ހަނދާނަށް އަންނަނީ 2008 ވަނަ އަހަރެވެ. ރާއްޖޭގައި ހަރުދަނާ ޑިމޮކްރަސީއެއް އެކުލަވާލުމުގެ މަސައްކަތް އެންމެ ބާރު ސްޕީޑެއްގައި ކުރެވެމުން ދިޔަ ދުވަސްކޮޅެވެ. ސިޔާސީ ގޮތުން މުޅި ގައުމު ބައިބައިވެ އެ އަހަރުގެ ފަހުކޮޅު ބޭއްވުމަށް ހަމަޖެހިަފއިވާ ފުރަތަމަ ޑިމޮކްރަޓިކް ރިޔާސީ އިންތިހާބު ބޭއްވުމަށް ތައްޔާރު ވަމުން ދިޔަ ދުވަސްކޮޅެވެ. މުޅި ގައުމު ތަފާތު ކުލަތަކުގައި ނުކުމެ އެމީހެއްގެ ސިޔާސީ ފިކުރަށް ހިތްވަރު ދިނުމުގައި އަވަދިނެތި އުޅުންދުވަސްކޮޅެވެ.

މިގޮތަށް ކަންތައްތައް ހިނގަމުން ދިޔަ ދުވަސްކޮޅެއްގައި ގައުމު އެއްބައިވަންތަ ކޮށްދީ މުޅި ގައުމުގައި ބައިބައިވެފައިވާ އަހުވަންތަކަން އަލުން އެކަތިގަނޑަކަށް ހަދައިދިނީ ދިވެހި ގައުމީ ފުޓްބޯޅަ ޓީމެވެ. ނޫކުލައާއި ރީނދޫ ކުލަ ފަނޑުވެ، މުޅި ގައުމު ރަތް ކުލައިގައި ނުކުތީ ގައުމީ ފޯރީގަ އެވެ. ގައުމީ ވަންތަ ޖޯޝުގަ އެވެ. ބައިބައިވެފައިވާ ދިވެހި މުޖްތަމައު އެކަތިގަނޑަކަށް ހަދައިދިނީ ގައުމީ ފުޓްބޯޅަ ޓީމެވެ. އެ އަހަރުގެ ސާފް ޗެމްޕިއަންޝިޕް ރާއްޖެއާއި ސްރީ ލަންކާގައި ބޭއްވި ފަހަރު ތަށި ދިވެހިން ގެންދިޔައީ މުޅި ގައުމު އެކައްޗެއް ކިޔައިގެންނެވެ.

އޭއެފްސީ ޗެލެންޖް ކަޕް 2014ގައި ރާއްޖޭގެ ސިޔާސީ ވާދަވެރިން އެކުގައި، ރައީސް ޔާމީން އަދި ރައީސް މައުމޫން --- ސަން ފައިލް ފޮޓޯ

މިއީ ސިޔާސީ ގޮތުން ހަލަބޮލިވެފައިވާ ދުވަސްވަރެއްގައި ކަން ވެގެންދިޔަ ގޮތެވެ. އެއްވެސް މީހަކު ދެބަސް ނުވާނެ ފަދައިން އެ ފަހަރު މުޅި ގައުމު އެކައްޗަކަށް ހަދައިދީ ގައުމުން ގެއްލެމުންދިޔަ ރޫހު އަނބުރާ ހޯދައިދިދިނީ ގައުމީ ޓީމުންނެވެ. އެއީ 2008 ވަނަ އަހަރެވެ. ގައުމީ ޓީމަށް ޓަކައި ސިޔާސީ ފިކުރު ދޫކޮށްލައި، ރީތި ނަމޫނާ ދެއްކުމަށް މިފަދަ އެތައް ފަހަރަކު ދިވެހިން ވަނީ އެކައްޗެއް ކިޔައިގެން ތެދުވެފަ އެވެ.

