ވޮޝިންޓަން (މާޗް 27) : އިސްރާއީލުގެ ޓެލްއަވީވުގައި ހުންނަ އެމެރިކާގެ އެންބަސީ ގުދްސަށް ބަދަލުކުރުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވެވަޑައިގެންފައިވާ ވައުދު ފުއްދަވާނެ ކަމަށާއި ޓްރަމްޕް ސީރިޔަސް ކަމާ އެކު އެކަން ދިރާސާ ކުރައްވަމުން ގެންދަވާ ކަމަށް އެމެރިކާގެ ނައިބު ރައީސް މައިކް ޕެންސް ވިދާޅުވެއްޖެ އެވެ.

އެމެރިކާގައި އެންމެ ބޮޑަށް ހަރަކާތްތެރިވާ ޔަހޫދީ ޒަޔަނިސްޓް ލޮޕީ ގްރޫޕް ކަމަށްވާ އެމެރިކަން އިޒްރޭލް ޕަބްލިކް އެފެއާޒް ކޮމިޓީ (އައިޕެކް)ގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން ޕެންސް ވިދާޅުވީ އެމެރިކާގެ އެންބަސީ ޓެލްއަވީވުން ގުދްސަށް ބަދަލުކުރުމަށް ރައީސް ޑޮނަލްޑް ޓްރަމްޕް ރިޔާސީ ކޭންޕޭންގެ ދުވަސްވަރު ވެވަޑައިގެންފައިވާ ވައުދު ފުއްދަވާނެ ކަމަށާ އެކަން މިހާރު ވެސް ޓްރަމްޕް ދިރާސާ ކުރައްވަމުން ގެންދަވާ ކަމުގަ އެވެ. އަދި ލަސްތަކެއްނުވެ މިކަން ކުރެވޭނެ ކަމަށް އުންމީދު ކުރައްވާކަމަށް ވެސް އެމެރިކާގެ ނައިބު ރައީސް ވިދާޅުވި އެވެ.

އެމެރިކަން އިޒްރޭލް ޕަބްލިކް އެފެއާޒް ކޮމިޓީ (އައިޕެކް) އަކީ އެމެރިކާގައި ދިރިއުޅޭ ޔަހޫދީ ޒަޔަނިސްޓުން އިސްރާއީލަށް ވާގިވެރިވުމަށް ޓަކައި އުފައްދާފައިވާ ހަރުކަށި ވިސްނުމުގެ ލޮބީ ގުރޫޕެކެވެ. މިގްރޫޕްގެ ހަރަކާތްތައް ހިންގުމަށް ބޭނުންވާ ފައިސާގެ އެހީތައް ދެނީ އެމެރިކާގެ އިގްތިސާދުގައި ފައިހަރުކޮށްލާފައިވާ ޔަހޫދީ ހަރުކަށި ވިސްނުމުގެ މަހުޖަނުންނެވެ.

މިގްރޫޕުން މަސައްކަތްކުރަނީ އިސްރާއީލަށް ފައިދާވާގޮތަށް އެމެރިކާގެ ސިޔާސަތުތައް ބަދަލުކުރުމަށެވެ. މިކަން ކުރުމުގައި މި ގުރޫޕް ބޭނުންކުރާ ވަސީލަތްތަކުގެ ތެރޭގައި އެމެރިކާގެ ރިޔާސީ ކެންޑިޑޭޓުންނަށާއި ކޮންގްރެސްގެ މެންބަރުންނަށް ފައިސާގެ ބޮޑެތި އަދަދުތައް ރިޝްވަތުގެ ގޮތުގައި ދިނުމާއި އިސްރާއީލުގެ އަނިޔާވެރިކަމާ ދެކޮޅަށް އަޑުއުފުލާ އެމެރިކާގެ މަސްއޫލުވެރިން ބޭޒާރުކޮށް ބްލެކްމެއިލް ކުރުންފަދަ ހަރުކަށި ކަންކަން ހިމެނެ އެވެ.

އެމެރިކާގެ ނައިބު ރައީސް މިމޭރުމުން ވާހަކަ ދެއްކެވީ ޓެލްއަވީވުގައި ހުންނަ އެމެރިކާގެ އެންބަސީ ގުދްސަށް ބަދަލުކުރުމުގެ ވިސްނުން ޓްރަމްޕްގެ ސަރުކާރުން މިހާރު ބަދަލުކޮށްފިކަމަށާއި އޭގެބަދަލުގައި ޓްރަމްޕްގެ ވިސްނުން މިހާރު ހުރީ އިސްރާއީލާއި ފަލަސްތީނާ ދެމެދު ސުލްޙައިގެ ވާހަކަތައް އަލުން ފެށުމަށް ކަމަށް ވިދާޅުވެ ޓްރަމްޕްގެ ސަރުކާރުގެ މަސްއޫލުވެރިއަކު ދާދިފަހުން ބަޔާނެއް ދެއްވާފައި ވަނިކޮށެވެ.

