މޯލްޑިވްސް ޓޫރިޒަމް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެމްޓީޑީސީ)ގެ މިދިޔަ އަހަރުގެ ފަހު ކުއާޓަރުގެ މާލީ ހިސާބުތައް އާންމުކުރުން ލަސްވަނީ އެކުންފުނިން ތަރައްގީކުރަމުން ދިޔަ ރަށެއްގެ އެގްރިމެންޓް ސަރުކާރުން ބާތިލުކުރުމާ ގުޅިގެން މަޝްވަރާތަކެއް ކުރެވެމުން ދާތީ ކަމަށް އެކުންފުނިން ބުނެފިއެވެ.

އެމްޓީޑީސީން ރިސޯޓު ތަރައްގީކުރަމުން ދިޔަ ހދ. ނާގޯށި ހާމަކުރެއްވީ މިދިޔަ އަހަރުގެެ އޮކްޓޫބަރު މަހުގެ ތެރޭގައި، ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމެވެ. ރައީސް ވިދާޅުވި ގޮތުގައި އެރަށް ތަރައްގީ ކުރުމަށް، އެކަން ކުރެވޭނެ ރަނގަޅު އިންވެސްޓަރަކު ސަރުކާރުން ވަނީ ހޯދައިފައެވެ.

ދެހާސް ހަތްވަނަ އަހަރުން ފެށިގެން އެމްޓީޑީސީން ތަރައްގީކުރަމުން ދިޔަ ނާގޯށި އޮތީ ތްރީކޭ އިންޓަނޭޝަނަލް ކިޔާ ފަރާތަކަށް ސަބްލީޒް ކޮށްފައެވެ. ނަމަވެސް ސަރުކާރުން ނާގޯށީގެ އެއްބަސްވުން ބާތިލުވި އިރު، ރިސޯޓު ތަރައްގީކުރުމުގެ މަސައްކަތް އޮތީ އެކި ސަބަބުތަކާ ހެދި ހުއްޓިފައި ކަމަށް އެމްޓީޑީސީގެ އެވެ.

އެމްޓީޑީސީއިން މިހަފްތާގައި ނެރުނު ބަޔާނެއްގައި ބުނީ، އެމްޓީޑީސީގެ މިދިޔަ އަހަރުގެ ފަހު ކުއާޓަރުގެ މާލީ ރިޕޯޓު މިހާތަނަށްވެސް ނެރެފައި ނުވަނީ، ހދ. ނާގޯށީގެ އެއްބަސްވުން ސަރުކާރުން އުވާލުމާ ގުޅިގެން، ކުންފުންޏަށް ގެއްލުން ނުވާނެ، ނުވަތަ ގެއްލުން އެންމެ ކުޑަވާނެ ގޮތަކަށް އެމައްސަލަ ހައްލުކުރުމަށް ސަރުކާރާ އެކު މަޝްވަރާ ކުރަމުން ގެންދާތީ ކަމަށެވެ.

މަޝްވަރާކޮށްގެން މައްސަލަތައް ހައްލުކުރެވި، މާލީ ހިސާބުތައް އާންމުކުރެވޭނެ ތާރީޚެއް އެމްޓީޑީސީން ހާމަކޮށްފައެއް ނުވެއެވެ.

އެ ބަޔާނުގައި އެމްޓީޑީސީން ވަނީ، މާލީ ހިސާބުތައް ލަސްވާތީ އެކަމަށްޓަކައި އެކުންފުނީގެ ހިއްސާދާރުންގެ ކިބައިން މައާފަށް އެދިފައެވެ.

އެންމެ ފަހުން އެމްޓީޑީސީން އާންމުކޮށްފައިވަނީ 2016 ވަނަ އަހަރުގެ ތިންވަނަ ކުއާޓަރުގެ މާލީ ހިސާބުތަކެވެ. އެ ހިސާބުތައް ދައްކާ ގޮތުގައި ތިންވަނަ ކުއާޓާރާ ހަމައަށް އެމްޓީޑީސީއަށް ވަނީ 96 މިލިޔަން ރުފިޔާގެ ރިކޯޑު ފައިދާއެއް ލިބިފައެވެ. އެއީ 2015 ވަނަ އަހަރު އެކުންފުންޏަށް ޖުމްލަކޮށް ލިބުނު ފައިދާއަށް ވުރެ ވެސް އިތުރު އަދަދެކެވެ. އެއަހަރު އެމްޓީޑީސީއަށް ފައިދާގެެ ގޮތުގައި ލިބިފައި ވަނީ 91.7 މިލިޔަން ރުފިޔާއެވެ.