ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މުހައްމަދުގެ އިތުބާރު ނެތްކަމުގެ މައްސަލައަށް ތާއީދު ކުރުމަށް އިދިކޮޅު އެމްޑީޕީން ތްރީލައިން ވިޕެއް ނެރެފި އެވެ.

އެމްޑީޕީގެ ޕާލިމަންޓަރީ ގްރޫޕުގެ މެމްބަރު އަބްދުﷲ ޝާހިދު ކުރެއްވި ޓްވީޓެއްގައި އޭނާ ވިދާޅުވީ މަސީހުގެ އިތުބާރު ނެތް ކަމުގެ މައްސަލާގައި ވޯޓު ދިނުމާ ގުޅޭ ގޮތުން އެ ޕާޓީގެ ޕާލިމަންޓަރީ ގްރޫޕުން ތްރީލައިން ވިޕެއް ނެރެފައިވާ ކަމަށެވެ. އަދި ވިޕާ އެއް ގޮތްވާ ގޮތުގެ މަތިން ވޯޓު ދެއްވާނެ ކަމަށްވެސް އޭނާ ވިދާޅުވެފައިވެއެވެ.

އެމްޑީޕީން މިފަދަ ވިޕެއް ނެރެފައިވާއިރު، ސަރުކާރު އުފެދިގެން އައި އިރު، ސަރުކާރާއެކު ކޯލިޝަން ހެދި ޕާޓީތަކުންވެސް ވަނީ ސަރުކާރަށް ކުރެއްވި ތާއީދު އަނބުރާ ގެންގޮސް އެއް ފިކުރަކަށް މަސައްކަތް ކުރުމަށް އެއްބަސްވެފައެވެ. އަދި މަސީހުގެ އިތުބާރު ނެތް ކަމުގެ މައްސަލާގައި އެއްބާރުލުން ދިނުމަށްވެސް އެ ޕާޓީތަކުން ވަނީ އެއްބަސްވެފައެވެ.

އެމްޑީޕީއާ އެކު މަސައްކަތް ކުރުމަށް އެއްބަސްވި ޕާޓީތަކުގެ ތެރޭގައިި ޕީޕީއެމްގެ ރައީސް މައުމޫންގެ ފެކްޝަނާއި، އަދާލަތު ޕާޓީއާއި ޖުމްހޫރީ ޕާޓީ ހިމެނެއެވެ.