ސާފް ޗެމްޕިއަންޝިޕް 2008ގެ ފޮނި މާޒީގެ ވާހަކަ ދެއްކުމަށް ފަހު ދެން ހަނދާން އާކޮށްލަން ބޭނުންވަނީ ވަރަށް ކައިރި މާޒީއެއްގެ ހަނދާނެކެވެ. އަނެއްކާ ވެސް ހަމަަ އެފަދަ ސިޔާސީ ހަލަބޮލިކަމެއްގައި ގައުމު އޮތް ދުވަސް ވަރެއްގައި ދިވެހިން ސިޔާސީ ފިކުރު ދޫކޮށްލައި ގައުމަށް ޓަކައި ނުކުތް ފަހަރެއްގެ ހަނދާނެވެ. މިފަހަރު އެ ނަމުނާ ދެއްކީ ސިޔާސީ ފިކުރުގެ ގޮތުން ދުވަހަކު ވެސް އެއްތަން ނުވާނެ ކަމަށް ބެލެވުނު ބޭފުޅުންނެވެ.

ރާއްޖެއަށް 2008 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕް ހޯދައިދިން ޓީމު -- ފޮޓޯ: މޯލްޑިވްސޮކާ

ދައްކަން މިއުޅުނީ ގައުމީ ދަނޑުގައި ބޭއްވުނު 2014 ވަނަ އަހަރުގެ އޭއެފްސީ ޗެލެންޖް ކަޕްގެ ވާހަކަ އެވެ. އެފަހަރު ގައުމީ ޓީމުން މުޅި ގައުމު އެކައްޗަކަށް ހަދައިދީ ޒަމާނުންސުރެ ސިޔާސީ ދެ ހަތުރުންގެ ގޮތުގައި ބެލެވެމުން ދިޔަ ރައީސް މައުމޫން އަބްދުލް ގައްޔޫމާއި ކުރީގެ ރައީސް މުހައްމަދު ނަޝީދު އެއް ތަނަކުން ފެނިގެންދިޔައީ ފުޓްބޯޅައިގެ ރޫހުގެ ސަބަބުންނެވެ.

ހަމައެކަނި ދެ ހަތުރުން އެއްތަނަކުން ފެނުނީކީ ނޫނެވެ. ގައުމީ ޓިމާ އެކު ތިބިކަން ހާމަކޮށްލުމަށް އެ ދެބޭފުޅުން އެކުގައި ސެލްފީއެއް ވެސް ނެގީ އެވެ. ބައިބައިވެފައިވާ ކުލަތަކުގެ ސަޕޯޓަރުން ވެސް އެ ފޮޓޯއާ އެކު މުޅި ޝޯޝަލް މީޑީއާ ފަތަހަކޮށްލީ އެވެ. ގައުމީ ޖޯޝުން ފުރާލި އެވެ. ފުޓްބޯޅައިގެ ފޯރި މާޒިވި ތަނުގައި މުޅި ގައުމު އެއްބައިވަންތަ ކޮށްދިންކަން ރާއްޖޭގެ ތާރީހުން ފެންނަން އޮތީ މިފަދަ ފޮނި ގޮތަކަށެވެ.

އޭއެފްސީ ޗެލެންޖް ކަޕް 2014ގައި ރާއްޖޭގެ ސިޔާސީ ވާދަވެރިން އެކުގައި، ރައީސް މައުމޫން އަދި ރައީސް ނަޝީދު ސެލްފީއެއް ނަންގަވަނީ --- ސަން ފައިލް ފޮޓޯ

އަނެއްކާވެސް މަދަމާ ދިވެހިން އެއްބައިވަންތަ ކޮށްދޭ ގައުމީ ޓީމުން ހާއްސަ މެޗެއް ކުޅޭނެ އެވެ. އަމިއްލަ ދަނޑުގައި ކުޅޭ އެ މެޗަކީ މި ފަހަކަށް އައިސް ގައުމީ ޓީމު ކުޅޭނެ އެންމެ މުހިއްމު މެޗެވެ. އޭޝިއަން ކަޕް ކޮލިފައިންގައި ފަލްސްތީނާ ދެކޮޅަށް ރާއްޖެ ނުކުންނަ މި ދަނޑިވަޅަކީ އަނެއްކާ ވެސް ސިޔާސީ ފިކުރުތައް ބައިބައިވެ، މުޅި ގައުމު ހަލަބޮލިވެފައިވާ ދުވަސްކޮޅެކެވެ. ސިޔާސީ ކޯޅުން ބޮޑުވެފައިވާ މި ދަނޑިވަޅުގައި "ގައުމީ ޓީމު މެޗެއް ކުޅޭއިރު މާޒީ ތަކުރާރު ވެދާނެތޯ؟" މިއީ އުފެދޭ ބޮޑު ސުވާލެކެވެ. މި ސުވާލަށް މާޒީގެ ތަޖުރިބާއިން ދެވެން އޮތް ޖަވާބަކީ ގައުމުގެ ސިޔާސީ ފިކުރު ބައިބައިވާ ކޮންމެ ދަނޑިވަޅެއްގައި ވެސް އެ ފިކުރުތައް އެއް ފިކުރަކަށް ހަދައިދޭ ބަޔަކީ ގައުމީ ޓީމު ކަމެވެ.

