ކޮމިޓީތަކުގެ މައްސަލައިގައި މެންބަރުންގެ މެދުގައި އުފެދިފައިވާ ހިޔާލު ތަފާތުވުން ހައްލު ނުވެގެން ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ތިން ވަނަ ފަހަރަށް ފަސްކޮށްފި އެވެ.

މީގެ އިރުކޮޅެއް ކުރިން ރައްޔިތުންގެ މަޖިލީހުގެ އޮފިޝަލަކު ވިދާޅުވީ ކޮމިޓީތަކުގެ މައްސަލަ ހައްލު ކުރުމުގެ މަޝްވަރާތައް ކުރިއަށްދާ ކަމަށެވެ. އެހެންކަމުން އެކެއްޖަހާ އިރު ފަށަން އޮތް ޖަލްސާ މިހާރު 2:30 އަށް ލަސްކޮށްފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އަދި ކުރިއަށްދާ މަޝްވަރާތަކުގައި މެންބަރުންގެ ހިޔާލު ހުރީ، ހިޔާލު ތަފާތުވުންތައް އުފެދިފައިވާ މައްސަލަ ގޮތަކަށް ނިންމުމަށް ފަހު 2:30ގައި މަޖިލީހުގެ ޖަލްސާ ކުރިއަށް ގެންދިއުމަށް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ކޮމިޓީތަކަށް މެންބަރުން ބެހުމާ މެދު އެމްޑީޕީ އާއި ޑީއާރުޕީގެ މެންބަރުންގެ މެދުގައި އުފެދިފައިވާ ހިޔާލު ތަފާތުވުންތައް ހައްލު ނުވެގެން މަޖިލީހުގެ ތަޅުމުން އެކަމަށް ގޮތެއް ނިންމުމަށް މިއަދުގެ ޖަލްސާއަށް އެޖެންޑާކުރި މައްސަލައިގައި، މެންބަރުންގެ މެދުގައި އަރައިރުން ބޮޑުވުމުގެ ސަބަބުން މަޝްވަރާކުރުމަށް މިއަދުގެ ޖަލްސާ ފުރަތަމަ މެދުކަނޑައިލީ 9:05ގަ އެވެ. އެއީ 11:00 ޖަހާއިރު ޖަލްސާ އަލުން ފެށުމަށެވެ. ނަމަވެސް ޖަލްސާ މެދުކަނޑައިލުމަށް ފަހު ކުރިއަށް ގެންދިޔަ މަޝްވަރާތަކުން މައްސަލައަށް ހައްލެއް ނުލިބިގެން މެންދުރު ފަހު 1:00 ގައި ޖަލްސާ ފެށުމަށް ދެވަނަ ފަހަރަށް ފަސްކުރި އެވެ.

ކޮމިޓީތަކަށް މެންބަރުން ބެހުމުގެ މައްސަލައިގައި އުފެދިފައިވާ ހިޔާލުތަފާތުވުންތަކުގެ ސަބަބުން ހުސްވި ހަފްތާއިން ފެށިގެން މަޖިލީހުގެ މަސައްކަތްތައް ވަނީ ހުއްޓުމަކަށް އައިސްފަ އެވެ.