ކާމިޔާބީއެއް ނުލިބޭނަމަ އަންނަ ސީޒަންގައި އާސެނަލް ދޫކޮށްލާނެކަމުގެ އިންޒާރުދީ، ކޯޗް އާސެން ވެންގާއަށް އެކްލަބްގެ ފްރާންސް ތަރި ސާމިރް ނަސްރީ ޕްރެޝަރު ބޮޑުކޮށްފި އެވެ.

ނަސްރީއާއި އާސެނަލްއާއި ދެމެދު ހަދާފައިވޭ އެއްބަސްވުން އެއް އަހަރުތެރޭ ހަމަވާއިރު މެންޗެސްޓާ ޔުނައިޓެޑާއި ވާދަވެރި ޗެލްސީއިން ދަނީ 24 އަހަރުގެ މިކުޅުންތެރިޔާ ހޯދަން މަސައްކަތްކުރަމުންނެވެ. އަނެއްކޮޅުން އާސެނަލްގެ ކޯޗް ވެންގެންދަނީ ކްލަބުގައި ނަސްރީ ބެހެއްޓުމަށް ގަދަ އަޅަމުންނެވެ.

ސީޒަން ފަށާއިރު އާސެނަލްއަށް އެކްލަބުގެ މުހިންމު ދެ ކުޅުންތެރިޔަކު ގެއްލިދާނެކަމުގެ ބިރު ވަނީ ހީވެފައެވެ. ކެޕްޓަން ފެބްރިގާސް ހޯދަން ބާސެލޯނާ ވިއްދާފައިވާއިރު ވަރުގަދަ ދިފާއީ ކުޅުންތެރިޔާ ގާލް ކްލިޗީ އަށް ފާރަލުމުގައި މެންޗެސްޓާ ސިޓީގެ ސްކައުޓުން އަވަދިނެތި ދަނީ މަސައްކަތް ކުރަމުންނެވެ.

އާސެނަލްއަށް އިތުރު މޮޅު ކުޅުންތެރިންތަކެއް އަންނަ ސީޒަނަށް ގެނެސް ޓީމު އިތުރަށް ވަރުގަދަކުރާނެކަމަށް ވެންގާ ބުނިނަމަވެސް އަދި އެކަން އަމަލުން ފެންނަގޮތެއް ނުވެއެވެ.

"އަހަރެންނަށް ފައިސާއަކީ މުހިންމު އެއްޗެއްނޫން. އަހަރެން ހުރިހާ ނިންމުމެއް ނިންމަނީ ފުޓްބޯޅައިގެ މިންގަނޑުން. އަހަރެންގެ ސްޓައިލަށް ނުކުޅެވޭ ކްލަބަކާއި ގުޅޭކަށް އަހަރެން ބޭނުމެއްނޫން،" ނަސްރީ ބުންޏެވެ.
ޕްރާންސްގެ ތަރި ނަސްރީ ވެސް އެހެން ކުޅުންތެރިންނެކޭ އެއްފަދައިން ތަށި އުފުލައިލަން ބޭނުންވާ ކަމަށް ނަސްރީ ވަނީ ބުނެފަ އެވެ.
"އަހަރެން ބޭނުންވަނީ ޓްރޮފީތައް ގިނައިން ހޯދައި ކާމިޔާބު ކެރިއާއެއް ބިނާކުރަން. ކާމިޔާބީއަކާ ހިސާބަށް ނުދެވޭނަމަ ބެލެންޑީއޯ އެވޯޑް އަހަރެންނަށް ލިބުން ވަރަށް ދުރު. އަހަރެން އިނގިރޭސިވިލާތަށް އައީ ކާމިޔާބީ ހޯދުމުގެ އަޒުމުގައި،" ނަސްރީ ބުންޏެވެ.
އާސެނަލްއަށް އެންމެ ފަހުން ޕްރެމިއަރ ލީގު ތަށްޓެއް ކާމިޔާބުކުރެވިފައިވަނީ 2003 ވަނަ އަހަރު އާއި 2004 ގަ އެވެ.