ގުދްސުގެ އިރުމަތީ ބަޔަކީ 1967ގެ ހަނގުރާމައިގައި އިސްރާއީލު ގަދަބާރުން ހިފާފައިވާ ފަލަސްތީނުގެ ބިމެކެވެ. އެބިން ހިފުމަށްފަހު 1983 ގައި އިސްރާއީލުންވަނީ ބައިނަލްއަގްވާމީ ގާނޫނުތަކާ އދ.ގެ ގަރާރުތަކާ ޚިލާފަށް ގުދުސްގެ އިރުމަތީ ބައި ހިމެނޭގޮތަށް މުޅި ގުދްސަކީ އިސްރާއީލުގެ ވެރިރަށުގެ ގޮތުގައި ހަދާފަ އެވެ. ނަމަވެސް ދުނިޔޭގެ ގައުމުތަކާއި އދ. އިން މިކަން ގަބޫލެއް ނުކުރެ އެވެ. އިސްރާއީލުގައި ހުންނަ ދުނިޔޭގެ ގައުމުތަކުގެ އެންބަސީ ހުންނަނީ އެގައުމުގެ ވެރިރަށުގެ ގޮތުގައި ގައުމުތަކުން ބަލާ ރަށްކަމަށްވާ ޓެލްއަވީވުގަ އެވެ. ހިފާފައިވާ ގުދްސުގައެއް ނޫނެވެ.

އެމެރިކާގެ ވެރިކަން ލިބިއްޖެ ނަމަ ޓެލްއަވީވުގައި ހުންނަ އެމެރިކާގެ އެންބަސީ ގުދްސަށް ބަދަލުކުރާނެ ކަމަށް ވިދާޅުވެ އެމެރިކާގެ ރިޔާސީ އިންތިޚާބުގެ ދުވަސްވަރު ޓްރަމްޕް ވާހަކަ ދައްކަވާފައިވެ އެވެ. މިއީ އެމެރިކާގައި ބާރުގަދަ ޔަހޫދީ ލޮބީ ގްރޫޕްތަކުގެ ތާއީދު ހޯއްދެވުމަށް ޓްރަމްޕް ދެއްކެވި ވާހަކަފުޅެއް ކަމަށް ބެލެވުނު ނަމަވެސް ވެރިކަމާ ހަވާލުވެ ވަޑައިގަތުމުގެ ތަންކޮޅެއް ކުރިންވެސް ޓްރަމްޕްގެ ގާތްބޭފުޅަކުވަނީ މިކަން ވަރަށް އަވަހަށް ޓްރަމްޕްގެ ސަރުކާރުންކުރާނެ ކަމަށް ވިދާޅުވެ ވާހަކަ ދައްކަވާފަ އެވެ.

މިމައްސަލައިގައި އަރަބި އެއްވެސް ގައުމުތަކުން އެމެރިކާއަށް ފިއްތުންތައް ކުރިމަތި ކޮށްފައެއް ނުވެ އެވެ. މީގެބަދަލުގައި ސައޫދީ އަރަބިޔާއާއި މިސްރުފަދަ އަރަބި ބޮޑެތި ގައުމުތަކުން ގެންދަނީ ޓްރަމްޕާ ގާތް ގުޅުންތަކެއް ބާއްވައި އޭނާގެ ރުހުން ހޯދުމަށް މަސައްކަތް ކުރަމުންނެވެ. ނަމަވެސް ފަލަސްތީނުން ވަނީ މިގޮތަށް އެމެރިކާ އަމަލުކޮށްފި ނަމަ އިސްރާއީލަކީ ދައުލަތެއްކަމަށް ގަބޫލު ނުކުރާނެ ކަމަށް ފާޅުގައި ބުނެ ޓްރަމްޕަށް އިންޒާރު ދީފައެވެ. އަދި ފަލަސްތީނުގެ މިނިވަންކަމަށް މަސައްކަތްކުރާ ޖަމާއަތްތަކުންވަނީ މިއަށްވުރެ ވެސް ހަރުކަށި އިންޒާރެއް ޓްރަމްޕަށް ދީފަ އެވެ. (ނޫސްއެޖެންސީތައް)