ރާއްޖޭގައި ކުރިއަށްދާ އޭޝިއަން ސެންޓްރަލް ޒޯން ވޮލީބޯޅަ މުބާރާތުގެ ފައިނަލުގެ ފަހު ޖާގަ ކިރްގިސްތާނުން ހޯދިއިރު، ނޭޕާލަށް ލޯ މެޑަލް ލިބިއްޖެއެވެ.

ކިރްގިސްތާނުން ފައިނަލުގެ ޖާގަ ހޯދާފައިވަނީ ސޯޝަލް ސެންޓަރު އެތެރޭ ކޯޓުގައި އިއްޔެ ހަވީރު ކުޅުނު ސެމީ ފައިނަލްގެ މެޗުގައި ފަސޭހަކަމާއެކު ސީދާ ތިން ސެޓުން ނޭޕާލް ބަލިކޮށްގެންނެވެ.

މެޗުގެ ފުރަތަމަ ސެޓުން ފެށިގެން ފަހު ސެޓާ ހަމައަށް ވެސް ކިރްގިސްތާނުގެ ފަރާތުން ފެނުނީ ވަރަށް ވަރުގަދަ ކުޅުމެކެވެ. ފުރަތަމަ ސެޓުގައި ނޭޕާލްގެ ފަރާތުން ދަށް ކުޅުމެއް ފެނުނު ނަމަވެސް، ފަހު ދެ ސެޓުގައި ރަނގަޅު ކުޅުމެއް ފެނިގެންދިޔައެވެ. މެޗުގެ ސެޓުތައް ކިރްގިސްތާނުން ގެންދިޔައީ 25-16، 23-25 އަދި 25-20 އިންނެވެ.

އެ މެޗުގެ ކުރިން ވެސް ނޭޕާލާއި ކިރްގިސްތާންގެ ކުރިމަތިލުމެއް ފެނިގެންދިޔައެވެ. މިދިޔަ ހޯމަ ދުވަހު ކުޅުނު އެ މެޗުގައި ކިރްގިސްތާން ވަނީ ފަހަތުންއަރައި ނޭޕާލް އަތުން މޮޅުވެފައެވެ. އެ މެޗުގެ ފުރަތަމަ ސެޓު ނޭޕާލުން ގެންދިޔަ ނަމަވެސް، ފަހު ތިން ސެޓު ކިރްގިސްތާނުން ގެންދިޔައީ ފަސޭހަކަމާއެކުއެވެ.

ފައިނަލް މެޗުގައި ކިރްގިސްތާން މާދަމާ ހަވީރު ނުކުންނަން ޖެހޭނީ ތުރުކުމަނިސްތާނާ ދެކޮޅަށެވެ. މުބާރާތުގައި ކިރްގިސްތާނާއި ތުރުކުމަނިސްތާން ފުރަތަމަ ކުޅުނު މެޗުގައި ވެސް ވަރަށް ވާދަވެރި ކުޅުމެއް ފެނިގެންދިޔައެވެ. އެ މެޗުގައި ފުރަތަމަ ދެ ސެޓު ގެންގޮސް ކިރްގިސްތާނު ލީޑުގައި އޮތް ނަމަވެސް، ފަހު ތިން ސެޓު ގެންގޮސް އެ މެޗު ކާމިޔާބުކުރީ ތުރުކުމަނިސްތާނެވެ.

ރާއްޖޭގެ ޓީމަށް މިއަހަރުގެ މުބާރާތް ނިންމާލަން ޖެހޭނީ ހުސްއަތާއެވެ. އެ މުބާރާތުން ރާއްޖެ ކަޓާފައިވަނީ ކުޅުނު ހުރިހާ މެޗަކުން ވެސް ބަލިވެގެންނެވެ. ރާއްޖެއިން ކުރިން ވަނީ މުބާރާތުގައި ކާމިޔާބީތަކެއް ހޯދައިފައެވެ. މިދިޔަ އަހަރު ރާއްޖެއިން ލޯ މެޑައްޔެއް ހޯދިއިރު، 2015 ވަނަ އަހަރު ވަނީ ރިހި މެޑައްޔެއް ހޯދައިފައެވެ.