27 Mar 2017, 00:01
އިންފްލުއެންޒާ އެޗްވަންއެންވަން ރޯގާއާ ގުޅިގެން ރާއްޖޭގެ ސިއްހީ އެލާޓް ލެވެލް ތިނެއްގައި މަސައްކަތް ކުރަމުން ދިޔަ ނަމަވެސް އެއީ ސްކޫލު ބަންދު ކުރުމާ ގުޅުން ހުރި ކަމެއް ނޫން ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފި އެވެ.
އެ އެޖެންސީން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ރާއްޖޭގައި ފެތުރެމުންދާ އެ ރޯގާގެ ހާލަތު އަންނަނީ ރަނގަޅުވަމުން ކަމަށާއި، މިވަގުތު އެޗްވަން އެންވަންއަށް ޕޮޒިޓިވް ވެގެން ފަރުވާ ދެމުން އަންނަނީ 31 މީހަކަށް ކަމަށް ވެސް ބަޔާނުގައި ވެއެވެ.
އެގޮތުން މާލޭގައި އެ ރޯގާ ޖެހިގެން ފަރުވާ ދެމުން އަންނަނީ 26 މީހަކަށް ކަމަށާއި އަތޮޅު ތެރޭގައި ފަރުވާ ދެމުން އަންނަނީ ފަސް މީހުންނަށް ކަމަށް ބަޔާނުގައި ވެއެވެ.
ރޯގާ ފެތުރެން ފެށި ދުވަސްވަރު ދުވާލެއްގެ މައްޗަށް 1000 އަށް ވުރެ ގިނަ މީހުން ޑޮކްޓަރަށް ދައްކަމުން އައި ނަމަވެސް، މިދިޔަ ހުކުރު ދުވަސް ނިމުނު އިރު ދުވާލެއްގެ މައްޗަށް ޑޮކްޓަރަށް ދައްކާ މީހުންގެ އަދަދު 200 އަށް ތިރިވެފައިވާ ކަމަށާއި މާލޭގައި ގާއިމް ކުރި ފްލޫ ކްލިނިކްތަކަށް އަންނަ މީހުންގެ އަދަދު މަދުވެ، ބައެއް ކްލިނިކްތައް ބަންދު ކޮށްފައިވާ ކަން ވެސް އެ އެޖެންސީން ފާހަގަކޮށްފައިވެއެވެ.
އެ ބަޔާން ނިންމާލަމުން އެޗްޕީއޭއިން ވަނީ އާންމު ސާފުތާހިރުކަން ދެމެހެއްޓުމަށާއި ރޯގާ ޖެހިފައިވާ މީހުންނާއި ކުޑަކުދިން ބޭރަށް ނުކުމެ އުޅުން މަދު ކުރުމަށް އިލްތިމާސްކޮށްފައެވެ.