27 Mar 2017, 00:23
މާދަމާ ނަގާ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތް ކަމުގެ ވޯޓްގެ ކުރިން އެކުގައި މަސަތްކަތް ކުރުމަށް އެއްބަސްވެފައިވާ ޕީޕީއެމްގެ ރައީސް މައުމޫން އާއި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު އާއި އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ އާއި ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ ލީޑަރު ގާސިމް އިބްރާހިމްގެ ފަހު ބަސް އިއްވައިފި އެވެ.
އިދިކޮޅު ހަތަރު ލީޑަރުން ގުޅިގެން ޖޭޕީގެ މައި ޖަގަހަ މ. ކުނޫޒްގައި މިރޭ ކުރިއަށް ދިޔަ ޖަލްސާގައި ޖަލު ހުކުމެއްގައި ހުރި އިމްރާން އަބްދުﷲ އާއި ރައީސް މައުމޫން އިއްވެވީ ބަޔާނެކެވެ. އަދި ޓެރެރިޒަމްގެ ކުށް ސާބިތުވެ 13 އަހަރަށް ޖަލަށް ލާން ހުކުމް ކޮށްފައިވާ ރައީސް ނަޝީދު ސްރީލަންކާގެ ކޮލަމްބޯގައި ހުންނަވައިގެން އޭނާގެ މެސެޖް ދެއްވީ ވީޑިއޯ މެދުވެރިކޮށެވެ.
އިދިކޮޅު ހަތަރު ލީޑަރުން ވެސް ވަނީ މާދަމާގެ ވޯޓުގައި މަސީހުއާ ދެކޮޅަށް ވޯޓް ދެއްވުމަށް މަޖިލީހުގެ ހުރިހާ މެމްބަރުންނަށް ގޮވާލާފައެވެ.
"މި ވޯޓް މުހިންމު ވަނީ ގާނޫނު އަސާސީގައި ކަނޑައެޅިފައި ޒިންމާތައް ރައްޔިތުންގެ މަޖިލީހުގައި އަދާކުރުމުގެ ފުރުސަތު މިހާރު ހުންނެވި މަޖިލީހުގެ ރައީސް އެ މަޖިލީހައް ނުދެއްވާތީ. ގަވާއިދުތަކާއި އުސޫލުތަކުގެ ބޭރުން މަޖިލީހުގެ ކަންކަން މަޖިލީހުގެ ރައީސް ގެންދަވާތީ. ގައުމަށް ދިމާވާ ބޮޑެތި ކަންކަމުގައި މަޖިލީހުގައި މިނިވަންކަމާ އެކު މެމްބަރުން ހިޔާލު ފާޅުކޮށް މިނިވަންކަމާއި އެކު ބަހުސް ކުރުމުގެ މަޖިލީހުގެ ރައީސް ނުދެއްވާތީ. ސަރުކާރު ފުރިހަމައަށް ޖަވާބުދާރީ ކުރުވުމުގެ ފުރުސަތު މަޖިލީހުގެ ރައީސް ނުދެއްވާތީ،" ރައީސް މައުމޫންގެ ދަރިކަނބަލުން ޔުމްނާ މައުމޫން އިއްވެވި މައުމޫނުގެ ހިތާބުގައި ވިދާޅުވިއެވެ.
ކުނޫޒުގައި މިރޭ ބޭއްވި ޖަލްސާގައި މައުމޫންގެ ހިތާބު ޔުމްނާ އިއްވަނީ --- ސަން ފޮޓޯ: މުހައްމަދު އަފްރާހު
މައުމޫނު ވިދާޅުވީ ގައުމު އިސްލާހު ކުރެވޭނީ އެންމެ ފުރަތަމަ މަޖިލިސް އިސްލާހުކޮށްގެން ކަމަށާއި އެކުގައި މަސަތްކަތް ކުރުމަށް ލިބޭ އެންމެ ފުރަތަމަ އަދި އެންމެ މުހިންމު ފުރުސަތަކީ މާދަމާގެ ވޯޓް ކަމަށެވެ. އަދި އެ ވޯޓުގައި ގައުމު އިސްލާހު ކުރުމަށް ވޯޓް ނުދެއްވާ މެމްބަރުންނަކަށް ދިވެހި ރައްޔިތުންނާ އެ ހަތަރު ޕާޓީގެ ލީޑަރުންގެ ތާއިދެއް ނޯންނާނެ ކަމަށް މައުމޫން ވިދާޅުވިއެވެ.
