ހޮންގްކޮންގް(މާޗް 27): ހޮންގްކޮންގްގެ ވެރިޔާ ނުވަތަ ޗީފް އެގްޒެކްޓިވް ކަމުގެ މަގާމަށް އުމުރުން 50 އަހަރުގެ ކްރިއާ ލޭމް، އިންތިޚާބުކޮށްފިއެވެ.

މިމަގާމަށް ލޭމް އިންތިޚާބުކުރީ 1،200 މެމްބަރުން ހިމެނޭ ހޮންގްކޮންގްގެ ލެޖިސްލޭޓިވް ކައުންސިލް އިންނެވެ. އިއްޔެ އޮތް ވޯޓު ލޭމް ކާމިޔާބުކުރެއްވީ 777 ވޯޓު ލިބިވަޑައިގެންނެވެ. އޭނާއާ އެންމެ ގާތުން ވާދަކުރެއްވި ޖޯން ސަންގަށް ލިބިވަޑައިގަތީ 365 ވޯޓެވެ. ޖޯން އަކީވެސް ލޭމް ފަދައިން ހޮންގްކޮންގެ ވެރިކަމުގެ ނިޒާމުގައާއި ކުރީގެ ސަރުކާރުތަކުގައި މަތީ މަގާމުތަކެއް ކުރިން އަދާކުރައްވާފައިވާ ބޭފުޅެކެވެ. ނަމަވެސް މިދެބޭފުޅުންގެ ތެރެއިން ހޮންގްކޮންގް އެގައުމަކަށް ނިސްބަތްވާ ޗައިނާގެ ސަރުކާރުގެ ތާއީދުއޮތީ ލޭމް އަށެވެ.

ހޮންގްކޮންގްގެ ސްޓޭޓް ކައުންސިލްގެ އަޣްލަބިއްޔަތު އޮންނަނީ ޗައިނާ ސަރުކާރަށް ތާއީދުކުރާ މެންބަރުންގެ އަތްމަތީގައެވެ. ހޮންގްކޮންގް އަކީ ދުނިޔޭގެ ވިޔަފާރީގެ އެއްމެ މުހިއްމު އެއް މަރުކަޒެވެ. 1996 ގައި އިނގިރޭސި އިސްތިއްމާރުގެ ދަށުން ހޮންގްކޮންގް މިނިވަންވެ ޗައިނާގެ ސިޔާދީ ބާރުގެ ދަށަށް ދިޔަނަމަވެސް މިނިވަންކަމުގެ އެއްބަސްވުމުގައިވާގޮތުން 1996 ން ފެށިގެން 50 އަހަރު ވަންދެން ހޮންގްކޮންގް އޮންނަންޖެހޭނީ ޗައިނާގައި އޮންނަ ވެރިކަމުގެ ނިޒާމާ މުޅިން ޚިލާފު ނިޒާމެކެވެ. އެއީ އިނގިރޭސި އިސްތިޢްމާރުގެ ދުވަސްވަރު އެސަރަހައްދުގައި އޮތް ނިޒާމެވެ.

މިމުއްދަތުގެ ތެރޭގައި ޗައިނާގެ ސިޔާދީ ބާރު ހިނގިނަމަވެސް ޗައިނާގެ ގާނޫނު އަސާސީ އާއި ޗައިނާގެ އެހެން ގާނޫނުތައް ހޮންގްކޮންގް އަކަށް ނުހިނގާނެއެވެ. އަދި މިމުއްދަތުގެ ތެރޭގައި ހޮންގްކޮންގް އޮންނާނީވެސް ވަކި ވެރިކަމެއް ކުރާ ޗައިނާގެ ޚާއްސަ ސަރަހައްދެއްގެ ގޮތުގައެވެ.

އެހެންކަމުން ޗައިނާގެ ރައްޔިތުންނަށް ލިބިދީފައިވާ ވަރަށްވުރެ ބޮޑު މިނިވަންކަމެއް ހޮންގްކޮންގް ރައްޔިތުންނަށް ލިބިދީފައިވެއެވެ. ޚާރިޖީ ގުޅުންތަކާއި ދިފާއީ ކަންކަންފިޔަވައި އެހެންކަންކަމުގައި ދުނިޔޭގެ ގައުމުތަކާ ވަކިން މުއާމަލާތް ކުރުމުގެ ބާރު ހޮންގްކޮންގް އަށް ލިބިފައިވެއެވެ.

