މަގުބޫލު އުޒުރެއް ނެތި ކައުންސިލްގެ ހަތް ޖަލްސާ އަކަށް ވަޑައިނުގެންނަވާ ކަމަށް ބުނެ ބ. އަތޮޅު ތުޅާދޫ ކައުންސިލްގައި ހިމެނިވަޑައިގެންނަވާ ހަމައެކަނި ޑީއާރުޕީގެ މެންބަރު، އުމެއިރާ އަބޫބަކުރު އެ މަގާމުން ވަކިކުރި މައްސަލަ ވަރަށް ބޮޑަށް ކުށްވެރިކުރައްވާ ކަމަށާއި ކޯޓް އަމުރެއް ނެތި ފުލުހުން އެންގިއަސް، އުމެއިރާ އޮފީހުން ނުނިކުންނެވުމަށް އަންގަވާފައިވާނެ ކަމަށް ރައްޔިތުންގެ މަލިޖީހުގެ ތުލުސްދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް މިއަދު ވިދާޅުއްޖެ އެވެ.

ޑީއާރުޕީގެ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރޮޒޭނާ ވިދާޅުވީ އުމައިރާ އަބޫބަކުރު މިއަދު އޮފީހަށް ނުކުމެވަޑައިގަތުމުން ފުލުހުން ގެނެސް، އޭނާ އޮފީހުން ނެރޭނެ ކަމުގެ ބިރު ދައްކާފައިވާ ކަމަށެވެ. ރޮޒޭނާ އަދި ވިދާޅުވީ ތުޅާދޫ ކޯޓުން އަމުރެއް ނެރެފި ނަމަ އެމައްސަލަ ހައި ކޯޓުގައި އިސްތިއުނާފް ކުރައްވާނެ ކަމަށެވެ.

"އަޅުގަނޑުމެން އޮންނާނީ އުމެއިރާ އަށް އަންގާފައި ކޯޓު އަމުރެއް ނެތި އޮފީހުން ނުކުމެވަޑައިގެން ނުވާނެ ކަމަށް. ކޯޓު އަމުރެއް ނެތި ފުލުހުންނަކަށް އުމެއިރާ ނެރޭކަށް ނުދެވޭނެ. މިކަމަކީ އެމްޑީޕީގެ ހަތަރު މެންބަރުން ރާވައިގެން ހިންގާފައިވާ ކަމެއް. މިހާރު [އުމެއިރާ އަށް] މި އަންގަނީ އޮފީހުގެ އެއްވެސް ލިޔެކިޔުމެއްގައި ނާތް ލެވޭނެއޭ. އެހެންނަމަވެސް އެހެން މެންބަރުންނަށް އަތްލެވެންޏާ އުމެއިރާ އަށް ވެސް އަތްލެވޭނެ،" ރޮޖޭނާ ވިދާޅުވި އެވެ.

މަގުބޫލް އުޒުރެއް ނެތި ކައުންސިލްގެ ހަތް ޖަލްސާ އަށް ހާޒިރުވެފައި ނުވާ ކަމަށް ބުނެ ތުޅާދޫ ކައުންސިލްގެ ޑީއާރުޕީ މެންބަރު އެ މަގާމުން ވަކިކޮށްފައި ވަނީ ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނުގެ 115 ވަނަ މާއްދާ އާއި 116 ވަނަ މާއްދާއާ ހިލާފަށް ކަމަށް ރޮޒެއިނާ ވިދާޅުވި އެވެ. އަދި އެ ޖަލްސާތަކަށް ތުޅާދޫ ކައުންސިލްގެ ޑީއާރުޕީ މެންބަރު ހާޒިރުވެވަޑައި ނުގެންނެވުނީ ހުރިހާ ކައުންސިލުން ވެސް މެމްބަރުން ބައިވެރިވެ ވަޑައިގެންނެވި ވޯކްޝޮޕަކަށް ވަޑައިގެންނެވުމުން ކަމަށް ރޮޒޭނާ ވިދާޅުވި އެވެ. އަދި އެ ވޯކްޝޮޕަށް އޭނާ ވަޑައިގަތީ އަތޮޅު ކައުންސިލާ ރަށު ކައުންސިލްގެ ހުއްދަ ލިބިގެން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ރޮޒޭނާ ވިދާޅުވީ މިކަމަކީ ރާވައިގެން ކުރި ކަންތައް ގަނޑެއްކަން ސާބިތުވާ އެތައް ކަމެއް އެބައޮތް ކަމަށެވެ. އެގޮތުން އުމެއިރާ ވޯކްޝޮޕަށް ވަޑައިގެންނެވި ތިން ހަފްތާގެ ތެރޭގައި 10 ޖަލްސާ ބާއްވައިފައިވާ ކަން ރޮޒޭނާ ފާހަގަކުރެއްވި އެވެ. އަދި އޭގެތެރެ އިން އެއްވެސް ޖަލްސާއެއް ބާއްވަން އުޅޭކަން ޑީއާރުޕީގެ ކައުސިލަރަށް އަންގާފައި ނުވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ތުޅާދޫ ކައުންސިލްގައި ހިމެނިވަޑައިގެންނަވާ ޑީއާރުޕީގެ މެންބަރު އެ މަގާމުން އިއްޔެ ވަކިކުރެއްވީ ލޯކަލް ގޮވަރުމެންޓް އޮތޯރިޓީން އެޓާނީ ޖެނެރަލްގެ ލަފާފުޅުގެ މަތިން ކައުންސިލަށް އަންގާފައިވާ އެންގުމާ އެއްގޮތަށް ކަމަށް ވެސް އެމްޑީޕީގެ މެޖޯރިޓީ އޮންނަ ތުޅާދޫ ކައުންސިލްގެ ރައީސް އަހުމަދު ރަޝީދު އިއްޔެ ވަނީ ވިދާޅުވެފަ އެވެ.

ލޯކަލް ގަވާރުމެންޓް އޮތޯރިޓީގެ ގާނޫނު ބުނަނީ މަގުބޫލު ސަބަބެއް ނެތި ކައުންސިލްގެ ހަތް ޖަލްސާ އަކަށް ވިދިވިދިގެން ހާޒިރުނުވެއްޖެ ނަމަ ކައުންސިލްގެ މެމްބަރުކަމުން ވަކިވާނެ އެވެ.