27 Mar 2017, 10:26
މޮސްކޯ (މާޗް 27): ރަޝިއާގައި ކޮރަޕްޝަނާ ދެކޮޅަށް ބޭއްވި މުޒާހަރާއެއްގައި އެގައުމުގެ މައި އިދިކޮޅު ލީޑަރު، އެލެކްސީ ނަވަލްނީ އާއި އިތުރު 500 މީހަކު ހައްޔަރުކޮށްފި އެވެ.
ރަޝިއާގެ އެކި ސިޓީތަކުގައި ބޭއްވި މުޒާހަރާތަކުގެ ބައިވެރިން ވަނީ ކޮރަޕްޝަނުގެ ތުހުމަތުތަކާ ގުޅިގެން އެގައުމުގެ ބޮޑުވަޒީރު ޑިމިޓްރީ މެޑްވެޑީވް މަގާމުން އިސްތިއުފާ ދެއްވުމަށް ގޮވާލާފަ އެވެ. އަދި ބައެއް މީހުން ވަނީ އެގައުމުގެ ރައީސް ވްލަޑިމިއާ ޕުޓިން ވެރިކަމުން ފައިބައިވަޑައިގަތުމަށް ވެސް ގޮވާލާފަ އެވެ.
ކަމާ ބެހޭ ފަރާތްތަކުން ބުނާ ގޮތުގައި އެމުޒާހަރާތަކަކީ ރަޝިއާ ސަރުކާރާ ދެކޮޅަށް 2011 ވަނަ އަހަރާއި 2012 ވަނަ އަހަރު ބޭއްވި މުޒާހަރާތަކަށް ފަހު އެގައުމުގައި ބޭއްވި އެންމެ ބޮޑު މުޒާހަރާތަކެވެ. ނަމަވެސް އޭގެއިން ގިނަ މުޒާހަރާތައް ބާއްވާފައި ވަނީ ރަސްމީ ހުއްދައަކާ ނުލައި ކަމަށް ވެސް ރިޕޯޓުތަކުގައިވެ އެވެ.
އިދިކޮޅު ލީޑަރު ނަވަލްނީ ވަނީ އޭނާ ހައްޔަރު ކުރި ނަމަވެސް 'ކޮރަޕްޝަނާ ދެކޮޅަށް' ކުރާ މުޒާހަރާ ކުރިއަށް ގެންދިޔުމަށް ގޮވާލައްވާފަ އެވެ. އޭނާ ވިދާޅުވި ގޮތުގައި ފުލުހުން ވަނީ އޭނާގެ އެންޓި ކޮރަޕްޝަން ފައުންޑޭޝަނަށް ވަދެ އެތަނުގެ ބައެއް މުވައްޒަފުން ވެސް ހައްޔަރުކޮށްފަ އެވެ.
އަދި އެމުޒާހަރާތަކުގައި ހައްޔަރު ކުރީ 500 މީހުން ކަމަށް ފުލުހުން ބުނި ނަމަވެސް އިންސާނީ ހައްގުތަކަށް މަސައްކަތް ކުރާ ޖަމްއިއްޔާއަކުން ބުނި ގޮތުގައި އެއަދަދު 800 އަށް އަރައިފަ އެވެ.
އެމުޒާހަރާތަކާ ބެހޭ ގޮތުން ރަޝިއާ ސަރުކާރުން ވަކި އެއްޗެކޭ ބުނެފައި ނުވެ އެވެ. ނަމަވެސް ރަސްމީ ހުއްދައަކާ ނުލައި މުޒާހަރާއެއް ބޭއްވުމަކީ ގާނޫނާ ހިލާފު ކަމެއް ކަމަށް އެގައުމުގެ ސަރުކާރުން ވަނީ ހުކުރު ދުވަހު ބުނެފަ އެވެ.
އަންނަ އަހަރު ބާއްވަން ހަމަޖެހިފައިވާ ރަޝިއާގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެ ކަމަށް ނަވަލްނީ ވިދާޅުވި ފަހުން، މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާ ނެގިކަމުގެ ދައުވާ އޭނާގެ މައްޗަށް ސާބިތުވުމާ ގުޅިގެން ނަވަލްނީއަށް ވަނީ ވެރިކަމަށް ވާދަ ކުރުމުގެ ފުރުސަތު ގެއްލިފަ އެވެ. (ބީބީސީ)