ސްރީލަންކާގެ ވެރިރަށް ކޮލޮމްބޯ އަދި ކޮލޮމްބޯ ކައިރި ސަރަހައްދުތަކަށް ފެން ފޯރުކޮށްދޭ ނިޒާމުގެ މަރާމާތުތަކެއް ކުރުމަށް މާދަމާ ހެނދުނުން ފެށިގެން މެންދަމާ ހަމައަށް ފެނުގެ ޚިދުމަތް ކަނޑާލާ ގޮތަށް ހަމަޖެހިއްޖެއެވެ.

ސްރީލަންކާގެ ނޭޝަނަލް ވޯޓަ ސަޕްލައި އެންޑް ޑްރެއިނޭޖް ބޯޑުން ބުނި ގޮތުގައި، ވޯޓަ ސަޕްލައިގެ ޚިދުމަތަށް ބުރޫ އަރަނީ އަބަތަލޭ ވޯޓަ ޓްރީޓްމެންޓް ޕްލާންޓަށް ދިމާވެފައިވާ ކަރަންޓުގެ މައްސަލައެއް ހައްލު ކުރަން ޖެހޭތީއެވެ.

ފެނުގެ ޚިދުމަތް ކެނޑެނީ ހެނދުނު 9:00 އިން މެންދަމު 12:00 އަށެވެ. މާދަމާ ފެނުގެ ޚިދުމަތް ކެނޑެނީ ކޮލޮމްބޯ ޑިސްޓްރިކްޓުގެ ބައެއް ސަރަހައްދުތަކެވެ. އެއީ ކޮލޮމްބޯ، ދެހިވަލަ-މައުންޓް ލެވީނިއާ، ކޯއްޓޭ އަދި ކަޑުވެލާ ޓައުންތަކާއި، އެ ޓައުންތަކުގެ ރަށްބޭރުގައިވާ ސަރަހައްދުތައް ކަމުގައިވާ މަހާރަގަމަ، ބޮރަލެސްގަމުވަ، ކޮލޮންނާވަ، ކޮޓިކާވައްތަ އަދި މުލްލެރިޔާވައަށެވެ.

ކޮލޮމްބޯގެ އިތުރުން ދެހިވަލަ-މައުންޓް ލެވީނި އަދި ބޮރަލެސްގަމުވައަކީ ގިނަ އަދަދަކަށް ދިވެހީން ދިރިއުޅޭ ސަރަހައްދުތަކެވެ. ނުރަސްމީ ހިސާބުތައް ދައްކާ ގޮތުގައި ސްރީލަންކާގައި 12،000 އެއްހާ ދިވެހީން ދިރިއުޅެއެވެ. މީގެ ތެރެއިން އެންމެ ގިނަ ދިވެހީން ދިރިއުޅެނީ ދެހިވަލަގައެވެ.