28 Mar 2017, 23:26
އޭއެފްސީ އޭޝިއަން ކަޕް ކޮލިފިކޭޝަންގައި ފަހު ހާފުގައި އެޓީމުން ގެނައި ބަދަލުތަކުގެ ބޭނުންހިފައި، ދިވެހިރާއްޖެ އަތުން މޮޅެއް ހޯދައިފިއެވެ.
ރާއްޖޭގެ ގައުމީ ފުޓްބޯޅަ ދަނޑުގައި މިރޭ ކުޅުނު ކޮލިފައިންގެ 'ގްރޫޕް ޑީ'ގެ މެޗުގައި ރާއްޖޭގެ މައްޗަށް ފަލަސްތީނުން ކުރި ހޯދާފައިވަނީ 3-0 ލަނޑުގެ ނަތީޖާއަކުންނެވެ.
މެޗުގެ ފުރަތަމަ ހާފުގައި ދެޓީމުންކުރެ އެއްވެސް ޓީމަކަށް ލަނޑުޖަހާނެ ގިނަ ފުރުސަތުތަކެއް ލިބިފައެއް ނުވެއެވެ. މެޗުގެ ފުރަތަމަ ހާފުގައި އެންމެ ރަނގަޅު ކުޅުމެއް ފެނިގެންދިޔައީ ވެސް ދެޓީމުގެ ޑިފެންސް ލައިނުގެ ފަރާތުންނެވެ.

އޭއެފްސީ އޭޝިއަން ކަޕް 2019 ކޮލިފިކޭޝަންގެ ގްރޫޕް ސްޓޭޖްގައި ރާއްޖެއާއި ފަލަސްތީނު ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗުން ފަލަސްތީން މޮޅުވީ 3-0 ލަނޑުގެ ނަތީޖާއަކުން --- ސަން ފޮޓޯ/ ފަޔާޒް މޫސާ
މެޗުގެ ފުރަތަމަ ހާފުގައި ފަލަސްތީނުގެ ގޯލަށް ނުރައްކާވީ ހަމައެކަނި އަލީ ފާސިރު (ސެންޓޭ) ފޮނުވާލި ހިލޭ ޖެހުމެކެވެ. މެޗުގެ 22 ވަނަ މިނެޓުގައި ސެންޓޭ ފޮނުވާލި އެ ހިލޭ ޖެހުން ފަލަސްތީނުގެ ކީޕަރު ރަމީ ހަމަދާ ވަނީ މަތަކޮށްފައެވެ.
ސެންޓޭގެ ހަމަލާ ފެނުނުތާ ހަތް މިނެޓުފަހުން ފަލަސްތީނަށް ފުރުސަތެއް ލިބިގެންދިޔައެވެ. މުހައްމަދު ދާވިޝް ދިން ބޯޅައަކުން ރާއްޖޭގެ ޕެނަލްޓީ އޭރިޔާ ތެރޭ ހުސްކޮށް ހުރެ، ޔާސިރް އިސްލާމް ފޮނުވާލި ހަމަލާ ގޯލާ އަމާޒުވެފައެއް ނުވެއެވެ. މެޗުގެ ފުރަތަމަ ހާފު ނިމިގެންދިޔައީ ދެޓީމުންކުރެ އެއްވެސް ޓީމަކަށް ލަނޑެއްނުޖެހި އެއްވަރުވެގެންނެވެ.

އޭއެފްސީ އޭޝިއަން ކަޕް 2019 ކޮލިފިކޭޝަންގެ ގްރޫޕް ސްޓޭޖްގައި ރާއްޖެއާއި ފަލަސްތީނު ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗުން ފަލަސްތީން މޮޅުވީ 3-0 ލަނޑުގެ ނަތީޖާއަކުން --- ސަން ފޮޓޯ/ ފަޔާޒް މޫސާ
މެޗުގެ ދެވަނަ ހާފުގެ ކުރީކޮޅު ފަލަސްތީނު ފެނިގެންދިޔައީ ވަރަށް ނުރައްކާތެރި ޓީމެއްގެ ގޮތުގައެވެ. އެގޮތުން މެޗުގެ 53 ވަނަ މިނެޓުގައި ފަލަސްތީނަށް ލަނޑުޖަހާނެ ވަރަށް ހުސް ފުރުސަތެއް ލިބިގެންދިޔައެވެ. ރާއްޖޭގެ ޕެނަލްޓީ އޭރިޔާ ތެރެއިން ޖޮނަތަން ޒޮރިއްލާއަށް ލިބުނު ބޯޅަ ކޮންޓްރޯލްކޮށްލުމަށް ފަހު ޝާފިއު އަހްމަދު (ޝާފީ) ކައިރިން ނައްޓާލުމަށްފަހު އޭނާ އުފެއްދި ހަމަލާ، ކީޕަރު ފައިސަލް ވަނީ ހުޝިޔާރުކަމާއެކު މަތަކޮށްފައެވެ.
