04 Jul 2011, 12:47
މާލޭގެ މޭޔަރު ސަރަނގު އާދަމް މަނިކުގެ އިތުބާރު ނެތް ކަމަށް ވޯޓު ނަގަން ކައުންސިލަށް މައްސަލަ ވެއްދި އެމްޑީޕީގެ މެންބަރު މުހަންމަދު ފަލާހު އެ މައްސަލަ މިއަދު އަނބުރާ ގެންދަވައިފި އެވެ.
ހެނދުނު 10:00 ޖެހި އިރު ބޭއްވި ސިޓީ ކައުންސިލްގެ ޖަލްސާގައި އާދަމް މަނިކުގެ މައްޗަށް އިތުބާރު ނެތްކަމުގެ ވޯޓު ނެގުމަށް އެޖެންޑާ ކޮށްފައި އޮތް ނަމަވެސް އެ މައްސަލަ ފަލާހު އަނބުރާ ގެންދަވާފައި ވަނީ ޖަލްސާ ފެށުމާއެކު ކަމަށް ޑެޕިއުޓީ މޭޔާ އަހުމަދު ސަމާހު ވިދާޅުވި އެވެ.
"އެޖެންޑާ ފާސްކުރުމުގެ ވަގުތުގައި އެ މައްސަލަ ވަނީ އެ މެންބަރު ގެންދަވާފައި. ވަކި ސަބަބެއް ވިދާޅެއް ނުވޭ. އެ މައްސަލަ އެ ނިމުނީ،" ސަމާހު ވިދާޅުވި އެވެ.
ފަލާހުގެ ފޯނު ނުނަންގަވާތީ މިކަމުގައި ފަލާހުގެ ބަހެއް ވަނީ އަދި ލިބޭގޮތް ނުވެފަ އެވެ.
ޑީއާރްޕީ އަށް ނިސްބަތްވެ ވަޑައިގަންނަވާ މާލޭ ސިޓީ ކައުންސިލްގެ މެންބަރު އިބްރާހިމް ސުޖާއު މިއަދު ވިދާޅުވީ މޭޔަރުގެ އިތުބާރު ނެތްކަމުގެ މައްސަލަ ފަލާހު އަނބުރާ ގެންދެވީ މޭޔަރު ކަމަށް ހޮވަން ބޭނުންވާ މައިޒާން އަލިމަނިކު (އަލިބެ) ރަށުގައި ނެތިސް އިތުބާރު ނެތް ކަމުގެ ވޯޓެއް ނަގައި މޭޔަރު މަގާމުން ދުރުކޮށްފި ނަމަ އެކަމުން ކައުންސިލަށް ލިބިދާނެ ހުސް ކަމަކުން ސަލާމަތްވުމަށް ކަމަށާއި މި މަހުގެ 12 ވަނަ ދުވަހު އަލިބެ އައުމުން އެކަމަށް އަނެއްކާ ވެސް ގޮތެއް ނިންމާނެ ކަމަށެވެ.
"އަޅުގަނޑު ފަލާހު ކުރެން އަހާލީމާ ވިދާޅުވި އަލިބެ މިކޮޅުގައި ނޫޅުއްވާތީ، އަލިބެ 12 ގައި މިކޮޅަށް ދުރުވީމައޭ އަލުން އެކަން ކުރިއަށް ދާނީ. އެހެންވެ އެ މައްސަލަ ގެންދެވީ ކަމަށް ފަލާހު އަޅުގަނޑު ކައިރި ވިދާޅުވި،" ސުޖާއު ވިދާޅުވި އެވެ.
އަލިބެ މިވަގުތު ހުންނެވީ ޖަޕާނުގައި މިހާރު ކުރިއަށްދާ އެތުލެޓިކްސްގެ ބައްދަލުވުމަކަށް އެ ގައުމަށް ވަޑައިގެންނެވެ.
ސުޖާއު ވިދާޅުވީ މޭޔަރު ސަރަގު އާދަމް މަނިކުގެ މައްޗަށް އިތުބާރު ނެތްކަމުގެ ވޯޓެއް ކައުންސިލުން ނަގަނީ ސަރަނގު އާދަމް މަނިކު މޭޔަރަކަށް ހުރެގެން ކުރެވިފައިވާ ކަންތައްތަކުގެ ފެންވަރެއް ނެތުމާއި އެދެވޭ ގޮތަށް ކައުންސިލުގެ މަސައްކަތްތައް ކުރިއަށް ނުދާތީ ކަމަށެވެ.
"އަޅުގަނޑުމެން ބޮޑު ކަންބޮޑުވުމަކަށް ގޮސްގެން މިކަންތައް މި ހިސާބަށް މި ދިޔައީ. އަޅުގަނޑުމެން ބޭނުންވަނީ މިކަމަށް ހައްލެއް. އެގޮތަށް ނުވެއްޖިއްޔާ އެހެން ގޮތަކުންވެސް މިކަންބޮޑުވުންތައް ހައްލުކުރާނަން،" ސުޖާއު ވިދާޅުވި އެވެ.