އަވަށްޓެރި ގައުމުތަކުގެ އިތުރުން ދުނިޔޭގެ ކޮންމެ ގައުމަކުން ވެސް ބޭސް ފަރުވާގެ ހިދުމަތް ހޯދޭ ހެލްތް އިންޝުއަރެންސް ޕްލޭނެއްކަމަށްވާ " ގްލޯބަލް މެޑިކަލް އިންޓަނޭޝަނަލް ހެލްތު ޕްލޭން" ތައާރަފްކޮށްފި އެވެ.

ޓްރޭޑާސް ހޮޓަލުގައި މިއަދު ބޭއްވި ހަފްލާއެއްގައި އެލައިޑްގެ އާ ޕްލޭން ތައާރަފްކޮށް ދެއްވީ އޮޑިޓަރް ޖެނެރަލް އިބުރާހީމް ނިޔާޒު އެވެ.

އެލައިޑް އިންޝުއަރެންސްގެ މެނޭޖިން ޑިރެކްޓަރު ޢަބުދުލް ވާހިދު ތައުފީގު ވިދާޅުވީ އެ ކުންފުނީގެ އިންޝުއަރެންސް އިންޓަނޭޝަނަލް ހެލްތު ޕްލޭނަކީ އިނގިރޭސިވިލާތުގެ ލޮއިޑްސް އިންޝުއަރެންސް ކުންފުންޏާއި އެމެރިކާގެ ގްލޯބަލް މެޑިކަލް އިންޓަނޭޝަނަލް ހެލްތު އިންޝުއަރެންސް ގުޅިގެން ތައާރަފު ކުރި ޕްލޭނެއް ކަމަށެވެ.

އެލައިޑުގެ ގްލޯބަލް މެޑިކަލް އިންޓަނޭޝަނަލް ޕްލޭންގައި ހިމެނެނީ ތިން ޕޮލިސީއެކެވެ. އެއީ ޕްރެމިއަމް އާއި ކްއަލިޓީ އަދި ސްޕީރިއާ އެވެ. މިއިން ކޮންމެ ޕޮލިސީއެއްގައި ދުނިޔޭގެ ކޮންމެ ގައުމަކުން ވެސް އަހަރަކު އެއް މިލިޔަން ޑޮލަރުގެ ބޭސްފަރުވާ ކުރެވޭނެ އެވެ.

އިންޓަނޭޝަނަލް ހެލްތު ޕްލޭންގެ އިތުރުން އެ ކުންފުނިން މިއަދު އިތުރު ދެ ހެލްތު އިންޝުއަރެންސް ހިދުމަތެއް ވެސް ތައާރަފްކުރި އެވެ. އެއީ އޭޝިޔާގެ ގައުމުތަކުގެ ތެރެއިން އިންޑިޔާ އާއި ސްރީލަންކާ، ތައިލެންޑް، މެލޭޝިޔާ އަދި ސިންގަޕޫރުން އަހަރަކު 200000 ރ. ގެ ބޭސްފަރުވާ ކުރެވޭ އެލައިޑް ހެލްތު އިންޝުއަރެންސް ކަވާ، "ސެލެކްޓް" އާއި ހަމަ އެ ފަސް ގައުމުން އަހަރަކު 450000 ރ. ގެ ބޭސްފަރުވާ ކުރެވޭ "ސެލެކްޓް އެކްސެލް" އެވެ.