04 Jul 2011, 16:22
ދުނިޔޭގެ ތައްޓަށް ކުޅޭ އަންހެނުންގެ ފުޓްބޯޅަ މުބާރާތުގައި ނޯވޭ ބަލި ކޮށް ބްރެޒިލް މުބާރާތުގެ ކުއާޓާ ފައިނަލަށް ދަތުރުކޮށްފި އެވެ. ނޯވޭގެ މައްޗަށް ބުރެޒިލް މޮޅު ހޯދީ 3-0 ގެ ނަތީޖާއަކުންނެވެ.
ނޯވޭއިން މެޗް ފަށައިގެން ފުރަތަމަ 15 މިނެޓް މޮޅަށް ކުޅެމުން ދަނިކޮށް ދުނިޔޭގެ އަންހެން އެންމެ މޮޅު ކުޅުންތެރިޔާ އަދި މެޗުގެ އެންމެ މޮޅު ކުޅުންތެރިޔާ މާޓާ، މެޗްގައި ބްރެޒިލްއަށް ލިބުނު އެންމެ ފުރަތަމަ ފުރުސަތުގެ ބޭނުން ރަނގަޅު ގޮތުގައި ހިފައި ލީޑް ހޯދިއިދިނެވެ. މެޗްގެ 22 ވަނަ މިނެޓްގައި މާޓާ ލަނޑު ކާމިޔާބުކޮށްފައިވަނީ ނޯވޭގެ ދެ ޑިފެންޑަރުން ކައިރިން ވަރަށް ނައްޓާފަ އެވެ.
ނޯވޭގެ ފޯވާޑް މެޑަލިން ޖިސްކޭއަށް ވެސް ލަނޑުޖެހޭނެ ހުސް ފުރުސަތުތަކެއް ފުރަތަމަ ހާފްގައި ލިބުނެވެ. ނަމަވެސް މި ހަމަލާތަކުގެ ހުރަހަކަށް ވެފައިވަނީ ބްރެޒިލްގެ ޑިފެންޑަރުންނެވެ. މެޗްގެ ފުރަތަމަ ހާފް ނިމިގެންދިޔައީ 1-0 ގެ ނަތީޖާއަކުން ބްރެޒިލް ކުރީގައި އޮވެގެންނެވެ.
ދެވަނަ ހާފު ފާހަގަ ކުރެވިގެންދިޔައީ ބްރެޒިލް ޓީމު އިތުރަށް ވަރުގަދަކޮށްފައި ވަނިކޮށެވެ. އެ ހާފް ފެށިގެން މާ ގިނަ އިރުތަކެއް ނުވަނީސް ބްރެޒިލް ފޯވާޑް ރޮޒާނާ ބްރެޒިލްގެ ދެވަނަ ލަނޑު ކާމިޔާބުކުރި އެވެ. މިލަނޑު ޖެހުމުގައި ވެސް މާޓާގެ ހިއްސާ ބޮޑެވެ. ބްރެޒިލްގެ ތިންވަނަ ލަނޑު ފެނިގެންދިޔައީ ދެވަނަ ލަނޑުޖެހިތާ ދެމިނެޓް ފަހުންނެވެ. މިލަނޑު ކާމިޔާބުކޮށްދިނީ ވެސް ހުނަރުވެރި ފޯވާޑް މާޓާއެވެ. މެޗްގެ 90 މިނެޓް ހަމަވަންދެން ފޯވާޑް މާޓާ ފެނުނީ ހަމައެކަނި ފޯވާޑު ލައިނަކުންނޫނެވެ. ފަހަތަށް ފައިބާ ނޯވޭގެ ހަމަލާތައް ދިފާޢުކުރުމުގައި އޭނާގެ އިސް ދައުރެއްވެސް އޮތެވެ.
މިމެޗުން 3-0 ން ބްރެޒިލް ކާމިޔާބުކުރިއިރު، އޮސްޓްރޭލިޔާވެސް ވަނީ ރޭ އީކުއޭޓޯރިއަލް ގިނީއާ ދެކޮޅަށް ކުޅެ 3-2 ން މެޗް ކާމިޔާބުކޮށް ކުއާޓާ ފައިނަލަށް ދަތުރުކޮށްފަ އެވެ.