19:00


މޯލްޑިވްސް މީޑިޔާ ކައުންސިލްގެ ރައީސް ކަމަށް، ރޭޑިއޯ އެޓޯލްގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ނަޒީފް އަދި ނާއިބު ރައީސް ކަމަށް ކުރީގެ ފިޔެސް މަޖައްލާގެ އެޑިޓަރު އަހްމަދު އަބްދުﷲ އިންތިހާބުކޮށްފި އެވެ.


ޑިޕާޓްމަންޓް އޮފް އިންފޮމޭޝަންގައި މިއަދު ބޭއްވި މީޑިއާ ކައުންސިލްގެ އިންތިހާބުގައި މީޑީޔާ ކައުންސިލުގެ 15 މެންބަރުންގެ ތެރެއިން 13 މެންބަރުން ބައިވެރިވެވަޑައިގަތެވެ. ރައީސްގެ މަގާމަށް އިންތިހާބުވި މުހައްމަދު ނަޒީފަށް 10 ވޯޓް ލިބިވަޑައިގެންނެވިއިރު ނަޒީފާ އެންމެ ގާތުން ވާދަކުރެއްވި ވީޓިވީގެ ޑެޕިއުޓީ ޗީފް އެގްޒެކެޓިވް އޮފިސަރު ޝިހާމް މުހައްމަދު ވަހީދަށް ލިބިވަޑައިގަތީ ތިން ވޯޓެވެ.


މީޑިޔާ ކައުންސިލުގެ ނާއިބު ރައީސް ކަމަށް އިންތިހާބުވި އަހުމަދު އަބްދުﷲ އަށް ލިބިވަޑައިގަތީ 10 ވޯޓެވެ. އަދި އޭނާއާ އެންމެ ގާތުން އެ މަގާމަށް ވާދަކުރެއްވި ފާތުމަތު އިޝާން އަލީ އަށް ލިބިވަޑައިގަތީ ތިން ވޯޓެވެ. ޝާނަކީ އާންމުގެ ތެރެއިން ކައުންސިލަށް އިންތިހާބުވެފައިވާ މެންބަރެކެވެ.


ނަޒީފާއި އަހްމަދު އަބްދުﷲގެ އިތުރުން މީޑީޔާ ކައުންސިލުގައި ހިމެނެނީ ހާމަ ނޫހުގެ ސައިފު އަޒުހަރާއި ޓީވީއެމްގެ އަހުމަދު މުހުސިނާއި ސުންގަޑި މަޖައްލާގެ މުހައްމަދު ހަލީމާއި ހަވީރުގެ އަހުމަދު އަބްދުﷲ ސައީދާއި އާއިލާ މަޖައްލާގެ ފަރާތުން ކުރިމަތިލެއްވި ދިޓީވީގެ އެޑިޓަރު އިސްމާއިލް ރަޝީދާއި ވީޓީވީގެ ޝިހާމް މުހައްމަދާއި ދިއެފްއެމް ހިންގެވުމާ ހަވާލުވެ ހުންނެވި މަސްއޫދު ހިލްމީ އާއި އާންމުންގެ ތެރެއިން އިންތިހާބުވި ހަތް މެމްބަރުން ކަމަށްވާ ފާތިމަތު އިޝާން އަލީ އާއި މުހައްމަދު އާޒިމް އަބްދުލް ހާދީ އާއި އަލީ ވަހީދު ހަސަން މަނިކާއި އަނަސް އަބްދުއްސައްތާރާއި އަހުމަދު ފައިސަލާއި މުހައްމަދު ފަރީދެވެ.


މީޑިއާ ކައުންސިލްގެ ރައީސް މުހައްމަދު ނަޒީފް މިއަދު ވިދާޅުވީ އިންތިހާބްގެ ކަންތައްތައް ކުރިއަށްދިޔައީ ވަރަށް ރަނގަޅަށް ކަމަށާއި އަދި އެ ކައުންސިލަކީ މުޅިން އަލަށް އުފެދޭ ކައުންސިލަކަށްވެފައި ވަރަށް ބައިވަރު ކަންތައްތަކެއް ކުރަން އެބަހުރި ކަމަށެވެ. ނަޒީފް އަދި ވިދާޅުވީ މިހާރު ރާއްޖޭގެ މީޑިއާ އަކީ ވަރަށް މިނިވަން މާހައުލެއްގައި އޮޕަރޭޓްކުރަމުންދާ މީޑިއާއެއް ނަމަވެސް އެ މިނިވަންކަން ދަމަހެއްޓައި ފަރުދުންގެ ހައްޤުތަކާއި މިނިވަންކަން ރައްކާތެރިކުރުމަށް ވެސް ވަރަށް ގިނަ ކަންތައްތަކެއް ކުރަންޖެހިފައިވާ ކަމަށެވެ.