މެޗުގެ 59 ވަނަ މިނެޓުގައި ކުޅެން ނުކުތް އަހްމަދު ރިދާތު ވަނީ ގިނައިރުތަކެއް ނުވެ ފަލަސްތީނަށް ދެ ލަނޑުގެ ލީޑެއް ހޯދައިދީފައެވެ. މެޗުގެ 61 ވަނަ މިނެޓުގައި އޭނާ ފުރަތަމަ ލަނޑުޖެހީ ތާމެރް ސެޔާމް ދިން ބޯޅައަކުން ޕެނަލްޓީ އޭރިޔާ ތެރެއިން ފޮނުވާލި ހަމަލާއަކުންނެވެ. އަދި އޭނާގެ ދެވަނަ ލަނޑު ފެނިގެންދިޔައީ އޭގެ ތިން މިނެޓްފަހުން ހުސްކޮށްހުރެ، ރާއްޖޭގެ ޕެނަލްޓީ އޭރިޔާ ތެރެއިން ފޮނުވާލި ހަމަލާއަކުންނެވެ.
އޭއެފްސީ އޭޝިއަން ކަޕް 2019 ކޮލިފިކޭޝަންގެ ގްރޫޕް ސްޓޭޖްގައި ރާއްޖެއާއި ފަލަސްތީނު ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗުން ފަލަސްތީން މޮޅުވީ 3-0 ލަނޑުގެ ނަތީޖާއަކުން --- ސަން ފޮޓޯ/ ފަޔާޒް މޫސާ
އެ ދެ ލަނޑަށްފަހު ވެސް ފަލަސްތީނަށް ލަނޑުޖަހާނެ ރަނގަޅު ފުރުސަތުތަކެއް ލިބިގެންދިޔައެވެ. އެގޮތުން މެޗުގެ 71 ވަނަ މިނެޓުގައި ޔާސެރް އިސްލާމްއަށް ލިބުނު ފުރުސަތާއި، ޖޮނަތަން ޒޮރިއްލާއަށް ލިބުނު ފުރުސަތު ފާހަގަކޮށްލެވެއެވެ.
މެޗުގައި ފަލަސްތީނުން ކާމިޔާބުކުރި ތިންވަނަ ލަނޑު ފެނިގެންދިޔައީ ދެވަނަ ހާފުގެ އިތުރުވަގުތުގެ ގޮތުގައި ދެއްކި ތިން މިނެޓްގެ ތެރޭގައެވެ. އެ ލަނޑު ފަލަސްތީނަށް ކާމިޔާބުކޮށްދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި މެޗު ނިމެން ދެ މިނެޓަށް ވެފައިވަނިކޮށް ކުޅެން ނުކުތް އަހްމަދު އަބުހާނީއެވެ.
ރާއްޖެއިން ކޮލިފައިންގެ 'ގްރޫޕް ޑީ'ގެ މެޗަކަށް ދެން ނުކުންނަން ޖެހޭނީ އަންނަ ޖޫން މަހުގެ 13 ވަނަ ދުވަހުއެވެ. އެ މެޗުގައި ރާއްޖެ ނުކުންނަންޖެހޭނީ ވޯލްޑް ކަޕް ކޮލިފައިން އަދި ސަރަހައްދީ މުބާރާތްތަކުގައި ވެސް އެތައް ފަހަރަކު ވާދަކޮށްފައިވާ ބޫޓާނާ ދެކޮޅަށެވެ. އެ މެޗު ކުޅެންޖެހޭނީ ބޫޓާންގައެވެ. އޭޝިއަން ކަޕް ކޮލިފައިންގައި ބޫޓާން މިއަދު ރަށުން ބޭރުގައި ކުޅުނު މެޗުގައި އޮމާން އަތުން ވަނީ 14-0 ލަނޑުގެ ތަފާތުބޮޑު ނަތީޖައަކުން ބަލިވެފައެވެ.