ރާއްޖޭގައި ގާއިމުވެފައިވާ އަމާންކަން ނަގާލުމަށް ހަމަނުޖެހުން ހިންގުމަށް ބަޔަކު ރާވަމުންދާ ކަމުގެ މައުލުމާތު ލިބިފައިވާ ކަމަށް ފުލުހުންނާއި ގައުމީ ދިފާއީ ބާރުން ބުނެފި އެވެ.

ފުލުހުންނާއި ސިފައިން ގުޅިގެން އިސްކަންދަރު ބިލްޑިންގައި ކުއްލި ގޮތަކަށް މިރޭ ބޭއްވި ޕްރެސް ކޮންފަރެންސްއެއްގައި ޗީފް ސްޕްރިޓެންޑެންޓު އޮފް ޕޮލިސް ހަމްދޫން ރަޝީދު ވިދާޅުވީ ރައްޔިތުންގެ ގޯތިގެދޮރާއި މުދަލަށް ގެއްލުން ދިނުމަށް ހަރަކާތެއް ހިންގުމަށް ފުރުސަތު ނުދޭނެ ކަމަށެވެ.

"ރާއްޖޭގައި މިހާރު އޮތް ހަމަޖެހުމާއި ސުލްހަމަސަލަސްކަން ނަގާލައި ރާއްޖޭގެ ސިޔާސީ މަސްރަހު ހަލަބޮލިކޮށްލުމުގެ ގޮތުން ހަމަނުޖެހުން ހިންގުމަށް ބައެއް ފަރާތަކުން ރާވަމުންދާ ކަމުގެ މައުލޫމާތު މި ސާވިސްއަށް ވަނީ ލިބިފައި،" ޗީފް ސްޕްރިޓެންޑެންޓު އޮފް ޕޮލިސް ހަމްދޫން ރަޝީދު ވިދާޅުވި އެވެ.

"މިފަދަ ދަނޑިވަޅެއްގައި ރަށުތެރެ ހަލަބޮލިކޮށް، ހަމަނުޖެހުން އުފެއްދުމަށް ރައްޔިތުންގެ ގޯތިގެދޮރާއި މުދަލަށް ގެއްލުން ދިނުމަށް އެއްވެސް ހަރަކާތެއް ހިންގަން އެއްވެސް ފަރާތަކަށް ފުރުސަތު ނުދޭނެކަން މި ފުރުސަތުގައި ދަންނަވަން."

ހަމްދޫން ވިދާޅުވީ ގާނޫނީގޮތުން އުފެދިފައިވާ ސަރުކާރާއި ރައްޔިތުން ހިމާޔަތްކުރުމަށް އެއްވެސް ތަފާތުކުރުމެއް ނެތި ފުލުހުން މަސައްކަތް ކުރާނެ ކަމަށެވެ.

އެމްއެންޑީއެފްގެ ކެޕްޓަން އިބްރާހީމް އާޒިމް ވިދާޅުވީ އެމްއެންޑީއެފް އޮތީ ފުލުހުން އެދޭ ކޮންމެ ކަމެއްގައި އެއްބާރުލުންދިނުމަށް ތައްޔާރަށް ކަމަށެވެ.

ރާއްޖޭގެ ހަމަޖެހުމާއި ސުލްހަ މަސަލަސްކަމަށްޓަކައި ހުރިހާ ރައްޔިތުންވެސް ގާނޫނާއި ގަވާއިދުގެ ތެރެއިން މަސައްކަތް ކުރާނެ ކަމަށް އޭނާ ވިދާޅުވިއެވެ.