ގައުމީ ޓީމު މާދަމާ ކުޅޭ މެޗަށް ސިޔާސީ ފިކުރުތައް އެއް ފަރާތްކޮށް، ނުވަތަ ހަނދާން ނައްތާލައި، ސަޕޯޓަރުން އެއް ބަހެއް ކިޔުމަކީ ދިވެހި ފުޓްބޯޅައަށް ކިހާ މުހިއްމު ކަމެއްތޯ ސުވާލު ކުރުމުން މިދިޔަ އަހަރު ރާއްޖޭގެ އެންމެ މޮޅު ކޯޗު އަދި ރާއްޖޭގެ އެއްވަނަ ޑިވިޝަނުގެ ޓީސީ ސްޕޯޓްސް ކުލަބަށް އިރުޝާދުދެމުންދާ ކޯޗު މުހައްމަދު ނިޒާމް (ނިޒާމްބެ) ބުނީ، ގައުމީ ޓީމަކީ މުޅި ގައުމު ތަމްސީލުކުރާ ބައެއް ކަމަށާއި ގައުމީ ޓީމަށް ހިތްވަރު ދިނުމަށް ކޮންމެ މީހަކު ވެސް ދަނޑަށް ދިއުން މުހިއްމު ކަމަށެވެ.

"ވަރަށް މުހިއްމު ކަމެއް، އެކުދިން މާދަމާ ރަމްޒުކޮށްދޭނީ ގައުމު. އެހްނެވީމަ ކޮންމެ ދިވެއްސަކު ވެސް ޓީމަށް ސަޕޯޓް ކުރަން ދިއުމަކީ ވަރަށް މުހިއްމު ކަމެއް،"ސަން ސްޕޯޓްސްއަށް ދިން އިންޓަވިއުއެއްގައި ނިޒާމްބެ ބުންޏެވެ.

މިދިޔަ އަހަރު ގައުމީ ޓީމާއި ގޯލްޑް ޓީމު ކުޅުނުމެޗަށް ފަހު ކުޅުންތެރީން ސަޕޯޓަރުންނާ ސަލާމްކުރަނީ. ފަލަސްތީނު މެޗުގައި ވެސް ދިވެހި ޓީމު ބޭނުންވަނީ ރަތާއި ފެއްސާ ހުދުގެ ސަޕޯޓެއް -- ސަން ފޮޓޯ: މުހައްމަދު އަފްރާހް

ގައުމީ ޓީމުގެ އެންމެ ތަޖުރިބާކާރު އެއް ކުޅުންތެރިޔާ މުހައްމަދު އުމައިރު ކުރިން ސަން ސްޕޯޓްސް އަށް ދިން އިންޓަވިއުއެއްގައި ބުނެފައި ވަނީ ޓީމު އޮތީ ތައްޔާރަށް ކަމަށާއި ބޭނުން ވަނީ 12 ވަނަ ކުޅުންތެރިޔާގެ އެހީ ކަމަށެވެ.

"އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ހުރިހާ ކުޅުންތެރީން ވެސް މަސައްކަތް ކުރާނަށް ގައުމަށް ރީތި ނަން ހޯދައިދޭން. ދެން ހަމަ ދިވެހި ސަޕޯޓަރުންނަށް ބުނެލާނީ، ހަމަ ކުރިއެކޭ ވެސް އެއްގޮތަށް ދިވެހި ޓީމަށް ސަޕޯޓު ދެއްވާށޭ. އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ހުރިހާ ކުޅުންތެރީން ވެސް މަސައްކަތް ކުރާނަމޭ ގައުމަށް ރީތި ނަން ހޯދައިދޭން. އެ އަޒުމުގައޭ އަޅުގަނޑުމެން މި ތިބީ،" މުހައްމަދު އުމައިރު ބުންޏެވެ.

