ސިލްހަޓް (މާޗް 26) : ބަންގްލަދޭޝްގެ އިރުއުތުރުގެ ސިލްހަޓް ސަރަހައްދުގައި ބާރުގަދަ ދެ އެއްޗެއް ގޮއްވާލުމުގެ ސަބަބުން 6 މީހުން މަރުވެ އިތުރު ބަޔަކު ޒަޚަމްވެއްޖެއެވެ.

ބަންގްލަދޭޝްގެ ފުލުހުން ބުނާގޮތުން މި ގޮއްވުންތައް ގޮއްވާލާފައިވަނީ ދީނީ ގޮތުން ހައްދު ފަހަނަޅާފައިވާ ޖަމާއަތެއްގެ ބަޔަކު ފިލައިގެންތިބި އިމާރާތަކުން އެމީހުން ބޭރުކުރުމަށް ފުލުހުން މަސައްކަތް ކުރަމުން ގެންދަނިކޮށް އެއިމާރާތުން ބޭރުގައެވެ. މިހާދިސާގައި މަރުވެފައި ވަނީ ފުލުހުންގެ ދެމީހުންނާއި އާންމުންގެ ހަތަރު މީހުންނެވެ. ޒަޚަމް ވެފައިވަނީވެސް އާންމުންނާއި ފުލުހުންނެވެ.

މި ގޮއްވުންތައް ގޮއްވާލުމަށްފަހު ވެސް ހަރުކަށި މީހުން ފިލައިތިބި އިމާރާތުން އެމީހުން ބޭރުކޮށް ހައްޔަރުކުރުމަށް ކުރާ މަސައްކަތް ހުއްޓާނުލާކަމަށާ އެމީހުން ހައްޔަރު ކުރެވެންދެން އެކަން ކުރިޔަށްގެންދާނެ ކަމަށް ބަންގްލަދޭޝްގެ ފުލުހުން ބުނެއެވެ. ފުލުހުން މިހާރުވަނީ އެއިމާރާތް ވަށާލައި އެސަރަހައްދު ހިސާރުކޮށްފައެވެ.

ރިޕޯޓްތައް ބުނާ ގޮތުން ފުލުހުންނަށް ހައްދުފަހަނަޅާފައިވާ މީހުން ހައްޔަރު ނުކުރެވިގެން އުޅެނީ އެމީހުން ފިލައިތިބި އިމާރާތުގެ ތެރޭގައި އެމީހުން އާންމުންގެ ބަޔަކު ރަހީނުކޮށްގެން ތިބުމުން އާންމުންގެ ފުރާނައަށް ނުރައްކާވާތީއެވެ. އެއިމާރާތުގެ ބޭރުގައި ގޮވާފައިވަނީ ހައްދު ފަހަނަޅާފައިވާ މީހުން އެއިމާރާތުގެ ވަށައިގެން އިންދާފައިވާ ބޮންތަކެއްކަމަށް ވެއެވެ. ފުލުހުންވަނީ މީގެތެރެއިން ނުގޮވައިހުރި ބޮންތައް ހޯދައި އެތަކެތީގެ ބާރު ކަނޑުވާލާފައެވެ.

ޚަބަރުތައް ބުނާގޮތުން ސިލްހަޓް ސަރަހައްދުގެ 5 ބުރީގެ އިމާރާތެއްގައި އާންމުންގެ ބަޔަކު ރަހީނުކޮށްގެން ތިބީ އައިއެސް ޖަމާއަތުގެ ހަރުކަށި ފިކުރަށް ހެއްލި މަގުގެއްލިފައިވާ ބަންގްލަދޭޝްގެ ޒުވާނުންގެ ޖަމާއަތެއްގެ ބައެކެވެ. މިޖަމާއަތަށް ނިސްބަތްވާ މީހަކުވަނީ ބަންގްލަދޭޝްގެ ވެރިރަށް ދާކާގެ އިންޓަނޭޝަނަލް އެއާޕޯޓާ ކައިރި ސަރަހައްދެއްގައި މިދިޔަ ހުކުރުދުވަހު އަމިއްލައަށް މަރުވެގެން ޓެރަރިސްޓް ހަމަލާއެއްދީފައެވެ.

މިދިޔަ ހޮނިހިރު ދުވަހު ބަންގްލަދޭޝްގެ ފުލުހުންވަނީ ހަތިޔާރު އަޅައިގެންހުރި މި ޖަމާއަތަށް ނިސްބަތްވާ މީހެއްގެ ގަޔަށް ބަޑިޖަހައި މަރާލާފައެވެ. އެމީހާ މަރާލުމަށްފަހު އޭނާގެ ހަށިގަނޑު ޗެކްކުރުމުން ދަބަހާއި ޖެކެޓުން އަތުބޮމާއި ގޮވާތަކެތި ފެނިފައިވާ ކަމަށް ފުލުހުން ބުނެއެވެ.

އައިއެސް ޖަމާއަތުން ބަންގްލަދޭޝްގެ ޒުވާނުންގެ މެދުގައި އެ ޖަމާއަތުގެ ހައްދު ފަހަނަޅާފައިވާ ފިކުރުތައް ފެތުރުމަށް މަސައްކަތް ކުރާ ކަމަށް ބަންގްލަދޭޝްގެ އަމްނާބެހޭ ފަރާތްތަކުން ބުނެއެވެ. (ބީބީސީ)