28 Mar 2017, 12:14
އެމްއެންޑީއެފްގެ ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަހްމަދު ޝިޔާމާ ގުޅޭ ގޮތުން ފަތުރަމުންދާ ޚަބަރުތައް ޑިފެންސް މިނިސްޓްރީން ދޮގުކޮށްފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މުހައްމަދުގެ އިތުބާރު ނެތްކަމުގެ މައްސަލައިގެ ދުވަހުގެ ކުރީރޭ ދަންވަރު، ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަހްމަދު ޝިޔާމް ކުލަ ހެދުމުގައި ރައްޔިތުންގެ މަޖިލީހުގެ އިދާރާއަށް ވެދެވަޑައިގެންނެވި ކަމަށް ބުނެ ވަނީ ޚަބަރު ފެތުރިފަ އެވެ.
އަދި ޝިޔާމް މަޖިލީހަށް ވެދެވަޑައިގެންނެވި އިރު، ޖެހިގެން އައި ދުވަހު މަޖިލީހުގެ އީ ވޯޓިންގް ސިސްޓަމުގައި މައްސަލަ ޖެހިފައިވާ ކަމަށް މެމްބަރުން ބުނަމުން ދިޔަ އެވެ.
މި ވާހަކަތައް މީޑިއާ އަދި ސޯޝަލް މީޑިއާގައި ދެކެވެމުންދާތީ، މިކަން ދޮގުކޮށް ޑިފެންސް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ސިފައިންގެ ދައުރު އަދާކުރުމުގެ ކަންކަން ރާވައި ހިންގާ ބަލަހައްޓާ އެންމެ އިސް ފަރާތަކީ ޗީފް އޮފް ޑިފެންސް ފޯސް ކަމަށާއި، ސިފައިންގެ މަސްއޫލިއްޔަތު އަދާކުރާ ގޮތްތައް ބެލުމަށާއި، އެކިއެކި އުސޫލުތަކާއި ނިޒާމުތައް އެކުލަވާލުމާއި، އަމުރުތައް ނެރުމާއި ފިޔަވަޅު އެޅުމަކީ ޗީފް އޮފް ޑިފެންސް ފޯސްގެ ގާނޫނީ މަސްއޫލިއްޔަތު ކަމަށެވެ.
ޑިފެންސް މިނިސްޓްރީގެ ބަޔާނުގައި ބުނީ، މިކަންކަން މިގޮތަށްވާ އިރު، އެމްއެންޑީއެފުން ސެކިއުރިޓީ ބަލަހައްޓާ ކޮންމެ ތަނަކަށް ޗީފް އޮފް ޑިފެންސް ފޯސަށް ބޭނުން ވަގުތަކު ވަނުމުގެ ގާނޫނީ، ފުރިހަމަ އިޚްތިޔާރާއި ބާރު ލިބޭ ކަމަށެވެ.
"އެހެންކަމުން، ކަން އޮންނަ ގޮތް ނޭނގޭ ފަރާތްތަކުން ސޯޝަލް މީޑިއާގައި ޝިޔާމްއާ ގުޅޭ ގޮތުން ފަތުރަމުންދަނީ ހަގީގަތާ ޚިލާފު، އެއްވެސް އަސާސެއް ނެތް ޚަބަރެއްކަމުގައި ދިވެހި ލޮބުވެތި ރައްޔިތުންގެ މައުލޫމާތަށް ޓަކައި ދަންނަވަން،" އެ ބަޔާނުގައި ބުނެފައިވެ އެވެ.
އިއްޔެ މަޖިލީހުގައި އީ ވޯޓިންގް ސިސްޓަމުގައި މައްސަލަ ޖެހިފައިވާ ކަމަށް ބުނެ، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތްކަމުގެ ވޯޓު ނަގާފައި ވަނީ މެމްބަރުންނާ ވަކިވަކިން ސުވާލުކޮށްގެންނެވެ. ވޯތު ކުރިޔަށް ގެންދިޔައީ މިކަމާ ދެކޮޅު ހަދައި، މަޖިލީހުގައި އަޑުގަދަކޮށް ޖަލްސާ ކުރިޔަށް ގެންދިއުމަށް ހުރަސް އެޅުއްވި އިދިކޮޅު 13 މެމްބަރެއްގެ ނަން އިއްވައި، މަޖިލީހުގެ ޗެމްބަރުން ބޭރު ކުރުމަށްފަހު އެވެ.