މިދުވަސްވަރު ރާއްޖޭގައި ހަލުއިކަމާއެކު ފެތެރެމުންދާ ޑެންގީ ހުމާ ގުޅިގެން އައިޖީއެމްއެޗުން ފަރުވާ ހޯދާ މީހުންގެ އަދަދު އިތުރުވަމުން ދިއުމާ ގުޅިގެން ފުރާނައަށް ނުރައްކާވާފަދަ ހާލަތެއްގައި ކުރަންޖެހޭ ސާޖަރީތައް ނޫން އެހެން ހުރިހާ ސާޖަރީތައް ކުރުން މާދަމާއިން ފެށިގެން މެދުކަނޑާލަން އައިޖީއެމްއެޗުން ނިންމައިފި އެވެ.

ސަރުކާރުގެ މައި ހޮސްޕިޓަލުން، އައިޖީއެމްއެޗްގެ މީޑިޔާ އޮފިޝަލަކު ޒީނަތު އަލީ ހަބީބު މިއަދު ވިދާޅުވީ މާދަމާ އިން ފެށިގެން އަންނަ ހޮނިހިރު ދުވަހުގެ ނިޔަލަށް އިމަޖެންސީ ސާޖަރީތައް ފިޔަވައި އެހެން ހުރިހާ ސާޖަރީތައް ކުރުން ހުއްޓައިލަން ނިންމާފައިވާ ކަމަށާއި އެގޮތަށް ހަމަޖެއްސީ ޑެންގީއަށް ފަރުވާ ހޯދަން ދާ ބަލި މީހުންނަށް ވޯޑްތަކުގެ އެނދުން ޖާގަ ދިނުމަށް ކަމަށެވެ. ޒީނަތު އަދި ވިދާޅުވީ އިމަޖެންސީކޮށް ކުރަންޖެހޭ ކޮންމެ ސާޖަރީއެއް ކުރި ނަމަވެސް ދުރާލާ ދުވަހެއް ކަނޑައަޅައިގެން ކުރުމަށް ހަމަޖައްސާފައިވާ ހުރިހާ ސާޖަރީތައް ވެސް މިހާރު ކެންސަލްކޮށްފައިވާ ކަމަށެވެ. ކެންސަލްކޮށްފައި ވަނީ ކިތައް ސާޖަރީ ކަމެއް އޭނާ ވިދާޅެއްނުވެ އެވެ.

ޑެންގީ ހުން ޖެހިގެން ފަރުވާ ހޯދަންދާ މީހުންގެ އިތުރުވުމާ ގުޅިގެން އައިޖީއެމްއެޗްގެ އިމަޖެންސީ ލޮބީ ވެސް ޑެންގޫ އަށް ހާއްސަ ފަރުވާދޭ ވޯޑަށް ބަދަލުކޮށް އެތާނގައި ވެސް އަންނަނީ ފަރުވާދެމުން ނެވެ. މީގެއިތުރުން އެ ހޮސްޕިޓަލްގެ ފިޒިއޯތެރަޕީ ޑިޕާޓްމަންޓް ވެސް ހާއްސަ ހާލަތެއް އަތުވެއްޖެ ނަމަ ފަރުވާދެވޭނެ އިމަޖެންސީ ވޯޑަކަށް ބަދަލުކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ.

"ފިޒިއޯ ތެރަޕީ ޑިމާންޓްމަންޓްގައި ވެސް އެނދު ބަހައްޓަން ޖެހިއްޖެ ހާލަތެއްގައި އެނދު ބެހެއްޓޭނެ ގޮތަކަށް އައިޖީއެމްއެޗުން ގެންދަނީ ރާވަމުން،" އޮފިޝަލް ވިދާޅުވި އެވެ.

ޑެންގީ ކޮންޓްރޯލް ކުރުމުގެ މަސައްކަތް ކުރުމަށް އުފައްދާފައިވާ ސްޕެޝަލް ޓާސްކް ފޯހުގެ އޮފިޝަލަކު މިއަދު ވިދާޅުވީ ޑެންގީ ހުން ޖެހޭ މީހުންނަށް ފަރުވާދިނުމަށް އައިޖީއެމްއެޗާއި ޓާކްސް ފޯހުން ކުރަމުން ގެންދާ މަސައްކަތުގެ ދަށުން ފިޒިއޯތެރަޕީ ޑިޕާޓްމަންޓް ހުސްކޮށް އެތަންވެސް ކުއްލި ހާލަތެއްގައި ބޭނުންކުރެވިދާނެ ތަނެއް ކަމަށް އައިޖީއެމްއެޗާ އެކު ކުރި މަޝްވަރާތަކުގައި އައިޖީއެމްއެޗުން ބުނެފައިވާ ކަމަށެވެ. އެގޮތުން މިއަދު އެޑިޕާޓްމަންޓުން ހަދާފައިވާ ހުރިހާ އެޕޮއިންމަންޓެއް އައިޖީއެމްއެޗުން ކެންސަލްކޮށްފައިވާ ކަމަށެވެ.

ޑެންގީ ކޮންޓްރޯލް ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އުފެއްދެވި ޓާސްކް ފޯހުން ގެންދަނީ މާލެ އާއި އަތޮޅު ތެރޭގައި މަދިރު ކޮންޓްރޯލް ކުރުމަށް ފޮގް ކުރުމުގެ މަސައްކަތް ކުރަމުންނެވެ. އަދި މަދިރި ކޮންޓްރޯލް ކުރުމާއި ޑެންގީއާ ބެހޭ މައުލޫމާތުތައް ވެސް އެފަރާތުން ދަނީ އާއްމު ފަރާތްތަކަށް ފޯރުކޮށްދެމުންނެވެ.