ފުޓްބޯޅަ އެސޯސިއޭޝަންގެ ރައީސް ބައްސާމް އަދީލް ޖަލީލް ވިދާޅުވީ، ގައުމީ ޓީމު ނުކުންނަނީ މުޅި ގައުމު ރަމްޒުކޮށްދޭން ކަމަށާއި ދިވެހި ސަޕޯޓަރުން ދަނޑަށް އައިސް ދިވެހި ކުޅުންތެރިންނަށް ހިތްވަރު ދިނުން އެދޭކަމަށެވެ.

"އަޅުގަނޑު އެދެން ދިވެހި ޓީމަށް ސަޕޯޓް ދިނުމަށް ދަނޑަށް އައުން. ދިވެހި ޓީމަށް ދިވެހި ސަޕޯޓަރުންގެ އެހީ ބޭނުންވާނެ،" ބައްސާމް ވިދާޅުވި އެވެ.

ގައުމީ ޓީމުގެ މެޗެއްގެ ކުރިން ބޭއްވި ކުޑަކުދިންގެ ހަވީރެއްގައި ޓީމުގެ ކުޅުންތެރިން ބައިވެރިވަނީ --- ސަން ފޮޓޯ ފައިލް ފޮޓޯ

ގައުމުގެ ސިޔާސީ މަސްރަހުގައި މިއަދަކީ ވަރަށް މުހިއްމު ދުވަހެކެވެ. މަޖިލީހުން ނިންމާ ނިންމުން ކޮންމެ ގޮތަކަށްދިޔަ ކަމުގައިވިޔަސް، އެކަންތައްތައް ހަނދާނުން ފުހެލައި، މާދަމާ ދަނޑަށް ވަނުމަކީ މުހިއްމު ކަމެކެވެ. ގައުމުގެ ސިޔާސީ މަސްރަހު ހަލަބޮލިވި ނަމަވެސް، ދިވެހިން މީގެ ކުރިންވަނީ ގައުމީ ޓީމަށްޓަކައި އެ ހުރިހާ ކަމެއް ދޫކޮށް އެއް ތަނަކަށް އައިސް ސަޕޯޓްކޮށްފަ އެވެ. މިފަހަރު ވެސް ގައުމީ ޓީމުގެ ކޮންމެ ކުޅުންތެރިއެއްގެ އެދުމަކީ ވެސް އެއީ އެވެ.

ސައުތު އޭޝިއާ ސަރަހައްދުގައި ވެސް ދިވެހި ޓީމު މަޝްހޫރުވެފައި ވަނީ ސަޕޯޓަރުންގެ ފަންވަރާއި ހިތްވަރުން ކާމިޔާބު ހޯދާ ވަރުގަދަ ޓިމެއްގެ ގޮތުގަ އެވެ. އެހެންކަމުން ގައުމި ޓީމަށް ސަޕޯޓްދިނުމަށް ސިޔާސީ ތަފާތު ކުލަތައް ދޫކޮށްލައި، ދަނޑަށް އައިސް ސަޕޯޓް ކުރުމަށް މުޅި ދިވެހި ޓީމު ވެސް ދިވެހިންގެ ކިބައިން އެދެއެވެ. މުޅި ޓީމު އޮތީ ތައްޔާރަށެވެ. ބޭނުންވަނީ ބައިބައިވެފައިވާ ރައްޔިތުން އެކައްޗެއް ކިޔައިގެން މުޅި ދުނިޔެއަށް އެއްބަވަންތަކަން ދައްކާލުމެވެ.

އޭޝިއަން ކަޕް ކޮލިފައިންގައި ރާއްޖެއާއި ފަަލަސްތީން ބައްދަލުކުރާ މެޗު އޮންނާނީ މަދަމާރޭ 2100 ގައެވެ. ކޮންމެ މީހަކު ވެސް ކުލަގަދަ ރަތް ޖާޒީގައި މާދަމާރޭ ދަނޑަށް ދާން އަވަސްވެގެންނާށެވެ. ދޫކުރަން ވެސް ވަނީ ފަށައިފަ އެވެ. ހުރިހާ އެންމެން ވެސް ޓިކެޓެއް ހޯދުމަށް އަވަސްވެގަންނާށެވެ. މުޅި ދުނިޔެއަށް އެއްބައިވަންތަކަމުގެ މިސާލެއް ދައްކާލަމާ ހިނގާށެވެ.