27 Mar 2017, 19:20
މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މުހައްމަދުގެ އިތުބާރު ނެތް ކަމުގެ މައްސަލާގެ ވޯޓްގައި ބައިވެރިވެވަޑައި ނުގަންނަވައި މަޖިލިސް ދޫކޮށް ނުކުމެވަޑައިގެންނެވި މަޑުއްވަރީ ދާއިރާގެ މެމްބަރު މުހައްމަދު އަމީތު އަހުމަދު މަނިކު ޕީޕީއެމްގެ ޕީޖީ ގްރޫޕުން ވަކިކުރަން ނިންމަވައި ޕާޓީގެ މެމްބަރުކަމުން ވެސް ވަކިކުރެއްވުމަށް ހުށަހަޅަން ނިންމައިފިއެވެ.
ޕީޕީއެމް އަދި އެމްޑީއޭގެ ޖޮއިންޓް ޕާލިމެންޓަރީ ގްރޫޕުން ވަނީ މަސީހު މަގާމުގައި ބެހެއްޓުމަށް ފެންނަ ކަމަށް ވޯޓް ދިނުމަށް ތްރީ ލައިން ވިޕެއް ރޭ ނެރުއްވާފައެވެ. ނަމަވެސް ރޭ އަމީތު ވަނީ މަސީހުއާ ދެކޮޅަށް ވޯޓް ދޭނެ ކަމަށް ބުނެ ޓްވީޓްކޮށް މިއަދުގެ ޖަލްސާގައި އިދިކޮޅު ފަރާތްތަކާ ބައިވެރިވެ، މަޖިލިސް ދޫކޮށް ނުކުމެވަޑައިގަނެފައެވެ.
މިއަދުގެ ވޯޓަށް ފަހު ނޫސްވެރިންނާ ބައްދަލުކުރައްވައި ނިހާން ވިދާޅުވީ މިއަދު މެންދުރު ބޭއްވި އެޕާޓީގެ ޕާލިމެންޓްރީ ގްރޫޕްގެ ބައްދަލުވުމުގައި ބައިވެރިވި މެމްބަރުންގެ އިއްތިފާގުން ނިންމީ އަމީތު ޕީޖީ ގްރޫޕުން ވަކިކޮށް ޕާޓީން ވެސް ވަކިކޮށްދިނުމަށް އެދި ސްލޫކީ ކޮމެޓީއަށް ހުށަހެޅުއްވުމަށެވެ.
ސަބަބެއްގެ ގޮތުގައި ނިހާނު ވިދާޅުވީ ޕީޖީ ގްރޫޕްގެ މެމްބަރެއްގެ ކިބައިގައި ހުންނަން ޖެހޭ ޝަރުތުތައް އަމީތުގެ ކިބައިގައި ނެތް ކަމަށާއި އޭނާ ވަނީ ޕީޖީ ގްރޫޕްގެ އެކުވެރިކަމާއި އެއްބާރުލުމަށް ލޮޅުން އަރާފަދަ ގޮތަކަށް އަމަލުކޮށްފައި ކަމަށެވެ.
އަމީތުގެ އިތުރުން ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލް ޤައްޔޫމް ވެސް އެ ޕާޓީގެ މެމްބަރު ކަމުން ވަކިކުރުމަށްޓަކާ ސްލޫކީ ކޮމެޓީއަށް ހުށަހެޅެއްވުމަށް އިއްޔެ ވަނީ އެ ޕާޓީގެ ކައުންސިލް ބައްދަލުވުމުން ފާސްކޮށްްފައެވެ.
ޕީޖީ ގްރޫޕްގެ ނިންމުމާ ހިލާފުވެ ޕާޓީގެ ސިޔާސަތުތަކަށް ފާޑު ވިދާޅުވުމުގެ ސަބަބުން މީގެ ކުރިން ވަނީ ދިއްގަރު ދާއިރާގެ މެމްބަރު އަދި ރައީސް މައުމޫންގެ ދަރިކަލުން އަހުމަދު ފާރިސް މައުމޫން އާއި ތުލުސްދޫ ދާއިރާގެ މެމްބަރު އިބްރާހިމް ވަހީދު (ލޯޔަރު ވައްޑޭ) ވެސް ވަނީ ޕާޓީން ވަކިކޮށްފައެވެ.