29 Mar 2017, 20:58
އެމްޑީޕީގެ ސެކްރެޓަރީ ޖެނެރަލް އަނަސް އަބްދުއްސައްތާރު ފުލުސް އޮފީހަށް ހާޒިރުވާން އަންގައިފިއެވެ.
އަނަސް މިރޭ ސަން އަށް ވިދާޅުވީ މާދަމާ ރޭ 8:00 އަށް ފުލުސް އޮފީހަށް ހާޒިރުވާން އޭނާ އަށް ޗިޓްފޮނުވާފައިވާ ކަމަށެވެ.
އެ ޗިޓުގައިވާގޮތުން އޭނާ ހާޒިރުކުރަނީ މައުލޫމާތެއް ސާފުކޮށްލަން ކަމަށް އަނަސް ވިދާޅުވިއެވެ.
އިދިކޮޅު ސިޔާސީ ހަރަކާތްތައް ވަރުފަދަކޮށްފައިވާ މިދަނޑިވަޅުގައި އިދިކޮޅު ހަރަކާތްތަކުގައި އިސްކޮށް އުޅުއްވާ ބޭފުޅުން އަންނަނީ ފުލުސް އޮފީހަށް ހާޒިރުކުރަމުންނެވެ.
ޖުމްހޫރީ ޕާޓީގެ ނައިބު ލީޑަރު އަދި ކިނބިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒު ފުލުސް އޮފީހަށް ހާޒިރުކޮށްފައިވާއިރު، މިރޭ ވަނީ އެ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް ފުލުސް އޮފީހަށް ހާޒިރުކޮށްފައެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މުހައްމަދުގެ އިތުރުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ހުށަހެޅުމުގައި އެންމެ އިސްކޮށް އުޅުއްވި ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫން ވެސް ވަނީ ތަކުރާރުކޮށް އެތައް ފަހަރަކު ފުލުސް އޮފީހަށް ހާޒިރުކޮށް ސުވާލުކޮށްފައެވެ.