28 Mar 2017, 00:52
ރަށްރަށުގައި އިންތިހާބުވެފައި ތިބޭ ކައުންސިލަރުންނަށް، ހުކުރު ޚުތުބާ ދީ އިމާމު ނަމާދު ކުރެވޭ ފެންވަރަކަށް ގެންދިއުމަށް ހާއްސަ ކޯސްތަކެއް ހިންގަން ފެށުމުގެ މަސައްކަތް ކުރައްވަމުން އަންނަ ކަމަށް އިސްލާމިކް ޔުނިވާސިޓީ އޮފް މޯލްޑިވްސް (އައިޔޫއެމް)ގެ ޗާންސެލަރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެ އެވެ.
ޝަހީމް އެހެން ވިދާޅުވީ މިރޭ ބޭއްވި އިސްލާމިކް ޔުނިވާސިޓީގެ ދަސްވެނިވުމުގެ ހަފްލާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ޝަހީމް ވިދާޅުވީ، ދީނީ އެތަކެއް މައުލޫމާތުތަކެއް ލިއްބައިދީ ދީނަށް މީހުން އަހުލުވެރި ކުރުވުމަށް އެ ޔުނިވާސިޓީން ގިނަ ގޯސްތަކެއް މިހާރު ވެސް ހިންގަމުން އަންނަ ކަމަށެވެ. އެގޮތުން ޙަދީޘް އިލްމުގެ އިތުރުން ވަރަށް އަވަހަށް ކައުންސިލަރުންނަށް އިމާމުވެ ނަމާދުކޮށް ހުތުބާކިޔޭނެ ކޯހެއް ހިންގާނެ ކަމަށް ވިދާޅުވި އެވެ.
"މާތް ﷲ ގެ އިރާދަފުޅާ އެކު ހަދީޘް އިލްމުގެ ޕްރޮގްރާމްތަކުގެ އިތުރުން، އިމާމުންނާއި ކައުންސިލަރުންނަށް ހާއްސަ ކޯސްތަކެއް ވެސް ފެށިގެން ދާނެ. އިމާމުންނާއި ކައުންސިލަރުންނަށް އަމާޒުކުރާ ކޯސްތައް ހިންގާނީ އަތޮޅުތަކުގައި. މި ކޯސްތަކަކީ ކައުންސިލަރުންނަށް ވެސް ހުތުބާ ކިޔައި އިމާމުކަން ކުރެވޭ ފެންވަރަށް ގެންދިއުމަށް ހިންގޭ ކޯސްތަކެއް،"
ޝަހީމް ވިދާޅުވީ ޔުނިވާސިޓީ އިތުރަށް ހަރުދަނާކޮށް ކުރިއެރުވުމަށް ވެސް ގިނަ މަސައްކަތްތަކެއް މިހާތަނަށް އައި އިރު ކުރެވިފައިވާ ކަމަށެވެ. އެގޮތުން ޒަމާނީ ލައިބްރަރީ ގާއިމްކޮށް، ޓީޗަރުންނަކީ ރަނގަޅު ތައުލީމް ލިބިފައިވާ ބަޔަކަށް ހެދުމަށް ބޭރުގެ ފަރާތްތަކާ އެކު މަސައްކަތްތަކެއް ކުރެވިފައިވާ ކަމަށް ޝަހީމް ވިދާޅުވި އެވެ.
ޝަހީމް ވިދާޅުވީ އިސްލާމް ދީނާ ގުޅޭ އެންމެ ގިނަ މައުލޫމާތުތައް ލިބެން ރާއްޖޭގައި ހުރި ލައިބްރަރީއަކީ އިސްލާމިކް ޔުނިވާސިޓީގައި ގާއިމްކޮށްފައިވާ ލައިބްރަރީ ކަމަށެވެ.
ޝަހީމް އިތުރަށް ވިދާޅުވީ، އިސްލާމީ ދިރާސާތައް ހިމެނޭ، އައިޔޫއެމްގެ ބައިގަލްއަގުވާމީ ޖާނަލް އެއް ވަރަށް އަވަހަށް ނިކުންނާނެ ކަމަށެވެ. ދިވެހިބަހާއި އަރަބިބަހާއި އިނގިރޭސި ބަހުން ނެރޭ އެ ޖާނަލްގެ ނަމަކީ "އަލް މަންހަޖް" ކަމަށް ޝަހީމް ވިދާޅުވި އެވެ.
އޭގެ އިތުރުން "އަދާހަމަ"ގެ ނަމުގައި އިސްލާމިކް ޔުނިވާސިޓީގެ ދުވެލި ހާމަކޮށްދޭ ބްލެޓިން ވެސް މަހެއްހާ ދުވަހުގެ ތެރޭގައި ޝާއިއުކުރެވޭނެ ކަމަށް ޝަހީމް ވިދާޅުވި އެވެ.