27 Mar 2017, 14:47
ދާދި ފަހުން ޅ. އޫކޮޅުފިނޮޅުގައި ހުޅުވި ކޮކޫން މޯލްޑިވްސް ރިސޯޓު ރަސްމީކޮށް އިޓަލީ ވިލާތު މިލާނޯގައި ލޯންޗުކޮށްފި އެވެ.
މިދިޔަ ޑިސެމްބަރު 26 ވަނަ ދުވަހު އެ ރިސޯޓު ހުޅުވީ 150 ވިލާ އާ އެކު އެވެ. އޭގެ ތެރޭގައި ބީޗު ވިލާސް، ލެގޫން ވިލާސް، ބީޗު ސުއިޓްސް އަދި ލެގޫން ސުއިޓްސްގެ އިތުރުން 300 އަކަމީޓަރުގެ ޕްރެޒިޑެންޝަލް ސޫޓެއް ވެސް ހިމެނެ އެވެ.
އެ ރިސޯޓުގައި ދެ ބާ އަދި ތިން ރެސްޓޯރަންޓް ހުރެ އެވެ. މީގެ އިތުރުން "ސްޕާ ކޮކޫން"ގެ ނަމުގައި ހިންގާ ސްޕާއެއް ވެސް ހުރެ އެވެ.
ކޮކޫން މޯލްޑިވްސް އިޓަލީގައި ލޯންޗު ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަލެސާންޑްރޯ އަޒޯލާ ވިދާޅުވީ ރިސޯޓަށް އިޓަލީއާއި ޔޫރަޕްގެ ގައުމުތަކުގެ ރައްޔިތުންނަށް ދައުވަތު އަރުވާ ކަމަށެވެ. އަދި ފަސް ޓްރެމް ވެހިކަލް ބޭނުންކޮށްގެން މުޅި މިލާނޯގައި އެ ރިސޯޓު އިސްތިހާރު ކުރުމަށް ނިންމާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ކޮކޫން މޯލްޑިވްސްގައި ޑައިވިންގްއާއި ވޯޓާ ސްޕޯޓްސްގެ ހަރަކާތްތަކާއި އެކްސްކާޝަންތައް ގެސްޓުންނަށް ހަމަޖައްސައިދޭ އިރު، ކުޑަކުދިންނަށް ޚާއްސަ ކިޑްސް ކްލަބެއް ވެސް ހުރެ އެވެ.
ކޮކޫން މޯލްޑިވްސްގެ ހުރިހާ ވިލާއަކާއި، ބާތަކާއި ރެސްޓޯރަންޓްތަކުގެ ހުރިހާ ތަނެއްވެސް ޑިޒައިން ކޮށްފައި ވަނީ އިޓަލީގެ ލާގޯ ކުންފުނިންނެވެ. އެ ކުންފުންޏަކީ އިންޓީރިއާ ޑިޒައިނިންއާއި ފަރުނީޗަރު ޑިޒައިންކޮށް، އުފެއްދުމުގައި އިޓަލީގައި މަތިފަޑީގައި ގުނާލެވޭ ކުންފުންޏެކެވެ.
ކޮކޫން މޯލްޑިވްސްގެ އިތުރުން ވެސް، މިދިޔަ އަހަރު ރާއްޖޭގައި 10 އަށް ވުރެ ގިނަ ރިސޯޓު ވަނީ ހުޅުވައިފަ އެވެ. އަދި މި އަހަރުގެ މިހާތަނަށް ތިން ރިސޯޓެއް ރާއްޖޭގައި ވަނީ ހުޅުވާފަ އެވެ.