27 Mar 2017, 14:20
ސޯލް (މާޗް 27): ކޮރަޕްޝަނުގެ ތުހުމަތުގައި ދެކުނު ކޮރެއާގެ ކުރީގެ ރައީސާ ޕާކް ގުން ހޭ ހައްޔަރު ކުރުމުގެ އަމުރަށް އެގައުމުގެ ޕްރޮސިކިއުޓަރުން އެދިއްޖެ އެވެ.
ރައީސާ ޕާކް މަގާމުން ދުރުކުރުމަށް ދެކުނު ކޮރެއާގެ ގާނޫނު ހަދާ މަޖިލީހުން ނިންމީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގަ އެވެ. އޭގެ ފަހުން މިމަހުގެ 10 ވަނަ ދުވަހު އެގައުމުގެ ދުސްތޫރީ ކޯޓުން ވަނީ އެނިންމުމަށް ތާއިދުކޮށްފަ އެވެ.
އެހެންކަމުން އެކަމަނާ އަށް ލިބިގެންވާ ހުރިހާ ރިޔާސީ އިމްތިޔާޒުތައް ގެއްލި، އެކަމަނާގެ މައްޗަށް ޖިނާއީ ދައުވާ ކުރުމުގެ ފުރުސަތު ވަނީ ހުޅުވިފަ އެވެ.
ޕްރޮސިކިއުޓަރުން ތުހުމަތު ކުރާ ގޮތުގައި ރައީސާ ޕާކް ވަނީ އޭނާގެ ގާތް ރަހުމަތްތެރިޔެއް ކަމުގައިވާ ޗޮއި ސޫން ސިލް އެރަހްމަތްތެރިކަމުގެ ނާޖާއިޒު ފައިދާ ނަގައި، ކޮރަޕްޝަނުގެ އަމަލުތައް ހިންގުމަށް ފުރުސަތު ދެއްވާފަ އެވެ.
އަދި ޕާކް ހައްޔަރު ނުކޮށްފި ނަމަ ކޮމްޕިއުޓަރުގެ ހާޑް ޑްރައިވުތައް ފަދަ ހެކިތައް ނައްތާލަފާނެ ކަމަށް ޕްރޮސިކިއުޓަރުން ބުނެ އެވެ.
އެ މައްސަލާގައި ޗޮއި ސޫން ސިލްގެ މައްޗަށް ވަނީ ކޮރަޕްޝަނުގެ ދައުވާކޮށް ޝަރީއަތް ފަށައިފަ އެވެ.
ޕާކް ހައްޔަރު ކުރުމަށް އަމުރު ނެރޭނީ ސޯލް ސެންޓްރަލް ޑިސްޓްރިކްޓް ކޯޓުންނެވެ. އަދި އޭނާ ހައްޔަރު ކުރަން އަމުރު ނެރެފި ނަމަ، ޕާކްއާ ދެކޮޅަށް ތަހުގީގު ކުރިއަށް ގެންގޮސް އޭނާއާ ދެކޮޅަށް ދައުވާ ކުރަން ޕްރޮސިކިއުޓަރުންނަށް 20 ދުވަސް ލިބޭނެ ކަމަށް ރޮއިޓާސްއިން ބުނެ އެވެ.
ޕާކު ވަނީ އޭނާގެ މައްޗަށްކޮށްފައިވާ ތުހުމަތުތައް ދޮގު ކުރައްވާފަ އެވެ. (ބީބީސީ)