29 Mar 2017, 11:03
ގަވައިދާ ހިލާފަށް ރާއްޖެ އެތެރެކުރާ ދޫނި ފަދަ ތަކެތި ކަތިލައި ނައްތާލަނީ އެތަކެތި ގެނައި ގައުމުތަކަށް ފޮނުވުމަށް ފުރުސަތު ދިނުމަށް ފަހު ނުފޮނުވުމުން ކަމަށް ކަމާ ބެހޭ އިދާރާތަކުން ބުނެފި އެވެ.
ސޯޝަލް މީޑިއާގައި މިހާރު އާންމުވެފައިވާ ވީޑިއޯއެއްގައި ކަސްޓަމްސް މުވައްޒިފުންގެ ހާޒިރުގައި "އެފްރިކަން ގްރޭ" ދޫނިތަކެއް ކަތިލާ މަންޒަރު ފެނެ އެވެ.
އެގްރިކަލްޗާ އިން ބުނީ އެއީ 2014ގެ ވީޑިއޯއެއް ކަމަށެވެ.
ކަސްޓަމްސްގެ އިސް އޮފިޝަލަކު ވިދާޅުވީ އެގޮތަށް ހިފަހައްޓާތަކެތި ނައްތާލަނީ ކަސްޓަމްސް އިން ނޫން ކަމަށާއި އެއީ އެގްރިކަލްޗާގެ ޒިންމާއެއް ކަމަށެވެ.
ސަން އަށް އެނގިފައިވާ ގޮތުގައި އެފަދަ ތަކެތި ނައްތާލަމުން ދަނީ އެތަކެތި އެތެރެކުރި ފަރާތަށް އެތަކެތި އަނބުރާ ފޮނުވާލުމަށް ފުރުސަތުދީ ފޮނުވާނުލުމުންނެވެ.
އެފަދަ ދޫނިތަކެތި އެތެރެކުރަން ބޭނުން ނަމަ ކުރިއާލާ ހުއްދަ ނަގަން ޖެހެ އެވެ. ފިޝަރީޒް އިން ހުއްދަ ދެނީ އެތަކެތި އެތެރެކުރާ ގައުމަކަށް ބަލައި އެގައުމަކީ ދޫނި ސޫފާ ސޫފިން ތަފާތު ބަލިތައް ފެތުރޭ ގައުމަކަށް ނުވާނަމަ އެވެ.