ބަލި މީހުންނަށް ފަރުވާ ދިނުމަށާއި ޑެންގީ ކޮންޓްރޯލު ކުރަން ކުރީގެ ނަރުހުންނާއި ހެލްތު ވޯކަރުންގެ ތެރެއިން ގިނަ އަދަދެއްގެ ބަޔަކު ހިލޭ ސާބަހަށް މަސައްކަތްކޮށްދޭން އެދެމުން އަންނަ ކަމަށް ޑެންގީ ކޮންޓްރޯލް ކުރަން ރައީސް އުފައްދާފައިވާ ޓާސްކް ފޯހުން ބުނެފި އެވެ.

ޓާސްކްފޯހުގެ އިސް އޮފިޝަލަކު މިއަދު ވިދާޅުވީ ޑެންގީއަށް ފަރުވާ ދޭންޖެހޭ މީހުންނާއި އެހެން ބަލިތަކުގެ މީހުން ސަރުކާރުގެ މައި ހޮސްޕިޓަލް އައިޖީއެމްއެޗަށް އިތުރުވެ، އެތާނގެ ޖާގަ ދެ ބުރަށް އިތުރު ކުރުމާއެކު ބަލި މީހުންނަށް ފަރުވާ ދިނުމުގެ ހިދުމަތަށް ސިއްހީ ދާއިރާގެ ތަޖުރިބާ ހުރި ފަރާތްތަކުން ކުރިމަތިލުމަށް ގޮވައިލުމުން މާލެ އާއި އަތޮޅުތަކުން ކުރީގެ ހެލްތު ވޯކަރުންނާއި ނަރުހުން ހިދުމަތަށް ނުކުމަތަށް ތައްޔާރުވެފައިވާ ކަމަށެވެ. އެ އެންމެންވެސް ނުކުންނަނީ ހިލޭސާބަހަށް ކަމަށެވެ.

"މާލެ އިން ވެސް އަތޮޅުތަކުން ވެސް އަޅުގަނޑުމެނަށް ގުޅަމުން އެބަދޭ. ރޭގައި އަޅުގަނޑުމެން އެކަމަށް ގޮވައިލާ އިއުލާންކޮށްލުމުން މިއަދު ވަނީ ވަރަށް ބޮޑު އިޖާބައެއް މީހުން ދީފައި. މިހާތަނަށް އެދިފައިވާ މީހުންގެ ސީދާ ތަފުސީލެއް އަޅުގަނޑުގެ އަތަކު ނެތް. އެކަމަކު ވަރަށް ޕޮޒިޓިވް،" ޓާސްކްފޯހުގެ އޮފިޝަލު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އަތޮޅުތަކުން ހިދުމަތަށް ނުކުމެ، ޑެންގީ ނައްތާލުމަށާއި ބަލި މީހުންނަށް ހިލޭސާބަހަށް އެހީތެރިވާން ބޭނުން ފަރާތްތަކުން އެފަރާތެއް ހުރި ރަށެއްގައި ކޮށްދެވޭނީ ކޮން ކަމެއްތޯ ބެލުމަށް ވެސް ގިނަ ބަޔަކު ގުޅަމުން އަންނަ ކަމަށެވެ.

ހިދުމަތަށް ނުކުމަތަށް ތައްޔާރަށް ތިބި ފަރާތްތަކުގެ މަސައްކަތް ގެންދާނެ ގޮތެއް ނިންމާނީ ޓާސް ފޯހުގެ ސްޓިއަރިން ކޮމެޓީ އާއި އައިޖީއެމްއެޗާއި ސިސީއެޗްޑީސީ އާއި ހެލްތް ވޯކަރުންގެ އެސޯސިއޭޝަން އިން މަޝްވަރާ ކުރުމަށް ފަހު ކަމަށް ވެސް އޮފިޝަލު ވިދާޅުވި އެވެ.