ހޮންގްކޮންގްގައި އޮންނަނީވެސް ޑިމޮކްރެޓިކް ނިޒާމެކެވެ. ނަމަވެސް ރައްޔިތުންގެ ސިދާ ވޯޓަކަށް ގޮސްގެން ވެރިއަކު އިންތިޚާބުކުރާ ނިޒާމެއް ނޫނެވެ. ހޮންގްކޮންގްގެ ޑިމޮކްރަސީ ބިނާވެފައިވަނީ އެސަރަހައްދުގެ ވެރިޔާ ނުވަތަ ޗީފް އެގްޒެކްޓިވް، އެތަނުގެ ލެޖިސްލޭޓިވް ކައުންސިލްގައި ނަގާވޯޓަކުން އިންތިޚާބުކުރާ ގޮތަށެވެ. ލެޖިސްލޭޓިވް ކައުންސިލްގެ މެންބަރުން އިންތިޚާބުކުރާނީ ހޮންގްކޮންގްގެ ރައްޔިތުންނެވެ.

ހޮންގްކޮންގްގެ ވެރިކަމުގެ ނިޒާމު އޮންނަގޮތުން އެސަރަހައްދުގެ އެތެރޭގެ ވެރިކަމުގެ ހުރިހާ ކަމެއް ހިންގާނީ ރައްޔިތުން އެދޭގޮތަށެވެ. ރައްޔިތުންނަށް ބާރު އޮންނަ ގޮތަށެވެ. ނަމަވެސް ކައުންސިލަށް މެންބަރުން އިންތިޚާބުކުރާއިރު ޗައިނާ ސަރުކާރުން ބާރާއި ނުފޫޒު ހިންގާކަމަށްވެއެވެ. އެއީ ލެޖިސްލޭޓިވް ކައުންސިލްގެ އަޣްލަބިއްޔަތު ޗައިނާ ސަރުކާރުގެ ކޮންޓްރޯލްގެ ދަށުގައި ބޭއްވުމުގެ މަގްސަދުގައެވެ. މިއީ ހޮންގްކޮންގްގައި އޮންނަ ޑިމޮކްރެޓިކް ނިޒާމު ބަލިކަށިކުރުމަށް ޗައިނާ ސަރުކާރުން ކުރާކަމެއް ކަމުގެ ޝަކުވާކޮށް އެސަރަހައްދުގެ ބައެއް އެކްޓިވިސްޓުން ދޭތެރެ އަކުން މަގުތަކަށް ނުކުމެ މުޒާހަރާތައް ވެސް ކުރަމުން ގެންދެއެވެ.

މަގާމަށް އިންތިޚާބުވެ ވަޑައިގަތުމަށްފަހު ލޭމް ވިދާޅުވީ ހޮންގްކޮންގުގެ ރައްޔިތުންގެ އަސާސީ އަގުތައް ކަމަށްވާ އެންމެން ބައިވެރިކުރުމާއި ނޫސްވެރިކަމުގެ މިނިވަންކަމާއި ޚިޔާލުފާޅުކުރުމުގެ މިނިވަންކަމާއި އިންސާނީ ހައްގުތައް ހިމާޔަތްކުރައްވާނެ ކަމަށެވެ.

ހޮންގްކޮންގްގެ ޗީފް އެގްޒެކްޓިވް ކަމުގެ މަގާމަށް އިންތިޚާބުކުރި އުމުރުން 50 އަހަރުގެ ކްރިއާ ލޭމް އަކީ ޗައިނާއަށް ތާއީދުކުރައްވާ ބޭފުޅެއްނަމަވެސް އޭނާއަކީ ޑިމޮކްރަސީއަށް ތާއީދުކުރައްވާ މެދުމިނުގެ ސިޔާސަތުގެ ބޭފުޅެކެވެ. މިއީ ހޮންގްކޮންގްގެ ޗީފް އެގްޒެކްޓިވް ކަމުގެ މަގާމަށް އަންހެނަކު އިންތިޚާބުކުރި ފުރަތަމަ ފަހަރެވެ. (ރޮއިޓާސް)