަމަވެސް މިހާރުގެ ސަރުކާރަކީ އެ ޕާޓީއާއެކު އިއްތިހާދުވެފައިވާ ވެރި ކަމެއް ކަމަށް ވެސް ރަޝީދު ވިދާޅުވި އެވެ.


އިކޮނިމިކް މިނިސްޓަރު ކަމުން ވަކިކުރެއްވި ގޮތާ ބެހޭ ތަފްސީލް ދެއްވަމުން ރަޝީދު ވިދާޅުވީ، މަގާމުން ވަކިކުރެއްވީ، އެމްޑީޕީއަށް ސޮއިނުކުރައްވައިގެން ކަމަށް ބައެއް ފަރާތްތަކުން ވާހަކަ ދައްކާ ކަމަށާއި، މަގާމުގެ ބޭނުމުގައި ޕާޓީ ބަދަލު ނުކުރައްވާނެ ކަމަށެވެ. އަދި އެމަނިކުފާނު މަގާމުން ވަކި ކުރެއްވުމުގައި ރައީސް މުހައްމަދު ނަޝީދަށް އެމްޑީޕީން ޕްރެޝަރު ކޮށްފައިވާ ކަމަށް ވެސް ރަޝީދު ވިދާޅުވި އެވެ. އަދި މިނިސްޓްރީ ހުސްކުރެއްވުމަށް ރައީސް ނަޝީދު ވިދާޅުވެ، އަދި ބޭނުންފުޅިއްޔާ އެހެން މަގާމެއް ދެއްވަފާނެ ކަމަށް ރައީސް ވިދާޅުވި ކަމަށް ވެސް ރަޝީދު ވިދާޅުވި އެވެ.


ރަޝީދު ވިދާޅުވީ، މަގާމުން ވަކިކުރައްވާފައި ވީނަމަވެސް އަދިވެސް ސަރުކާރު ދިފާއުކުރައްވައި ވާހަކަ ދައްކަވާނެ ކަމަށެވެ. ނަމަވެސް ގޯސްކޮށް ދާ ކަންތައްތަކާ މެދު ވިދާޅުވަން ބޭނުންވާ އެއްޗެއް ވިދާޅުވާނެ ކަމަށް ވެސް ރަޝީދު ވިދާޅުވި އެވެ.


ރަޝީދު ވިދާޅުވީ، ނުރައްކަލުގައި އޮތް ރާއްޖޭގެ އިގްތިސާދު ރަނގަޅުކުރެވޭނީ އެއް ބަޔަކު އަނެއްބަޔަކާ ވާހަކަ ދައްކައި، ދޫދީގެން ކަމަށެވެ. އަދި އެކަމަށް އިސްނަގަންޖެހޭ ފަރާތަކީ އެމްޑީޕީ ކަމަށް ވެސް ރަޝީދު ވިދާޅުވި އެވެ. އަދި މިނިސްޓަރުކަމުން ވަކިކުރެއްވި ނަމަވެސް ސިޔާސީ މަގާމުން ވަކިވެވަޑައިނުގަންނަވާނެ ކަމަށާއި، ކުރިއަށް އޮތް ކައުންސިލްތަކުގެ އިންތިހާބުގައި މާލެއަށް ކުރިމަތިލައްވާނެ ކަމަށް ވެސް، އިކޮނޮމިކް މިނިސްޓަރުކަމާ ހަވާލުވެވަޑައިގަތުމުގެ ކުރިން އދ.ގައި ވަޒީފާ އަދާކުރެއްވި ރަޝީދު ވިދާޅުވި އެވެ.