04 Jul 2011, 16:06
މެލޭޝިއާގައި ކުރިޔަށްދާ އޭސީސީ 19 އަހަރުން ދަށުގެ ކްރިކެޓް ޗެލެންޖްކަޕްގެ ދެ ވަނަ މެޗްގައި ސަޢުދީޢަރަބިޔާ އާއި، ބައްދަލުކޮށް ހަ ވިކެޓުން ރާއްޖެ ބަލިވެއްޖެ އެވެ.
އިއްޔެ ކުޅުނު މެޗްގައި ޓޮސް ދިމާވެގެން ސަޢުދީޢަރަބިޔާ ޤަސްދުކުރީ ހޮވުމަށެވެ. އެގޮތުން ރާއްޖޭގެ ޓީމް ކުޅެންއަރާ 44.5 އޯވަރުގެ ތެރޭ ހުރިހާ ކުޅުންތެރިން ނުބައި ވެގެން ހެދުނީ 141 ލަނޑެވެ. ރާއްޖެއިން އެންމެ ރަނގަޅަށް ކުޅެފައިވަނީ 47 ލަނޑުހެދި މުޙައްމަދު ރިޝްވާނާއި، ނުބައިނުވެ 32 ލަނޑު ހެދި ކެޕްޓަން މުޙައްމަދު އަކްރަމެވެ.
ޖަވާބުގައި ސަޢޫދީ ވަނީ 20 އޯވަރުގެތެރޭ ހަތަރު ކުޅުންތެރިން ނުބައިވެގެން 43 ލަނޑު ހަދާފައި ވެއެވެ. މި މެޗްގައި އެންމެ މޮޅަށް އުކާފައިވަނީ ދިވެހި ޓީމަށް ތިން ވިކެޓް ނަގައިދިން ސަލްމާން ޒަކީ އެވެ. މެޗްގެ މޮޅު ކުޅުންތެރިއަކަށްހޮވިފައި ވަނީ ސަޢުދީ ޓީމުގެ އިމާދު ޝަމްސް އެވެ.
މުބާރާތުގައި އަންނަ ބުދަދުވަހުގެ މާލޭގަޑިން ހެނދުނު 7:00 ޖަހާއިރު ކުޅޭ ތިން ވަނަ މެޗްގައި ދިވެހި ޓީމް ބައްދަލު ކުރާނީ ކުވޭތާ އެވެ. އެ މެޗަކީ ރާއްޖެއަށް މުހިންމު މެޗަކަށް ވާއިރު، މެޗުން މޮޅުވެއްޖެނަމަ ސެމީ ފައިނަލްގެ ޖާގަ ދިވެހި ޓީމަށް ކަށަވަރުވާނެ އެވެ.
ގްރޫޕް އޭ ގައި ދިވެހި ޓީމް ވާދަކުރާ މި މުބާރާތުގެ ފުރަތަމަ މެޗް ބުރޫނާއީއާ ބައްދަލުކޮށް ކާމިޔާބު ކޮށްފައި ވަނީ 322 ލަޑުން ނެވެ.
އަންނަ ހޮނިހިރު ދުވަހުގެ ނިޔަލަށް ކުރިއަށްދާ މި މުބާރާތުގެ ގްރޫޕް އޭ ގެ މެޗްތައް ކުޅެމުންދަނީ މެލޭޝިއާގެ ވެރިރަށް ކްއާލަލަމްޕޫރުގަ އެވެ. އަދި ގްރޫޕް ބީގެ މެޗްތައް ކުޅެނީ މެލޭޝިޔާގެ ޕެނާންގް ގައެވެ. ގްރޫޕް ބީ ގައި ވާދަކުރަނީ ޗައިނާ، މިޔަންމާ، ބޫޓަން އަދި ޓައިވާނެވެ.
ފައިނަލަށްދާ ދެ ޓީމް 19 އަހަރުން ދަށުގެ އޭސީސީ އެލީޓް ކްރިކެޓް ޗެލަންޖް ކަޕަށް ކޮލިފައިވާނެ އެވެ.