ސްރީލަންކާގެ ކޮލަމްބޯގައި ހުންނަވައިގެން ދެއްވި ވީޑިއޯއަ މެސެޖުގައި ރައީސް ނަޝީދު ވިދާޅުވީ ސިޔާސީ ކަންކަމުގެ އިތުރުން އިޖްތިމާއީ ހުރިހާ ކަމެއްގައި ވެސް މިއަދުގެ ސަރުކާރުން ވަނީ ރައްޔިތުންނަށް އޮޅުވާލާފައި ކަމަށެވެ.
ކުނޫޒުގައި މިރޭ ބޭއްވި ޖަލްސާގައި ވީޑިއޯ މެދުވެރިކޮށް ނަޝީދު އިދިކޮޅު ކޯލިޝަނުގެ މެމްބަރުންނާ ވާހަކަ ދައްކަނީ --- ސަން ފޮޓޯ: މުހައްމަދު އަފްރާހު
"އަޅުގަނޑުމެންގެ އިންޑިއާ ކަނޑުގެ ސުލުހަވެރިކަން ހަމަހިމޭންކަން ނަގާލައިފި. ބައިނަލްޣްވާމީ ސަފުން ދިވެހިން ނިކަމެތިވެއްޖެ،" ނަޝީދު ވިދާޅުވިއެވެ.
އިމްރާންގެ ފަރާތްޕުޅުން އޭނާގެ ހިތާބު އިއްވަމުން ސިދާތާ ޝަރީފް ވިދާޅުވީ މިއަދު ދިވެހި ރައްޔިތުންނަށް ދިމާވެފައިވާ މުސީބާތަކީ މާޒީގައި ކާބަފައިންނަށް ދިމާވެފައިވާ ވަރުގެ ނުރައްކަަކަށް ވުރެން ކުޑަ ކަންކަމެއް ނޫން ކަމަށާއި އެ ހުރިހާ ކަމެކުން މިންޖުވާންވީ ވަގުތު ޖެހިއްޖެ ކަމަށެވެ.
ކުނޫޒުގައި މިރޭ ބޭއްވި ޖަލްސާގައި އިމްރާންގެ ހިތާބު ސިދާތާ އިއްވަނީ --- ސަން ފޮޓޯ: މުހައްމަދު އަފްރާހު
"ދިވެހިންނަށް ހައްގުވާ އެއްޗަކީ ބޭއިންސާފާއި އަނިޔާއެއް ނޫން. އަނިޔާވެރިކަމުން ސަލާމަތް ވެގެންވާ ވެއްޓާ ބިރުވެރިކަމުން ރައްކާތެރިވެެގެންވާ އަމާން މާހައުލާއި އަދި މާއުފާވެރި ފާގަތި ދިރުއުޅުމަކީ އަޅުގަނޑުމެންގެ ކުރެ ކޮންމެ މީހަކަށް ކޮންމެހެން ލިބެންވާ ހައްގުކަންކަން،" އިމްރާން ވިދާޅުވިއެވެ.
ތިން ލީޑަރުންގެ ވާހަކަފުޅަށް ވަރަށް ބޮޑަށް ތާއިދުކުރާކަން ހާމަކޮށް ވާހަކަފުޅު ދައްކަވަމުން ގާސިމް ވިދާޅުވީ މިއަދުގެ ސަރުކާރުން ދަނީ މަޖިލީހުގެ މެމްބަރުންގެ އިތުރުން ދިވެހި ރައްޔިތުންނަށް ވެސް ނުފޫޒު ފޯރުވަމުން ކަމަށާއި އެއީ ލަތުވެތި ކަމެއް ކަމަށެވެ.
ކުނޫޒުގައި މިރޭ ބޭއްވި ޖަލްސާގައި ގާސިމް އިބްރާހިމް ވާހަކަފުޅު ދައްކަވަނީ --- ސަން ފޮޓޯ: މުހައްމަދު އަފްރާހު
"ދިވެހި ރައްޔިތުންނަކީ މިނިވަން މުސްތަގިއްލު އަދި އަޅުގަނޑުމެންގެ ކާބަފައިންނަކީ ވެސް މިނިވަން މުސްތަގިއްލު ބައެއް. އަމިއްލަ ފުއްދުން ތެރިކަމާއި އަމިއްލަ ޝަހްސިއްޔަތެއް ހުރި ބައެއް،" ގާސިމް ވިދާޅުވިއެވެ.