ފުލުހުންނަށް ނުފޫޒު ފޯރުވަމުންދާ ކަމުގެ ތުހުމަތުގައި ކުރީގެ ޕޮލިސް ކޮމެޝަނަރު އަދި ޖުމްހޫރީ ޕާޓީގެ ނައިބް ލީޑަރު އަބްދުﷲ ރިޔާޒު ފުލުސް އޮފީހަށް ހާޒިރުކޮށް ސުވާލުކޮށްފިއެވެ.

ޝަހީދު ހުސައިން އާދަމް ބިލްޑިންގައި ހިންގާ ފުލުހުންގެ މައި އިދާރާއަށް މިއަދު ހަވިރު 4:00ގައި ހާޒިރުވެ ވަޑައިގެން ދެ ގަޑިއެއްހާއިރު ފަހުން ނިކުމެވެޑައިގެން ނޫސްވެރިންގެ ސުވާލުތަކަށް ޖަވާބު ދެއްވަމުން ރިޔާޒު ވިދާޅުވީ އޭނާއާ ސުވާލުކޮށްފައި ވަނީ އިދިކޮޅު ފަރާތްތަކުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ދެއްކެވި ވާހަކަތަކާ ގުޅިގެންނާއި ފުލުހުންނަށް ނުފޫޒު ފޯރުވާ ކަމުގެ ތުހުމަތުގައި ކަމަށެވެ.

"އެއް ކަމަކީ އަޅުގަނޑު ސިޔާސީ ފޯރަމް ތަކުގައި ދައްކާ ވާހަކަ. އޭގެ ތެރެއިން އެއް ވާހަކަ އަކީ މި ގައުމު މާފިޔާ ގޭންގެކާ ހިންގަން ހަވާލުނުކުރެވޭނެ ކަމަށް ބުނީމަ އެކަން ހަޖަމް ނުވެގެން،" ރިޔާޒު ވިދާޅުވިއެވެ.

ކުރީގެ ކޮމިޝަނަރު އަބްދުﷲ ރިޔާޒު ފުލުސް އޮފީހަށް ހާޒިރު ވަނީ ---- ސަން ފޮޓޯ: ފަޔާޒު މޫސާ

އޭނާ ވިދާޅުވީ ފުލުހުން ކުރާ ދެ ވަނަ ތުހުމަތަކީ ފުލުހުންނަށް ނުފޫޒު ފޯރުވައި ފުލުހުންގެ މުއައްސަސާ ބަދުނާމު ކުރުމަށް މަސަތްކަތް ކުރާ ކަމުގެ ތުހުމަތު ކަމަށެވެ. ނަމަވެސް އޭނާ ކުރީ ކޮން ކަމެއް އަދި ދެއްކީ ކޮން ވާހަކައެއް ކަމަށް އެއްސެވުމުން ފުލުހުންނަށް ޖަވާބު ނެދެވުނު ކަން ރިޔާޒު ފާހަގަ ކުރެއްވިއެވެ.

ރިޔާޒު ވިދާޅުވީ އޭނާ ފުލުހުންނަށް ލިބިދޭން ޖެހޭ ހައްގުތަކުގެ ވާހަކަ ދައްކުމުން ދާތީ މިއަދުގެ ރައިސުލްޖުމްހޫރިއްޔާ ވަރަށް ބޮޑަށް ކަންބޮޑުވެވެޑައިގަންނަވާ ކަމަށެވެ.

"އަޅުގަނޑުގެ އުމުރުގެ 25 އަހަރު މި މުއައްސަސާއަށް ހޭދަކުރި މީހެއް. އެހެންވީމަ އަޅުގަނޑު މިއަދު ސިޔާސީ މީހަކަށް ވެގެން ހުންނައިރު ފުލުހުންގެ މީހުން އެމީހުނަށް ކަންބޮޑުވާ ވާހަކައެއް އަޅުގަނޑާހަމައަށް އައީމަ މަޖިލީހާއި ސިޔާސީ ފޯރަމްތަކުގައި ދައްކަވަމުންދިޔައީމަ ކޮބައިތޯ މައްސަލައަކީ،" ރިޔާޒު ވިދާޅުވިއެވެ.

ކުރީގެ ކޮމިޝަނަރު އަބްދުﷲ ރިޔާޒު ފުލުސް އޮފީހަށް ވަދެވަޑައިގަންނަވަނީ ---- ސަން ފޮޓޯ: ފަޔާޒު މޫސާ

ކޯޓް އަމުރެއްގެ ދަށުން ރޭ ފުލުހުން ވަނީ ރިޔާޒު ހައްޔަރުކޮށް އޭނާގެ ފޯނު އަތުލުމަށްފަހު ދޫކޮށްލާފައެވެ.

ރިޔާޒު ވިދާޅުވީ ފުލުހުން ރޭ ދެއްކި ކޯޓު އަމުރުގައި ވަނީ އޭނާގެ ފޯނު ތިން މަސްދުވަހަށް އަތުލުމަށް ކަމަށާއި އެކުމުގެ ސަބަބަން ވެސް ވަރަށް ބޮޑު ދަތިތަކަކާ ކުރިމަތިވާ ކަމަށެވެ.

"މި މައްސަލައާ ގުޅިގެން ކޮންމެ ގޮތަކަށް ކޮންމެ ހުކުމެއް ކުރި ނަމަވެސް އަދި ޖަލަށް ލިޔަސް އަޅުގަނޑު ޖަލުގައި ހުންނަން ޖެހުނު ނަމަވެސް އަޅުގަނޑުގެ ބަސްއިއްވާނަން. އެ ޔަގީންކަން އަޅުގަނޑު ދެން،" ރިޔާޒު ވިދާޅުވިއެވެ.

ރިޔާޒުގެ އިތުރުން ފުލުހުން ވަނީ ކުރީގެ ރައީސް މައުމޫންގެ ދަރިކަލުން އަދި ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިޝް މައުމޫން ވެސް ފުލުސް އޮފީހަށް ހާޒިރުކޮށް ސުވާލުކޮށްފައެވެ. ނަމަވެސް އޭނާ ފުލުހަށް ހާޒިރުކުރީ ކޮން މައްސަލައަކާ ގުޅިގެން ކަމެއް ހާމަކޮށްފައެއް ނުވެއެވެ.