ގއ. އަތޮޅު އޮފީހުގެ އެސިސްޓެންޓް ސެކްރެޓަރީ އަތޮޅު އޮފީހުގެ ސިމްކާޑެއް އަމިއްލަ ބޭނުމަށް ގެންގުޅެފައިވާތީ އޭނާގެ މައްޗަށް ދައުވާ ކޮށް ދިނުމަށް އެދި އެންޓިކޮރަޕްޝަން ކޮމިޝަން )އޭސީސީ( އިން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވައިފި އެވެ.

މި މައްސަލަ ޕީޖީއަށް އޭސީސީން ފޮނުވީ މިދިއަ ބުރާސްފަތި ދުވަހު އެވެ.

އޭސީސީން ބުނީ ގއ. އަތޮޅު އޮފީހުގެ ސެކްރެޓަރީގެ މަގާމުގައި ކުރިން ހުރި ގއ. ވިލިނގިލީ ޝަހީ މަންޒިލް، ޝީޒާ އަހުމަދު، އަތޮޅު އޮފީހަށް ލިބުނު މޮބައިލް ސިމްކާޑެއް )7796172 ނަމްބަރު( އޭނާގެ ވަތްގަނޑުގައި ބޭއްވުމަށް ފަހު އޮފީހުގެ އެއްވެސް ވެރިއެއްގެ ހުއްދައާ ނުލައި ބޭނުން ކުރި މުއްދަތުގައި ބިލަށް 3731.26ރ. އަރާފައިވާ ކަމަށް ބުނާ މައްސަލަ އޭސީސީން ބެލި އިރު އެ ނަމްބަރުގެ ސިމަކީ ކުރީގެ އެޓޯލްސް މިނިސްޓަރީން އަތޮޅު އޮފީހަށް ފޮނުވާފައިވާ ސިމެއްކަން އެނގޭ ކަމަށެވެ.

އަދި ބުނީ ޝީޒާގެ އަތުގައި ސިމް ބޭއްވުމަށްފަހު އަމިއްލައަށް، ދެ މަހާއި 17 ދުވަހު ސިމް ބޭނުންކޮށް 3731.26ރ. ފޯނު ބިލަށް އަރައިފައިވާއިރު އެ ފައިސާ ޝީޒާ ދައްކާފައި ނުވާ ކަމަށެވެ. އެކަންކަން ތަހުގީގަށް ސާބިތުވާތީ ކޮރަޕްޝަން ގާނޫނުގެ ދަށުން އޭނާގެ މައްޗަށް ދައުވާ ކުރުމަށް ޕީޖީއަށް ފޮނުވީ ކަމަށް ވެސް އޭސީސީން ބުންޏެވެ.