28 Mar 2017, 10:46
އޭއެފްސީ އޭޝިއަން ކަޕް ކޮލިފައިންގައި ފަލަސްތީނާ ދެކޮޅަށް މިރޭ ދިވެހިރާއްޖެ ކުޅޭ މެޗުގެ 50 އިންސައްތައަށް ވުރެ ގިނަ ޓިކެޓް ވިކި، ޓިކެޓާއެކު ހާއްސަ ޕްރޮމޯޝަނެއްގެ ދަށުން ވިއްކަން ފެށި ގައުމީ ޓީމުގެ ޖާޒީވެސް ވިކި ހުސްވެއްޖެއެވެ.
ގައުމީ ފުޓްބޯޅަ ދަނޑުގައި މިރޭ 21:00ގައި ކުޅޭ މެޗުގެ ޓިކެޓް ވިއްކަން ފަށާފައިވަނީ މި މަހުގެ 24 ވަނަ ދުވަހުއެވެ.
އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް މިއަދުސަން ސްޕޯޓްސްއަށް ވިދާޅުވީ، ގޮނޑި ބަރީން ވިއްކަން ހަަމަޖެހިަފއިވާ އަދަދަށް ޓީކެޓް ވިކި ހުސްވެފައިވާކަމަށާއި ސިޑި ބަރީގެ ތިން ބައިކުޅަ އެއްބަޔަށް ވުރެ ވެސް ގިނަ ޓިކެޓް ވިކިފައިވާކަމަށެވެ.
" ގޮނޑި ބަރިން 2000 ޓިކެޓް މި ވިއްކީ، އެ ހުރިހާ ޓީކެޓެއް ވަނީ ވިކިފައި. ދެން ސިޑީ ބަރިން 6500 ޓިކެޓް ވިއްކާއިރު 2500 ޓިކެޓް ވަނީ ވިކިފައި. ޖާޒީ އެއްކޮށް ހުސްވެއްޖެ،" ބައްސާމް ވިދާޅުވިއެވެ.
ބައްސާމް ވިދާޅުވީ މިރޭ މެޗް ބެލުމަށް ގިނަ ބަޔަކު ދަނޑަށް އައުމަކީ އެފްއޭއެމްގެ ވަރަށް ބޮޑު އެދުމެއްކަމަށާއި އަދި ޓިކެޓް ވިކެމުންދާ މިންވަރާ މެދު ހިތްހަމަޖެހޭ ކަމަށެވެ.
ބައްސާމް ވިދާޅުވީ މި ދުވަސް ވަރަކީ ރޯގާ ފެތުރެމުންދާ ދުވަސް ވަރަކަށް ވާތީ އެކަމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް ދަނޑަށް އަންނަ ސަޕޯޓަރުންގެ ކިބައިން އެދޭކަމަށާއި އަދި އެފްއޭއެމްއިން ވެސް ހާއްސަ އިސްކަމެއްދީގެން އެކަން ކުރަމުންދާ ަކަމަށެވެ.
ގޮނޑިބަރިން ޓިކެޓެއް، ޖާޒީއާއެކު 200 ރުފިޔާއަށް ލިބެން ހުންނައިރު، ޖާޒީއާ ނުލައި ޓިކެޓެއް ލިބޭނީ 100 ރުފިޔާއަށެވެ. ވީއައިޕީން ޓިކެޓެއް ޖާޒީއާއެކު 250 ރުފިޔާއަށް ލިބެން ހުންނައިރު، ޖާޒީއާ ނުލައި ޓިކެޓެއް ލިބޭނީ 150 ރުފިޔާއަށެވެ. ސިޑިބަރިން ޓިކެޓް ގަންނަ ފަރާތްތަކަށް އެ ޑިސްކައުންޓެއް ނުހިމެނެއެވެ. ސިޑިބަރީގެ ޓިކެޓެއްގެ އަގަކީ 50 ރުފިޔާއެވެ. ވަކިން ޖާޒީއެއް ގަންނަން ބޭނުންވާ ފަރާތްތަކަށް ޖާޒީ ލިބެން ހުންނާނީ 310 ރުފިޔާއަށެވެ.
މިއަދު ޓިކެޓް ގަންނަނަް ލިބެން ހުންނާނީ ރަސްމީ ދަނޑުން ކަމަށްއެފްއޭއެމުން މައުލުމާތުދެއެވެ.