ހުރިހާ މީހުންނަށް އޭޑީކޭ ހޮސްޕިޓަލުން އިންފުލުއެންޒާ ފުލޫ ވެކްސިން ޖަހައިދޭން ފަށައިފި އެވެ.

ހަލުވިކަމާ އެކު މިހާރު ފެތުރެމުންދާ އިންފުލުއެންޒާ އެޗް1އެން1 އަށް ޕޮސިޓިވްވި ފަސް މީހަކު ވަނީ މަރުވެފަ އެވެ.

އޭޑީކޭ އިން ބުނީ ވެކްސިންގެ ހިދުމަތް ދޭނީ ބަންދު ނޫން ކޮންމެ ދުވަހެއްގެ ތިނަކުން ފެށިގެން ކަމަށެވެ. އަދި ޓޯކަން ދޫކުރާނީ އެ ދުވަހަކު ވެކްސިން ޖަހައިދެވޭ މިންވަރަށް ކަމަށް އޭޑީކޭ އިން ބުންޏެވެ. އޭޑީކޭ އިން ވެކްސިން ޖަހައިދެނީ ކިހާވަރަކަށް ކަމެެއް އަދި ޔަގީނެއް ނުވެ އެވެ.

ތިނެއް ޖަހާއިރު ވެކްސިން ޖަހައިދޭން ފަށާއިރު މިހާރު ވެސް އޭޑީކޭގައި ބޮޑު ކިޔުއެއް ވަނީ ހަދައިފަ އެވެ. އޭޑީކޭގައި ހަދާފައިވާ ވެކްސިން ކިޔު ސޯސަން މަގުން ގޮސް ދަމާސް ފަރުނީޗަރު ފިހާރައާ ހަމައަށް ވަނީ ގޮސްފަ އެވެ.

އޭޑީކޭ އިން ބުނީ އުމުރުން ފަސް އަހަރުން ދަށުގެ ކުދިންނާއި، 65 އަހަރުން މަތީގެ މީހުން އަދި އާންމުން ވެކްސިން ޖަހަން ދާން ޖެހޭނީ އައިޑީކާޑު ހިފައިގެން ކަމަށެވެ.

ވެކްސިން ޖެހުމަށް އޭޑީކޭގައި ހަދާފައިވާ ކިޔު --- ސަންފޮޓޯ/ ފަޔާޒު މޫސާ

އޭގެ އިތުރުން މާބަނޑު މީހުން އައިޑީކާޑާ އެންޓިނޭޓަލް ކާޑު ހިފައިގެން ދިޔުމަށާއި ކެންސަރު ބަލީގެ މީހުންނާއި ގުނަވަންތައް ބަދަލުކޮށްފައިވާ މީހުން ޑޮކްޓަރުގެ ލިޔުން ހިފައިގެން ދިޔުމަށް އޭޑީކޭ އިން ވަނީ އިލްތިމާސްކޮށްފަ އެވެ.

އުމުރުން ހަ މަސް ނުފުރޭ ކުޑަކުދިން އިންފުލުއެންޒާ ވެކްސިން ޖަހަން ނުޖެހޭ ކަމަށް އޭޑީކޭ އިން ބުންޏެވެ.

އިންފުލުއެންޒާ ވެކްސިން ޖެހުމުގެ ކުރިން ސަމާލުވާންވީ ކަންކަން

  • އުމުރުން ހަމަސް ނުފުރޭ ކުދިންނަށް ވެކްސިން ނުޖެހުން
  • އެއްވެސް ކަހަލަ އެލާޖީއެއް ހުންނަ ނަމަ ވެކްސިން ޖެހުމުގެ ކުރިން ޑޮކްޓަރާ މަޝްވަރާކުރުން
  • ގިއާން ބާރޭ ސިންޑްރޮމް (ޖީ.ބީ.އެސް) ހުންނަ ކުދިން ވެކްސިން ނުޖެހުން
  • އެއްވެސް ބައްޔަކަށް ބޭސްފަރުވާ ކުރާ މީހެއް ނަމަ ވެކްސިން ޖެހުމުގެ ކުރިން ޑޮކްޓަރާ މަޝްވަރާކުރުން

އޭޑީކޭއިން މިހާތަނަށް ވަނީ 3400 ފަރާތަކަށް އިންފުލުއެންޒާ ވެކްސިން ޖަހައިފަ އެވެ.

އައިޖީއެމްއެޗުން އިންފުލުއެންޒާ ވެކްސިން ޖަހައިދެނީ ހަމައެކަނި މާބަނޑު މީހުންނަށެވެ.