04 Jul 2011, 13:13
ޕްރިމިއާ ލީގްގެ މެންޗެސްޓާ ސިޓީގެ ކޯޗް ރޮބާޓޯ މަންޗިނީގެ އާ ޕްލޭންގައި ހިމަނައި އަންނަ ސީޒަނަށް ގެންނަން ބޭނުންވާ ކުޅުންތެރިންގެ ލިސްޓަށް ސީރީއާގައި ކުޅޭ ގިނަ ކުޅުންތެރިންތަކެއް ހިމަނައިފައިވާ ކަމަށް ކޯޗް މަންޗިނީ ބުނެފި އެވެ.
ޕްރެމިއާ ލީގުގެ ތިން ވަނާގައި އޮވެ ސީޒަން ނިންމާލި ސިޓީއިން އަންނަ ސީޒަންގައި ހޯދާނެ ކުޅުންތެރިންގެ ލިސްޓް ހާމަކުރި އިރު އިންޓަރމިލާންގެ ކެމަރޫން ފޯވާޑް އެޓޫއާއި އާސެނަލްގެ ނަސްރީ ގެންނާނެކަމަށް މީޑިއާގައި ދެކެވުނު ވާހަކަތައް މަންޗިނީ ވަނީ ދޮގުކޮށްފަ އެވެ. މަންޗިނީ ބުނީ ނަސްރީއާ ވާހަކަދައްކަމުން ނުދާކަމަށެވެ. އުޑިނޭސީގެ ތަރި އެލެކްސިސް ސަންޗޭޒް ހޯދުމުގެ ރޭހުން ސިޓީ ވަކިވެފައިވީނަމަވެސް މަންޗިނީގެ ބުނީ އޭނާގެ ލިސްޓްގައި އަދިވެސް ގިނައީ އިޓަލީ ލީގަށް ކުޅޭ ކުޅުންތެރިން ކަމަށެވެ.
"އަހަރެންނަށް ކަމުދޭ އިޒެކުވިލް ލަވޭޒީ، މަރެކް ހެމްސިކް އަދި އެޑިންސަން ކަވާނީވެސް. ޖާވިއާ ޕާސްތޯރް ކުޅުންމާމެދުވެސް ހިތްހަމަޖެހޭ. އުޑިނޭސީއަށް ބަލައިލާއިރު ޕަބްލޯ އަރްމޭރޯ އަދި މޯރީސިއޯ އިސްލާވެސް ރަނގަޅު. އޭގެ އިތުރުން މިހާރު މޮޅު ކުޅުމެއް ދައްކަމުންއަންނަ އެންޓޯނިއޯ ޑި ނަޓާލޭވެސް ފާހަގަކޮށްލަން." ކޯޗް މަންޗިނީ ބުންޏެވެ.
ޓީމްގެ ކެޕްޓަން، އާޖެންޓީނާގެ ތަރި، ޓެވޭޒްއާ ބެހޭ ގޮތުން މަންޗިނީ ބުނީ ޓެވޭޒް ކްލަބުގައި މަޑުކުރާނެ ކަމަށެވެ.
"އެއީ މޮޅު ކުޅުންތެރިއެއް. ޓެވޭޒްއާއި އެޓޫއާއި ބަދަލުކުރުމަށް އިންޓަރމިލާންއާއި ވާހަކަދެކެވުނު. އެކަމަކު އެމީހުން އެގޮތަކަށް އެއްބަހެއް ނުވި. ޑިފެންޑާ ސަވިޗް ގެނައުމަށް ވާހަކަދެކެވެމުން އެބަދޭ." ކޯޗް މަންޗިނީ ބުންޏެވެ.