30 Mar 2017, 08:36
އެވަޓަންގެ ބެލްޖިއަމް ފޯވަޑް ރޮމެލޫ ލުކާކޫ ވިއްކާލުމުގެ ވިސްނުން ނުގެންގުޅޭ ކަމަށް އެކްލަބުގެ ކޯޗު ރޮނަލްޑް ކޮއެމަން ބުނެފިއެވެ.
އުމުރުން 23 އަހަރުގެ ލުކާކޫ، އެވަޓަންއާއެކު ހަދާފައިވާ އެއްބަސްވުން ނިމުމަކަށް އަންނާނީ 2019 ވަނަ އަހަރުގެ މެދުތެރޭގައެވެ. އޭނާއާއެކު އެވަޓަންއިން ހަދާފައިވާ އެއްބަސްވުން އާކުރާނެ ކަމުގައި ނުބެލެވޭ ކަމަށް ހަބަރުތައް ބުނެއެވެ.
ކޮއެމަން ބުނީ، ޕްރިމިއާ ލީގުގައި މިހާތަނަށް އެންމެ ގިނަ ލަނޑު ޖަހާފައިވާ ލުކާކޫ އެކްލަބުގައި އަދި މަދުވެގެން އެއް ސީޒަނުގައި ބަހައްޓަން ބޭނުންވާ ކަމަށެވެ.
"އަހަރެން ބޭނުން އޭނާ އަންނަ ސީޒަނުގައި ވެސް ޓީމުގައި ބަހައްޓަން. އަދި ލުކާކޫ ވިއްކާލުމުގެ ވިސްނުމެއް އެވަޓަންއިން ނުގެންގުޅެން،" ލުކާކޫއާ ގުޅޭގޮތުންމިރާއަށް ދިން އިންޓަވިއުއެއްގައި އެވަޓަންގެ ކޯޗު ކޮއެމަން ބުންޏެވެ.
އެވަޓަންއިން މިސީޒަނުގައި ދަނީ ގަދަ ހަތަރެއްގެ ޖާގައެއް ހޯދުމަށް މަސައްކަތް ކުރަމުންނެވެ. ނަމަވެސް ލީގު ތާވަލުގެ ހަތްވަނައިގައި އޮތް އެވަޓަންއާއި ހަތަރުވަނައިގައި އޮތް ލިވަޕޫލާ ދެމެދު އަދި ހަ ޕޮއިންޓްގެ ފަރަގެއް އެބައޮތެވެ.