30 Mar 2017, 09:27
ޕަބްލިކް ސާވިސް މީޑީއާ (ޕީއެސްއެމް)ގެ ޗެނަލް ޓެލެވިޒަން މޯލްޑިވްސް (ޓީވީއެމް)އިން ބޭރުގެ ކާޓޫނު ދެއްކުން ހުއްޓާލައިފި އެވެ.
ޓީވީއެމުން ކާޓޫން ދެއްކުން ހުއްޓާލިކަން އިއުލާނު ކުރީ، އެ ޗެނަލްގެ 39 ވަނަ އަހަރީ ދުވަހާ ގުޅުވައިގެން އިއްޔެ ކުރިއަށް ގެންދިޔަ ލައިވް ޕްރޮގްރާމުގައި ޕީއެސްއެމްގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުހައްމަދު އިކްރާމެވެ.
އިކްރާމް ވިދާޅުވީ، ޓީވީއެމުން ބޭރުގެ ކާޓޫނު ދެއްކުން ހުއްޓާލުމަށް ފަހު ގެނެސްދޭނީ، ދިވެހިވަންތަ އިސްލާމީ އުސޫލުތައް ފެންނަ ކުޑަކުދިންނާ ގުޅޭ ޕްރޮގްރާމްތައް ކަމަށެވެ. އަދި އެ ޕްރޮގްރާމްތަކަކީ އަހްލާގީ އަދި އާއިލީ ޕްރޮގްރާމްތަކަކަށް ވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
އޭގެ އިތުރުން ދިވެހިވަންތަ ކާޓޫން އުފެއްދުމުގެ މަސައްކަތް ފަށާފައިވާ ކަމަށް އިކްރާމް ވިދާޅުވި އެވެ. އަދި އިސްލާމީ އުސޫލުތަކާއި އަހްލާގު ކުޑަކުދިންނަށް އުނގަންނައިދޭ ޕްރޮގްރާމް އުފައްދަން ޝައުގުވެރިވާ ފަރާތްތަކަށް ފުރުސަތު ހުޅުވާލާފައިވާ ކަމަށް ވެސް އިކްރާމް ވިދާޅުވި އެވެ.