04 Jul 2011, 15:33
މިދިޔަ އަހަރުގެ ފަހު ކޮޅު ވަތަނިއްޔާ އިން ފެށި "މަވެސް ވަތަނިއްޔާ" ކެމްޕެއިންގެ އާ ބްރޭންޑް އެމްބެސެޑަރުންތަކެއް ރޭ ތަޢާރަފްކޮށްފި އެވެ.
ރޭ ޓްރޭޑާސް ހޮޓެލްގައި ބޭއްވި ރަސްމިއްޔާތުގައި ވަތަނިއްޔާ އިން ތަޢާރަފް ކުރި އެމްބެސަޑަރުންގެ ތެރޭ ހިމެނެނީ ރާއްޖޭގައި ކުޅިވަރާއި މުނިފޫހިފިލުވުމުގެ ދާއިރާގައި ހިމެނޭ މަޝްހޫރު ފަރާތްތަކެވެ.
އެގޮތުން މިފަހަރުގެ އެމްބެސެޑަރުންގެ ތެރޭ ހިމެނެނީ 17 އަހަރުން ދަށުގެ ގައުމީ ޓީމުން މަޝްހޫރު ކަމެއް ހޯދި މުހައްމަދު އުމައިރާއި ފާއިތުވި 14 އަހަރު ގައުމީ ޓީމުގައި ފިޒީޝަނެއްގައި ގޮތުގައި މަސައްކަތް ކުރެއްވި އަހުމަދު ޝަކީބުގެ އިތުރުން ވީބީ ސްޕޯޓްސް ކުލަބާއި ބާސްކެޓް ބޯޅަ ކުރިއަރުވާ ޒުވާން ކުޅުންތެރިން އުފެއްދުމަށް މަސައްކަތް ކުރާ ޓީ ރެކްސް އެވެ.
މީގެ އިތުރުން މުނިފޫހިފިލުވުމުގެ ދާއިރާގައި މަޝްހޫރު ދެ ފަރާތް ކަމަށްވާ އިބްރާހިމް އަލީ (ކުޑައިއްބެ) އާއި އަމިއްލަ ގިނަ ރާގުތަކުގެ ލަވަ ދިވެހިންނާ ހަމައަށް ގެނެސްދީގެން މަޝްހޫރު ކަން ހޯދި މުހައްމަދު މާޖިދު (މެޒޯ މުހައްމަދު) ހިމެނެ އެވެ.
ވަތަނިއްޔާ އިން ކުރިއަށް ގެންދާ "މަވެސް ވަތަނިއްޔާ" ކެމްޕެއިންގެ އާ ބުރޭންޑް އެމްބެސަރުން ރޭ ތަޢާރަފްކުރި އިރު މިހާރު ވެސް ވަތަނިއްޔާގެ އެމެބެސެޑަރުންގެ ތެރޭ މަޝްހޫރު ޑޮކްޓަރުންނާ ރާޅާ އަޅާ މީހުންގެ އިތުރުން މަޝްހޫރު ފަންނާނުން ހިމެނެ އެވެ.
ވަތަނިއްޔާ އިން ބުނީ ވަތަނިއްޔާގެ "އާ ދުނިޔޭގައި" ފަށާފައިވާ ދަތުރުގައި ގުޅުނު ފަރާތްތަކަކީ ހުނަރާ ތަޖުރިބާގެ ގޮތުން ގުނާލެވޭ ފަރާތްތަކެއް ކަމަށެވެ. އަދި ވަތަނިއްޔާގެ ވާދަވެރި ޚިދުމަތްތަކާ ބުރޭންޑްގެ އިތުރުން ހުނަރުވެރި ދިވެހިންނަށް ވަތަނިއްޔާ އިން ދޭ ސަމާލުކަމަކީ އެންމެން ދަންނަ މޫނުތައް ވަތަނިއްޔާ އާ ގުޅުމުގެ މައިގަނޑު ސަބަބު ކަމަށް އެ ކުންފުނިން ބުންޏެވެ.