27 Mar 2017, 08:36
ވޯލްޑް ކަޕް ކޮލިފައިންގައި އަންދުރޭ ޝޫލާގެ ދެ ލަނޑާއެކު އަޒަރްބައިޖާން އަތުން ދުނިޔޭގެ ޗެމްޕިއަން ޖަރުމަން މޮޅުވެއްޖެއެވެ.
ރަށުން ބޭރުގައި ރޭ ކުޅުނު ކޮލިފައިންގެ ޔޫރަޕް ބައްރުގެ 'ގްރޫޕް ސީ'ގެ މެޗުގައި އަޒަރްބައިޖާންގެ މައްޗަށް ޖަރުމަނުން ކުރި ހޯދާފައިވަނީ 4-1 ލަނޑުގެ ނަތީޖާއަކުންނެވެ.

ވޯލްޑްކަޕް ކޮލިފައިންގައި ޖަރުމަނާއި އަޒަރްބައިޖާން ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗުން ޖަރުމަން މޮޅުވީ 4-1 ލަނޑުން --- ފޮޓޯ/ އޭޕީ
ރޭ ކުޅުނު މެޗުގެ 19 ވަނަ މިނެޓުގައި ޖަރުމަނުން ވަނީ ލަނޑެއްޖަހައި ލީޑު ހޯދައިފައެވެ. ޖޯނަސް ހެކްޓާ ނަގައިދިން ހުރަހަކުން ޖަރުމަނަށް އެ ލަނޑު ކާމިޔާބުކޮށްދިނީ ޝޫލާއެވެ. އެ ލަނޑަށްފަހު މެޗުގެ 31 ވަނަ މިނެޓުގައި އަޒަރްބައިޖާންގެ ފުރަތަމަ ހަމަލާއިން އެޓީމުން ވަނީ ލަނޑެއްޖަހައި ނަތީޖާ ހަމަހަމަކޮށްފައެވެ. އެފްރާން އިސްމާޔިލޯވް ނަގައިދިން ހުރަހަކުން އަޒަރްބައިޖާންއަށް އެ ލަނޑު ކާމިޔާބުކޮށްދިނީ ޑިމިޓްރީ ނަޒަރޯވްއެވެ.
އަޒަރްބައިޖާނުން ނަތީޖާ ހަމަހަމަކުރި ނަމަވެސް، ޖަރުމަނުން ފުރަތަމަ ހާފު ނިންމާލީ ދެ ލަނޑުގެ ލީޑަކާއެކުއެވެ. މެޗުގެ 36 ވަނަ މިނެޓުގައި ޝޫލާ ދިން ބޯޅައަކުން ޖަރުމަންގެ ދެވަނަ ލަނޑު ތޯމަސް މުލާ ކާމިޔާބުކޮށްދިންއިރު، ފުރަތަމަ ހާފުގެ އެންމެ ފަހު މިނެޓުގައި ހޯޝުއާ ކިމިޗް ނަގައިދިން ހުރަހަކުން ޖަރުމަންގެ ތިންވަނަ ލަނޑު ކާމިޔާބުކޮށްދިނީ މާރިއޯ ގޮމޭޒްއެވެ.

ވޯލްޑްކަޕް ކޮލިފައިންގައި ޖަރުމަނާއި އަޒަރްބައިޖާން ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗުން ޖަރުމަން މޮޅުވީ 4-1 ލަނޑުން --- ފޮޓޯ/ އޭޕީ
މެޗުގެ ދެވަނަ ހާފުގައި ވެސް ޖަރުމަންގެ ފަރާތުން މޮޅު ކުޅުމަކާއެކު ހަމަލާތަކެއް ފެނުނު ނަމަވެސް، އެ ހާފުގައި އެޓީމަށް ކާމިޔާބުކުރެވިފައިވަނީ އެންމެ ލަނޑެކެވެ. މެޗު ނިމެން ނުވަ މިނެޓަށް ވެފައިވަނިކޮށް، ހެކްޓާ ދިން ބޯޅައަކުން ޖަރުމަނުގެ ހަތަރުވަނަ ލަނޑު ކާމިޔާބުކޮށްދިނީ އެޓީމުގެ ފުރަތަމަ ލަނޑު ވެސް ކާމިޔާބުކޮށްދިން ޝޫލާއެވެ.
ކޮލިފައިންގެ ޔޫރަޕް ބައްރުގެ 'ގްރޫޕް ސީ'ގެ އެއްވަނައިގައި އަދިވެސް އޮތީ ޖަރުމަނެވެ. އެޓީމަށް ކުޅުނު ފަސް މެޗުން 15 ޕޮއިންޓް ލިބިފައިވާއިރު، ދެވަނައިގައި އޮތް ނޮދަން އަޔަލެންޑަށް ލިބިފައިވަނީ ދިހަ ޕޮއިންޓެވެ. ތިންވަނައިގައި އޮތް ޗެކް ރިބަޕްލިކަށް އަށް ޕޮއިންޓް ލިބިފައިވާއިރު، ހަތަރުވަނައިގައި އޮތް އަޒަރްބައިޖާނަށް ލިބިފައިވަނީ ހަތް ޕޮއިންޓެވެ. ފަސްވަނައިގައި އޮތް ނޯވޭއަށް ތިން ޕޮއިންޓް ލިބިފައިވާއިރު، ފުލުގައި އޮތް ސެން މެރީނޯއަށް އަދި ޕޮއިންޓެއް ލިބިފައެއް ނުވެއެވެ.